ތަސްމީންގެ ތައާރަފް
Appearance
ރާއްޖޭގެ އޮޕޮޒިޝަން ލީޑަރެއްގެ ގޮތުގައި މިވަގުތު ހުންނެވި އަލަފާޞިލް އަޙްމަދު ތަސްމީން ޢަލީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ގެ ލީޑަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެއްގެ މަސްއޫލިއްޔަތު އަދާކުރަށްވަމުން ގެންދަވާ ތަސްމީން އަކީ ރައްޔިތުންގެ މަޖިލީހުގައި ބ.ކެންދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކުރައްވަމުންގެންދަވާ ފަރާތްޕުޅުވެސް މެއެވެ. އަޙްމަދު ތަސްމީން ޢަލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1966 ވަނަ އަހަރު މާލޭގައެވެ. މަޖީދިއްޔާ ސްކޫލްގައި ސާނަވީ ތަޢުލީމު ޙާސިލްކުރެއްވުމަށްފަހު މަތީ ތަޢުލީމު ޙާސިލްކުރެއްވުމަށް އިނގިރޭސިވިލާތަށާއި މިސްރަށް ވަޑައިގަތެވެ. ތަސްމީންގެ ސިޔާސީ ޙަޔާތްޕުޅު ފެށިފައިވަނީ 1994 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ ގޮނޑި ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އެދުވަހުންފެށިގެން މިއަދާހަމަޔަށްވެސް ތަސްމީންއަކީ ބ.އަތޮޅުގެ ރައްޔިތުން ތަމްސީލްކުރެއްވުމަށް މަޖިލީހުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބ.އަތޮޅު ރައްޔިތުންގެ މަންދޫބެކެވެ. ގައުމީ ޚިދްމަތުގައި 20 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ތަސްމީންގެ ފާހަގަކޮށްލެވޭ ބައެއް ޚިދްމަތްޕުޅުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާއި މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްކަމާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒްކަން ހިމެނެއެވެ. މީގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީގެ އެއިރުގެ ނައިބް ލީޑަރކަން ކުރަށްވާފައިވެއެވެ. 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިކާބުގައި ރައީސް މައުމޫންގެ ރަނިންގ މޭޓެއްގެ ގޮތުގައި ތަސްމީން ޙަރަކާތްތެރި ވެވަޑައިގަތެވެ. 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މައްމޫން އާއި ތަސްމީން ދިވެހި ރައްޔިތުންގެ %46 ގެ ބޮޑު އަގްލަބިއްޔަތެއް ހޯއްދެވި ކަމުގައިވިޔަސް އަދި ދެވަނަޔަށް އެންމެ ގާތުން ވާދަކުރެއްވި ފަރާތަށް ލިބިވަޑައިގަތީ ރައްޔިތުންގެ އެންމެ %25 ތާއީދު ކަމުގައި ވިޔަސް މައްމޫން އާއި ތަސްމީން ހޯއްދެވި ކާމިޔާބަކީ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވުމަށް ބޭނުންވާ %50 ވުރެ ދަށް އަދަދެކެވެ. މިޔާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރި ހުރިހާ ސިޔާސީ ޕާޓީތައް އިއްތިހާދުވެ، ޑީ.އާރު.ޕީ. އާ އިދިކޮޅަށް މަސައްކަތްކޮށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއެކު ޑީ.އާރު.ޕީ. އިދިކޮޅު ޕާޓީއަކަށް ބަދަލުވިއެވެ. މިބަދަލާއެކުު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޑީ.އާރު.ޕީގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވި ތަސްމީންގެ ސިޔާސީ ލީޑަރޝިޕަށް ބޮޑެތި އިމްތިޙާންތަކެއް ކުރިމަތި ކުރުވިއެވެ. ޑީ.އާރު.ޕީ އިދިކޮޅު ޕާޓީއަކަށް ބަދަލުވުމާ ގުޅިގެން ޕާޓީގެ އެއިރުގެ ލީޑަރ ރައީސް މައްމޫންގެ އިރުޝާދާއި ލަފާފުޅާއެކު، ޕާޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްއޫލިއްޔަތުތައް ތަސްމީންއާ ޙަވާލުކުރެވެނެވެ. 2010 ވަނަ އަހަރު ބޭއްވުނު ޑީ.އާރު.ޕީގެ ތިންވަނަ ގައުމީ ޖަލްސާގައި ޕާޓީގެ ލީޑަރުގެ މަގާމަށް ތަސްމީން ހޮވިވަޑއިގަތެވެ. ތަސްމީންގެ އިސްދައުރަކާއެކު މިހާތަނަށް ޑީ.އާރު.ޕީ އަށް ލިބިފައިވާ އެންމެބޮޑު އެއްކާމިޔާބީއަކީ ރާއްޖޭގައި ފުރަތަމަށް ފަހަރަށް ބޭއްވުނު ގިނަ ޕާޓީތައް ވާދަކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަގޮޑި ކާމިޔާބު ކުރި ޕާޓީއަށް ޑީ.އާރު.ޕީ ވުމެވެ. އާއިލީ ދުޅަހެޔޮކަމަށް އިސްކަމެއްދެއްވާ ތަސްމީންގެ ޒަވާޖީ ޙަޔާތުގެ ބައިވެރިޔަކީ ރައްޔިތުންގެ މަޖިލީހުގައި ރ.މަޑުއްވަރީ ދާއިރާ ތަމްސީލްކުރަށްވަމުން ގެންދަވާ އަލްފާޞިލާ ވިސާމް ޢަލީއެވެ. މިދެބޭފުޅުންނަށް އަންހެން ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ.
ރާއްޖޭގެ މީހުން އުޅޭ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވާފައިވާ ތަސްމީންއަކީ އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި ފެންވަރު ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ބޭފުޅެކެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ތަސްމީންގެ ލީޑަރޝިޕްގައި ޑީ.އާރު.ޕީ އަށް ކުރިމަތިވާނޭ ވަރުގަދަ އިމްތިޙާނެކެވެ. ހަމަމިޔާއެކު ޑީ.އާރު.ޕީގެ ލީޑަރެއްގެ ޙައިސިއްޔަތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާ އިންތީޚާބް ކާމިޔާބު ކުރެއްވުމަކީވެސް ތަސްމީންއަށް ކުރިމަތިވެވަޑައިގަންނަވާނޭ ވަރުގަދަ އިމްތިޙާނެކެވެ. މި އިންތިޚާބް ތަސްމީން ކާމިޔާބުކުރައްވާ، ޑީ.އާރު.ޕީގެ ސަރުކާރެއް ގާއިމް ކުރަށްވާނޭ ކަމަށް ގިނަބަޔަކު ގަބޫލް ކުރެއެވެ.