ތިކިޖެހި ބޯދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތިކިޖެހި ބޯދި

ތިކިޖެހި ބޯދި(ސައިންޓިފިކް ނަން: Fowleria punctulata)ނުވަތަ (އިނގިރޭސި ބަހުން: Peppered cardinalfish)އަކީ ރާއްޖޭގެ ފަރުތަކުގެ ބޭރުން ފުން ސަރަހައްދުތަކުގައި އުޅޭ ބޯދީގެ ބާވަތެކެވެ. މިބާވަތުގެ ބޯދި ވެސް އުޅެނީ ފަރުފަރުގައި ހުންނަ ގާތަކުގެ ނިވަލުގައި ފިލައިގެންނެވެ. ނަމަވެސް ކާނާ ހޯދުމަށް ރޭގަނޑު ނިކުމެ އުޅެއެވެ. މިއީ ދިވެހި އެންވެރިކަމުގައި ގިނައިން ހިފޭ ބޯދީގެ ބާވަތެއް ނޫނެވެ. މަހުގެ އެންމެ ފާހަގަކުރެވެނީ މަހުގެ ހަށިގަނޑުގައި ހުންނަ ރަތްކުލައިގެ ތިކިތަކެވެ. މިތިކިތައް ހުންނަނީ މަހުގެ ދިގަށް ރޮނގުރޮނގަށެވެ. މަހުގެ ކަރުތާފަތްގަނޑުގެ އަރިމަތީގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 6 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 7 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 14 މަޑުކަށި ހުރެއެވެ. މަހުގެ ދެއަރިމަތީގައި ހުންނަ ހުޅުނބު ރޮނގުގައި 10 އާއި 12 އާއި ދެމެދުގެ އަދަދަކަށް ހުޅުނބު ހުރެއެވެ. މިބާވަތުގެ ބޯދީގެ ވެސް ލޯ ވަރަށް ބޮޑެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މަހުގެ އާންމު ސިފައަށް ވިސްނާ ތިކިޖެހި ބޯދި ކިޔާފައި ވަނީއެވެ.