ތައްމަސް
ތައްމަސް (ސައިންޓިފިކް ނަން: Siganus lineatus)ނުވަތަ (އިނގިރޭސި ބަހުން: Goldlined rabitfish)އަކީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިއީ އޮރީގެ ބާވަތެކެވެ. މިމަސް އެންމެ ބޮޑުވަނީ 43 ސެންޓި މީޓަރަށެވެ. މިބާވަތް އާންމުކޮށް އުޅެނީ ތިލަފަޅު ގައްޔާއި މޫދުވިނަ ހެދިފައި ހުންނަ ހިސާބުތަކުގައި އައިން ހަދައިގެންނެވެ. މިއީ ރާއްޖޭގެ ދެކުނުގެ ބައެއް ހިސާބުތަކުގައި ވަރަށް ގިނައިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. ތައްމަހަކީ ކުކުޅު ބިސް ބުރަށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގެ ކަރުތާފަތްގަނޑުގެ މައްޗާއެކު މުޅިމަހުގައި ކުދި ހުޅުނބު ހުރެއެވެ. މަހުގެ ކޮތަރިބައިގެ ކަށިތައް ވަރަށް ތޫނެވެ. އަދި މިކަށިތަކުގެ ސަބަބުން މިމަސް ހިފާ ގެންގުޅޭއިރު ރައްކާތެރިވެ މިކަމަށް ވިސްނަން ޖެހެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ދިގަށް ކެނޑިކެނޑިފައި ހުންނަ ރަން ރޮނގުތަކެއް ހުރެއެވެ. އަދި މަހުގެ މަތީބައިގެ މަޑުކަށިތައް ނިމޭތާގެ ތިރީގައި ރަންކުލައިގެ ބޮޑު ލަފެއް ހުރެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮަތަރިބައިގައި 7ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ކުޑަކޮށް ކަފިކޮށެވެ. މަހުގެ އާންމު ކާނާއަކީ މޫދު ފެއްސެވެ.