ދޮން މިޔަރު
ދޮން މިޔަރު (އިނގިރޭސި ބަހުން: Carcharhinus sorrah)ނުވަތަ (އިނގިރޭސި ބަހުން: Spottail shark)އަކީ މިޔަރުގެ ބާވަތެކެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގައި އުޅޭ މިޔަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރެކެވެ. މިމިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ވެސް އުޅޭކަމަށް ވެއެވެ. އަދި ބައެއް ފަހަރު ވަރަށް ތިލަ ހިސާބު ތަކުން ވެސް ފެންނަކަމަށް ވެއެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 140 މީޓަރުގެ އަޑިން ވެސް ހިފާފައިވާ ކަމަށްވެއެވެ. ދޮން މިޔަރު ވިހާ ފަހަރަކު ގާތްގަނޑަކަށް 3އާއި 6 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. ވިހާ ޅަމިޔަރުގެ އިސްކޮޅަކީ ގާތްގަނޑަކަށް 45 ސެންޓި މީޓަރާއި، 60 ސެންޓި މީޓަރާއި ދެމެދު އެވެ. މިމިޔަރު އެންމެ ބޮޑުވަނީ ގާތްގަނޑަކަށް 1.6 މީޓަރަށެވެ.
ދޮން މިޔަރަކީ އާދައިގެ ވަރަކަށް ފަލަ އަދި ތުންކޮޅު ދިގު މިޔަރެކެވެ. މަތީބައިގެ ކުލައަކީ އަޅި ނުވަތަ އަޅިމުށި ކުލައެވެ. ބަނޑު ދަށްފަރާތް ހުންނަނީ ހުދު ކުލައިގައެވެ. މިބާވަތުގެ މިޔަރުގެ ކަންފަތާއި، ބުރަކަށިމަތީގެ ދެވަނަ އުރަަހައާއި، ނިގޫފަތުގެ ތިރީބައިގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ. އަދި މިޔަރުގެ ބުރަކަށި މަތީގެ ފުރަތަމަ އުރަހައާއި، ނިގޫފަތުގެ މަތީބައިގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ދޮން މިޔަރުގެ އާއްމު ކާނާއަކީ ކުދި މަހާއި ބޯވައެވެ. މިއީ ކެއުމަށް ބޭނުންކޮށްއުޅޭ އަދި ވިޔަފާރިއަށް އުރަހަ ބޭނުން ކުރެވިދާނެ މިޔަރެކެވެ.