ދޮން ބިބީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދޮން ބިބީ

ދޮން ބިބީ(ސައިންޓިފިކް ނަން: Chaetodon unimaculatus)ނުވަތަ (އިނގިރޭސި ބަހުން: Teardrop butterflyfish) އަކީ ރާއްޖޭގެ ސާފު އަދި ރީތި ފަރުފަޅުތަކުގެ މުރަކައިގެ ވެށިތަކުގައި ދިރިއުޅޭ ރީތި މަހެކެވެ. ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. މިމަހުގެ އަމިއްލަ މާހައުލުގައި އުޅޭއިރު ދެކިލަންބޭނުންވާނެ ރީތި މަހެކެވެ. މިއީ ގާތްގަނޑަކަށް 8 އިންޗި އަށް ބޮޑުވާ އެކްއޭރިއަމް ތަކުގައި ގެންގުޅެން ފަސޭހަ މަހެކެވެ. މިމަހަށް ދޮން ބިބީ ކިޔާފައިވަނީ ބިބީ އާއިލާގެ އެހެން މަސްތަކަށްވުރެ މިމަހުގެ ރީނދޫކުލަ ބޮޑުކަމުންނާއި، ދިވެހިންގެ ތެރޭގައި ބިބީ އާއިލާގެ ގިނަ މަސްމަހަށް ދޮން ބިބީ ކިޔަމުން އައިސްފައިވާތީ މިނަންކިޔާ ވަކި ޚާއްޞަ މަހެއް ބިބީ އާއިލާގެ ތެރޭގައި ހިމެނުގެ މުހިއްމު ކަމަށްޓަކައެވެ. މިމަސް ގިނައިން ފެނިފައި ހުންނަނީ 5 މީޓަރަށްވުރެ ތިލަ ހިސާބުތަކުންނެވެ.

ދޮން ބިބީގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 12 ނުވަތަ 13 ކައްޓާއި، 21 އާއި 23 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި، 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.ކަންފަތުގައި 14 ނުވަތަ 15 މަޑުކަށި ހުރެއެވެ. މުޅި މަހުގެ ކުލައަކީ ވެސް ގަދަ ރީނދޫ ކުލައެވެ. މަހުގެ ލޯ ހުރަސްކޮށް ކަޅުކުލައިގެ ރޮނގެއް ދެމިފައި ހުރެއެވެ. އަދި މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ލަފެއް ހުރުމާއެކު، މަހުގެ ނިގޫފަތުގެ ބުޑު ހުރަސްކޮށް، ހިމަކޮށް ހުންނަ ކަޅުކުލައިގެ ރޮނގެއް ހުރެެއެވެ. މަހުގެ ނިގޫފަތުގެ ކުލައަކީ ހުދުކުލައެވެ.