ތިއްޖެހި ކާޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ތިއްޖެހި ކާޅު

ތިއްޖެހި ކާޅު(ސައިންޓިފިކް ނަން: Ctenochaetus strigosus)ނުވަތަ (އިނގިރޭސި ބަހުން: Spotted surgeonfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ އުޅޭ ކަނޑުކާޅުގެ ބާވަތެކެވެ. މިއީ ރޮނގުދެމި ކާޅާއި ވަރަށް އެއްގޮތް މަހެއް ކަމުގައި ވިޔަސް ދެބާވަތުގެ ތަފާތު ދެނެގަތުމަކީ އުދަގޫ ކަމެއް ނޫނެވެ. މަހުގެ ނިގޫފަތުގެ ކޮޅުގެ ބައްޓަމާއި، މަހުގައި ހުންނަ ރޮނގުތަކާއި ތިކިތަކުގެ ތަފާތުން މިދެބާވަތް ވަކިކޮށް ދެނެގަނެވޭނެ އެވެ. ދިވެހިން އާންމު ގޮތެއްގައި ކެއުމަށް ބޭނުންކޮށް އުޅޭ ވަރަށްވުރެ ކުޑަމަހެއް ކަމުން މިބާވަތުގެ މަސް ކެއުމަށް ބޭނުންކޮށް އުޅެނީ ވަރަށް މަދުންނެވެ. ނަމަވެސް މިއީ މީރު މަހެކެވެ. އަދި ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 8 ހަރުކައްޓާއެކު 25 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 22 އާއި 25 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަރަށް އެއްވަރަކަށެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. މަހުގެ ދެއަރިމަތީގައި ރޮނގަކަށް ހުންނަ ފަނޑު މުށިކުލައިގެ ކުދި ތިކިތަކެއް ހުރެއެވެ. މަހުގެ ބޮލުގައި ނޫކުލައާއި ރީނދޫ ކުލައިގެ ކުދި ތިކިތަކެއް ފާޅުކޮށް ފެންނަށް ހުރެއެވެ. މިއީ އިންޑިޔާ ކަނޑާއި ޕެސިފިކް ކަނޑުގެ ފަރުފަޅުތަކުގައި އުޅޭ މަހެކެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގައި ހުންނަ ޚާއްޞަ ސިފަތަކަށް ވިސްނާ ތިއްޖެހި ކާޅު ކިޔާފައިވަނީ އެވެ. ތިއްޖެހި ކާޅު އާއްމު ގޮތެއްގައި އުޅެނީ 50 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އައިން ހަދައިގެންނެވެ. މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 18.5 ސެންޓި މީޓަރަށެވެ.