ތިއްޖެހި ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތިއްޖެހި ފާނަ

ތިއްޖެހި ފާނަ (ސައިންޓިފިކް ނަން: Epinephelus areolatus)ނުވަތަ (އިނގިރޭސި ބަހުން: Areolate grouper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި މުރަކަތަކާއި ގާތަކުގެ ނިވަލުގައި އުޅޭ މަހެކެވެ. މިއީ ދުވާލު ނަނު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭ މަހެކެެވެ. ދިވެހިން މިމަސް ކައި އުޅެއެވެ. މިމަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށެވެ. އަދި ކަރުތާ ފަތުގައި 3 ކަށި ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 15 އާއި 17 އާއި ދެމެދުގެ އަދަަދަކަށް މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 17 އާއި 18 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ގާތްގަނޑަކަށް އެއްވަރަށް ހަމަޔަށް ކަނޑާލެވިފައި ހުންނަ ގޮތަކަށެވެ.

މަހުގެ ހަށިގަނޑުގައި ވަރަށް ގިނައިން ގަދަ މުށިކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ބުރަކަށި މަތީ ފަހަތުކޮޅު ކޮތަރިބައިން ފެށިގެން ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުރިއަށް 8 އާއި 14 އާއި ދެމެދުގެ އަދަދަކަށް ތިކި ހުރެއެވެ. މަހުގެ ހުރިހާ ކޮތަރި ތަކެއްގައި ވެސް ތިކިތައް ހުރެއެވެ. ނިގޫފަތުގެ ކައިިރިފަށް ހުންނަނީ ފަނޑު ހުދުކުލައިގައެވެ.