ދޮންކޮތަރި ފަތިރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ދޮންކޮތަރި ފަތިރޮނޑު

ދޮންކޮތަރި ފަތިރޮނޑު(ސައިންޓިފިކް ނަން: Pervagor janthinosoma)ނުވަތަ (އިނގިރޭސި ބަހުން: Redtail filefish)އަކީ ރާއްޖޭގެ ތިލަ ފަރުފަޅުތަކުގައި އުޅޭ ކުޑަ އިސްކޮޅެއްގެ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 16 ސެންޓި މީޓަރަށެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ވުމާއެކު މިބާވަތް ހިފުމަށް ދިވެހިން ޝައުގުވެރިކަމެއް ނުދެއެވެ. ނަމަވެސް ދިރޭ ކުދިމަސް ބޭރުކުރާ ފަރާތްތަކުން މިބާވަތުގެ މަސް ގިނައަދަދަކަށް ހިފާ ބޭރުކުރެއެވެ. މިއީ މޫދުގައި އުޅޭއިރު ކޮތަރިތަކުގެ އަވަސް ހަރަކާތްތަކުން ބަލާމީހުން ޝައުގުވެރިކުރުވާ މަހެކެވެ. މިބާވަތުގެ މަސް ގާތްގަނޑަކަށް 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އުޅޭކަމަށްވެއެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގެ އާއްމު ސިފަޔާ ، ކުލައަށް ވިސްނާ މިމަހަށް ދޮންކޮތަރި ފަތިރޮނޑު ކިޔާފައިވަނީ އެވެ.

ފަތިރޮނޑުގެ ވައްތަރެއް

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރު ކައްޓާއި، 29 އާއި، 34 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 26 އާއި، 30 އާއި ދެެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ މުށި އޮރެންޖް ކުލައެވެ. މަހުގެ ހުރަހަށް ވާކަހަލަ ގޮތަކަށް ގަދަ މުށިކުލައިގެ ރޮނގުތަކެއް ހުރެއެވެ. މަހުގެ ކަރުތާފަތުގެ އަަރިމަތީގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ނިގޫކޮޅު ހުންނަނީ ދޮންނާރިނގު ކުލައިގައި ރީނދޫ ކުލައިގެ ކުދިކުދި ތިކިތަކެއް ޖަހާފައެވެ. ނިގޫފަތުގެ ބޭރުކައިރިފަށް ހުންނަނީ ނޫކުލައާއި، ރީނދޫ ކުލައިގެ ރޮނގުތަކެއް ދަމާފައެވެ.