ދޮން ކަނޑުއުނިޔަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދޮން ކަނޑުއުނިޔަ

ދޮން ކަނޑުއުނިޔަ(ސައިންޓިފިކް ނަން: Nemipterus furcosus)ނުވަތަ (އިނގިރޭސި ބަހުން: Fork-tailed threadfin bream)އަކީ ރާއްޖޭގެ ތިލަފަޅު ތަކާއި އަޑީގައި ވެލި ހުންނަ ފުން ސަރަހައްދު ތަކުގައި އުޅޭ މަހެކެވެ. މިބާވަތުގެ މަސް އުޅޭ ފުންމިނަކީ 8 މީޓަރާއި 110 މީޓަރާއި ދެމެދުއެވެ. މިމަސް އެންމެ ބޮޑުވަނީ 22.5 ސމ އަށެވެ. ދިވެހި މަސްވެރިކަމުގައި މިބާވަތުގެ މަސް ބޭނިފައި ހުންނަނީ ވަރަށް މަދުންނެވެ. މިއީ ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މިއީ ރާއްޖެއިން އާންމުކޮށް ފެންނަ މަހަކަށް ނުވިޔަސް މަދުމަދުން މިބާވަތުގެ މަސް ބާނައިގެން މާލޭގެ މަސް މާރުކޭޓް އަށް ގެނެސްފައި ހުރެއެވެ. މަހުގެ ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި ކުދިމަހެވެ. މިމަސް ކައިއުޅެނީ ދުވާލުގެ ވަގުތުތަކުގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. މަހުގެ ކުލައަކީ މަޑު ފިޔާތޮށި ކުލައެކެވެ. މަހުގެ މަތީބައިގައި ފަނޑުކޮށް ހުންނަ 9 ގަޅި ހުރެއެވެ. މަހުގެ ނިގޫފަތާއި ކަންފަތްގަނޑު ހުންނަނީ ފިޔާތޮށި ކުލައިގައެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައިނުވާތީ މަހުގެ ކުލަަވަރަށް ވިސްނާ މިމަހަށް ދޮން ކަނޑުއުނިޔަ ކިޔާ ނަންދީފައި ވަނީއެވެ.