ތިލަމާލެ ބްރިޖް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި އެކީގައި ގުޅުވާލުމަށް ކުރިއަށް ގެންދާ 'ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް' ގެ ދަށުން ބިނާކުރާ 6.7 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓް އާ ހާވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 26 އޮގަސް 2021 ގައެވެ.

މަސައްކަތް ކުރާ ކުންފުނި[އުނިއިތުރު ގެންނަވާ]

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓް އާ އެވެ. އެ ކުންފުނި، 1959 ވަނަ އަހަރު އުފެދިގެން މިހާ ހިސާބަށް އައިރު، ބިޔަ ބްރިޖުތައް ހިމެނޭ ގޮތަށް، ކޮންސްޓްރަކްޝަންގެ އެކި ދާއިރާތަކުން ކޮށްފައިވާ ތަޖުރިބާތަށް ވަރަށް ބޮޑެވެ. ބްރިޖު ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ދާއިރާއިން ދުނިޔޭގެ 21 ވަނައިގައި އޮތް އެ ކުންފުނިން 150 އަށް ވުރެ ގިނަ ބްރިޖު އެޅުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އެއްގަމާއި ކޯރާއި އަދި ކަނޑު ހުރަސްކޮށް ވެސް ބްރިޖުތައް އަޅާފައިވެ އެވެ. ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުތަކުގައި އެ ކުންފުނީގެ ޕްރޮޖެކްޓުތައް ހިންގާފައިވާއިރު، ރާއްޖޭގައި ހަދާ ބްރިޖުގެ އަމަލީ މަސައްކަތް ފަށަން ވަގުތު ވަނީ ކުޑަތަންވެފަ އެވެ.

ބްރިޖުގެ މަސައްކަތް އިފްތިތާހް ކުރުން[އުނިއިތުރު ގެންނަވާ]

ތިލަމާލެ ބްރިޖްގެ މަސައްކަތް ރަސްމީކޮށް އިފްތިހާކުރުން ބޭއްވީ އިންޑިޔާގައެވެ. 2 އޮގަސްޓް 2022 ގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދެ ބޭފުޅުން މި ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ އަޅުއްވައިދެއްވިއެވެ. އަދި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު އިންޑިޔާގައި ކުރިއަށް ދާއިރު، ހަމަ އެވަގުތު ރާއްޖޭގައި ބްރިޖުގެ ބިންގާ އަޅާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައި ވެއެވެ. އެހެންނަމަވެސް ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއު އިފްތިތާހް ކުރުން އަވައްޓެރި އިންޑިޔާގައި ބާއްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ރައްދުކުރިއެވެ. [1]

ޕްލެޓްފޯމް ފަރަށް އެރުން[އުނިއިތުރު ގެންނަވާ]

ވިލިމާލޭ ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުން ކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އުރި، އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. 16 އޮގަސްޓް 2022 ގައި ހިނގި މި ހާދިސާގައި ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ 69.4 މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާކުރިއެވެ.

އެންމެ އުސް ޕްރީ ކާސްޓް ސެގްމެންޓް[އުނިއިތުރު ގެންނަވާ]

ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށާއި އޭގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފައި ވެއެވެ. މި ބްރިޖުގެ ޕްރީކާސްޓް ސެގްމެންތްތައް ހަދަނީ ގުޅީފަޅުގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  1. "Archive copy". Archived from the original on 1659874677. Retrieved 1700474075.  Check date values in: |access-date=, |archive-date= (help)