ތިކިޖެހި ތާނަ
ވަރަށް ގިނަ سبب ތަކަކާހުރެ، ދިވެހިބަހާއި عرب ބަސް މިވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އަހަރަމެންނީ مسلمން ކަމުން އަހަރެމެންނަށް މިކިޔަނީ عرب إسلاميَّ ނަންނަމެވެ. އަހަރެމެން ކީރިތި قرآنއާއި ނަމާދުގައި ކިޔާތަކެތި އުނގެނުމައްޓަކައި ވަރަށް ކުޑަ އިރުއްސުރެ عرب ބަހުން ހުންނަ އެއްޗެހި ކިޔާށާއި ލިޔަން ދަސްކުރަންޖެހެއެވެ. މީގެ އިރުރުން ކުރީގައި ރާއްޖޭގައި ތިއްބެވި علمވެރިންގެ ގިނަ ބޭފުޅުންނަކީވެސް مصر ފަދަ عرب قوم ތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ބޭފުޅުންނެވެ. މިކަހަލަ އެތައް سبب ތަކަކާ ހުރެ، އަހަރެމެންގެ ބަހުގައި ވަރަށް ގިނަ އަދަދެއްގެ عرب لفظ ތަކާއި، عرب ނޫންވެސް إسلامىَّ ބައެއް قوم ތަކުގެ ބަސްބަހުގެ لفظތަށް އައީ ބޭނުންކުރެވެމުންނެވެ. އޭގެ ތެރޭގައި ވަރަށް ގިނަ أردو ހިމެނެއެވެ. (أردو އަކީ ޕާކިސްތާނުގެ رسمى ބަހެވެ.) زمان بدل ވަމުން އައިސް މިހާރު، އަހަރެމެންގެ ބަހުގައި ވަރަށް ގިނަ عددއެއްގެ އިނގިރޭސި لفظ ވަނީ ބޭނުންކުރަން ފެށިފައެވެ. ހުރިހާ ދިވެހީނަށްވެސް عرب ބަސް ކިޔަން އަދި ލިޔަން ދަސްކޮށްދޭތީ، ދިވެހި ބަހުގައި عامކޮށް ބޭނުންކުރެވޭ عرب لفظ ތައް ކުރީގައި ލިޔަމުން އައީ ހަމަ عرب އަކުރުންނެވެ. عرب ބަހާއި ތާނަވެސް ލިޔަނީ ކަނާތުން ވާތަށް ކަމަށްވާތީ، މިއީ މާ އުނދަގޫ ކަމަކަށް ނުވެއެވެ. ތަންކޮޅެއް ކުރިން (1984 ވަނަ އަހަރު) ނުކުމެފައިވާ ފޮތެއްގެ صفحة އަކަށް ބަލައިލަމާ ހެއްޔެވެ؟ މި صفحة ގައި އެވަނީ عرب لفظތައް ހަމަ عرب އަކުރުން ލިޔެފައެވެ.
ތާނަ ލިޔުމުގައި عرب لفظ ތައް عرب އަކުރުން ލިޔަމުންދިޔަ ކަމުގައިވިޔަސް، މި ބަސްތައް ތާނައިންވެސް ލިޔެވޭނެ ގޮތެއް އޮންނަންވާނެއެވެ. ތިކިޖެހި ތާނަ އުފެއްދީ، ދިވެހީންގެ ތެރޭގައި عام ކޮށް ބޭނުންކުރެވޭ ބައެއް عرب/أردو لفظތައް ތާނައިން ލިޔެވޭނެގޮތެއް ހެދުމަށެވެ. އެއީ އެބަސްބަހުގެ މީހުން ކިޔާ ގޮތަށް ތާނައިން ލިޔެގެން އަހަރެމެންވެސް އެބަސްތައް ކިޔުމަށާއި، عرب އަދި أردو ފަދަ ބަސްބަހުގެ ބައެއް އަޑުތައް ދިވެހީންގެ حقيقي އަކުރުތަކުގެ އަޑުތަކުގައި ނެތުމުންނެވެ. مثلاً: އަހަރެމެން 'ހަވީރު'، 'ހުކުރު' ފަދަ ބަސްތަކުގައި ގެންގުޅޭ ’ ހ ‘ އަކީ عربيންގެ ތެރޭގައި އޮންނަ (ދިވެހީން ބަނޑުފެޅި ހާ އޭ ކިޔާ ހާ) هـ އެވެ. އަހަރެމެންގެ ތެރޭގައި عربيން ގެންގުޅޭ ح (ޙ) އާއި خ (ޚ) އެއް ނޯވެއެވެ. އެކަމަކު މި ދެ އަކުރުވެސް އަހަރެމެންގެ ބަހުގެ ތެރެއަށް ވަނީ ވަދެފައެވެ. އެހެންކަމުން މިދެއަކުރު ލިޔެކިޔައި އުޅުމަށް އުފެއްދީ ތިކިޖެހި ތާނައެވެ. ތިރީގައި ތިއްކެއް ޖެހުމުން ’ ح ‘ (ޙ) އަށް އަދި މަތީގައި ތިއްކެއް ޖެހުމުން ’ خ ‘ އަށް ހަދައިފައެވެ. އެހެންކަމުން ’ ޙަމްދު‘ ، ’ އަޙްމަދު‘ ފަދަ ކިތަންމެ عرب ބަސްތަކެއް ތާނައިން، އެކިޔަންވާގޮތަށް ލިޔެވޭގޮތް ވިއެވެ. އަދި ’ ޚަދީޖާ, , ‘ޚަބަރު' ފަދަ ބަސްތައްވެސް ލިޔުމަކީ ފަސޭހަކަމަކަށް ވެއްޖެއެވެ. މިހާރުގެ ލިޔުންތަކުގައި ވަރަށް ގިނައިން ތިކިޖެހިތާނަ ބޭނުންކުރެވެއެވެ. ތިކިޖެހިތާނަ ލިޔުމުގައި ވަރަށް ރަނގަޅަށް އެ އަކުރުތައް ދަސްކުރަން ޖެހެއެވެ. سببއަކީ މަތީގައި އޮންނަންވާ ތިއްކެއް ތިރީގައި ޖެހިއްޖެނަމަ އަކުރާއި އަދި އެއަކުރު ގުޅިފައިވާ ބަސް މުޅިން تفاوت ވެގެން ދިއުމުން މިކަމުން އޮޅުން އަރަމުންވެސް ދާތީއެވެ. އަދި ހަމަ އެފަދައިން ތިކި ޖެހި ތާނައިގެ ތިކިތަކާ އެއްގޮތަށް ބަސް ކިޔޭތޯ ބެލުންވެސް مهمއެވެ. އެއީ އަރައިފާނެ އޮޅުމަކުން سلامة ވުމަށާއި ހެޔޮގޮތަށް ބަސްތައް ކިޔުމަށް ބާރު އެޅުމަށެވެ. ތާނައިގައި ތިކިނުޖަހާ އަކުރުތަކަށާއި ތިކި ޖެހި އަކުރުތަކަށް އަދި އެއާ ގުޅޭ عرب އަކުރުތަކަށް ބައެއް مثالއާއިއެކު ބަލައިލަމާ ހެއްޔެވެ؟
ތާނައިގެ އަކުރުތައް - އެއަކުރުތަކާ ގުޅޭ عرب އަކުރުތަކާއެކު
| ތާނަ އަކުރު | عرب އަކުރު | مثال |
|---|---|---|
ހ | هـ | |
ޙ | ح | އަޙްމަދު |
ޚ | خ | ޚަބަރު |
ށ | - | |
ނ | ن | |
ރ | ر | |
ބ | ب | |
ޅ | - | |
ކ | ك | |
އ | ا | |
ޢ | ع | ޢަމަލު |
ޣ | غ | ޢަބްދުލްޣަނީ |
ވ | - | |
މ | م | |
ފ | ف | |
ދ | د | |
ޛ | ذ | ޛުލްޤަޢިދާ |
ތ | ت | |
ޠ | ط | ޠަވާފް |
ޡ | ظ | ވައުޡު |
ޘ | ث | ޘާނަވީ |
ލ | ل | |
ގ | - | |
ޤ | ق | ޤައުމު |
ޏ | - | |
ސ | س | |
ޝ | ش | ޝުކުރު |
ޞ | ص | ޞިއްޙަތު |
ޟ | ض | އަލްފާޟިލް |
ޑ | - | |
ޒ | ز | |
ޔ | ى | |
ޕ | - | |
ޖ | ج | |
ޗ | - |
މިއަކުރުތަކުގެ އިތުރުން، ތިކިޖެހި ވާވެއް (ޥ) އަދި ތިކިޖެހި ރާއެއް (ޜ) ވަނީ އުފައްދައިފައެވެ. عرب ވާވު (و) އަދި އިނގިރޭސި ޑަބްލިޔޫ (W) ގެ އަޑުތަކަކީ ދިވެހި ވާވުގެ އަޑަށްވުރެ ބަރު އަޑެކެވެ. (ދިވެހި ވާވުގެ އަޑު އެންމެ ވައްތަރުވާން އުޅެނީ އިނގިރޭސި ވީ (V) ގެ އަޑާއެވެ.) އެހެންވީމާ ތިކިޖެހި ވާވު (ޥ) އުފެއްދީ عرب ވާވު ލިޔަންޖެހޭ ތަންތާ ބޭނުން ކުރުމަށެވެ. ތިކިޖެހި ރާ ބޭނުންކުރެވެނީ އިނގިރޭސިން "Sion" (ޜަން) ކިޔަންޖެހޭ ތަންތާނގައެވެ. އެއީ ޓެލެވިޜަން (television) އަދި ޑިވިޜަން (Division) ފަދަ ތަންތާނގައެވެ. މި ދެއަކުރުމެ ބޭނުން ކުރެވޭލެއް ވަރަށް މަދެވެ. عرب ވާވު ލިޔަންޖެހޭ "ވަޙީދު"، އަބްދުލްވަޙީދު' ފަދަ ނަންނަމުގައި ވަރަށް މަދު މީހަކު ނޫނީ ތިކިޖެހި ވާވު ބޭނުމެއް ނުކުރެއެވެ. ހަމަ އެފަދައިން ތިކިޖެހި ރާ (ޜ) ވެސް ބޭނުންކުރެވެނީ ވަރަށް މަދު ބަސްތަކެއްގައެވެ.