ދޮން ގިއުޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދޮން ގިއުޅު

ދޮން ގިއުޅު (ސައިންޓިފިކް ނަން: Pristipomoides auricilla)ނުވަތަ (އިނގިރޭސި ބަހުން: Goldflag Jobfish)އަކީ ވަރަށް ފުނުގައި ދިރިއުޅޭ މަހެއް ކަމުން މިއީ ދިވެހި މަސްވެރިންނަށް ވަރަށް ނުފެންނަ އަދި ނުބޭނޭ މަހެކެވެ. މިމަސް ގިނައިން އުޅެނީ 270-180 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. މިއީ އަތޮޅުން ބޭރުގައި ފުނަށް ނަނުފައްތައިގެން ބޭނޭ އަނގަޔަށް މީރު މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށި އަދި 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި އަދި 8 މަޑުކަށި ހުރެއެވެ. ކަންފަތުގައި 16 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ވައިލެޓް ކުލައެވެ. މަހުގެ ހުރަހަށާއި އެކިގޮތްގޮތަށް ދޮން ރީނދޫ ކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ މަތީބައި ހުންނަނީ ރީނދޫ ކުލައިގައެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ ވެސް ރީނދޫ ކުލައެވެ. މަހުގެ ކާނާ އަކީ ކުދި މަހެވެ.

އިންޑިޔާ ކަނޑުގެ މިސަރަހައްދުގައި މިމަސް އުޅޭކަމަށް ރިކޯޑް ކުރެވުނު ފުރަތަމަ ފަހަރަކީ 1988 ވަނަ އަހަރު މެރިން ރިސާރޗް ސެކްޝަނުން ކުރަމުން ގެންދިޔަ ފަރުމަހުގެ ތަހްލީލީ މަސްވެރިކަމުގައި 4 މަސް މާލެ އަތޮޅު ބޭރުން 100-50 މީޓަރާއި ދެމެދުގެ ފުންމިނުން ލޭނު އަޅައިގެން ކުރެވުނު މަސްވެރިކަމުގައި ބޭނުމުންނެވެ. މިއީ ރާއްޖޭގެ މަސްވެރިންނަށް ގިނައިން ފެނިފައިނުވާ މަހަކަށް ވުމާއި، މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މަހުގެ އެންމެ ފާޅުކަން ބޮޑު ކުލައަށް ވިސްނާ ދޮން ގިއުޅު ކިޔާ ނަންދީފައި ވަނީއެވެ.