ތިއްޖެހި ތާކިހާ ކޮލި

ވިކިޕީޑިއާ އިންވިކިޕީޑިއާ


ތިއްޖެހި ތާކިހާ ކޮލި (އިނގިރޭސި ބަހުން: Canthigaster Janthinoptera)ނުވަތަ (އިނގިރޭސި ބަހުން: Honey-comb Sharpnosed puffer fish) އަކީ ކޮލީގެ ވައްތަރެކެވެ. މިއީ ރާއްޖޭގެ ފަރުތަކުގައި ހުންނަ ހޮހަޅަތަކާއި މުރަކަތަކުގެ ނިވަލުގައި އުޅޭ އިސްކޮޅުން ކުޑަ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 7.5 ސެންޓި މީޓަރަށެވެ. މިއީ ވަރަށް ބޮޑަށް ފިލައިގެންއުޅޭ މަހެއް ކަމުން އާންމުކޮށް ފަރުމައްޗަށް އެރި އުޅޭ ފަރާތްތަކަށާއި، ފީނައި އުޅޭ މީޙުންނަށް މިމަސް ފެންނަނީ ވަރަށް މަދުންނެވެ. މިބާވަތުގެ ތާކިހާ ކޮއްޔަށް ދިވެހިންގެ ތެރޭގައި ކިޔުމަށް ވަކި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ ސިފޔަށް ވިސްނާ މިމަހަށް ތިއްޖެހި ތާކިހާ ކޮލި ކިޔާ ނަންދީފައިވަނީ އެވެ. މިއީ ވަރަށް ފަރި މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައި ގައި 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވެސް 9 ނުވަތަ 10 މަޑުކަށި ހުރެއެވެ. ކަންފަތް ގަނޑުގައި 16 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށި ނާރިނގު ކުލައެވެ. މުޅި މަހުގައި ފަނޑު ފެހި ނޫކުލައެއްގެ ތިއްތަކެއް ޖަހާފއި ހުރެއެވެ. އަދި މިކުލައިގެ ރޮނގުތަކެއް ލޮލުގެ ވަށައިގެން ހުރެއެވެ. މަހުގެ ނިގޫފަތާއި ކޮތަރިތައް ހުންނަނީ ވަރަށް ފަނޑު މުށިކުލައެއްގައެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މިފަދަ މަސް ކެއުމުން ވިހަވެ ނުރައްކާތެރިކަމާ ކުރިމަތިލާންޖެހެއެވެ. ވުމާއެކު މިއީ އެއްގޮތަކަށް ވެސް ކައިގެންވާނޭ މަހެއް ނޫނެވެ.