ދޮންނޫ ފާނަ
ދޮންނޫ ފާނަ(ސައިންޓިފިކް ނަން: Epinephelus flavocaeruleus)ނުވަތަ (އިނގިރޭސި ބަހުން: Blue and yellow grouper) އަކީ ފާނަ ޢާއިލާގެ ތެރޭގައި އުޅޭ އެންމެ ދިހުން ކުލައެއް ހުންނަ ފާނަ އެވެ. ވުމާއެކު އެހެން ފާނަ ތަކުގެ ތެރެއިން މިފާނަ ދެނެގަތުމަކީ އުދަނގޫ ކަމެއް ނޫނެވެ. މިއީ ރާއްޖޭގައި ގިނައިން އުޅޭ ފާނައެއް ނޫން ކަމަށް ވިޔަސް މަދުމަދުން ދިވެހިން ކުރާ ކެޔޮޅުކަމުގައި ބާނާ އުޅޭ މަހެކެވެ. މިއީ ކެއުމަށް މީރު މަހެކެވެ.
މިމަހަށް ދޮންނޫ ފާނަ ކިޔާފައިވަނީ މަހުގައި ހުންނަ އެންމެ ފާޅުކަން ބޮޑު ސިފަ ކަމުގައިވާ ދޮންނޫ ކުލަ އާއި ގުޅުވައިގެން މަހަށްކިޔާ އިގިރޭސި ނަމާއި ވެސް ގުޅޭގޮތަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 16 ނުވަތަ 17 މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 18 ނުވަތަ 19 މަޑުކަށި ހުރެއެވެ.
މަހުގެ އެންމެ ފުޅާ ހިސާބުގެ މިން މަހުގެ ބޮލުގެ ދިގުމިނާއި ދާދި އެއްވަރު ވާނެއެވެ. މަހުގެ ކުލައަކީ ގަދަނޫ ކުލަ އެވެ. މިކުލަ ގަދަވެގެން ގޮސް ހުންނަނީ މުށި ވައިލެޓް އަކަށް ބަދަލުވެފައެވެ. ނިގޫފަތާއި ކޮތަރިބައިތަކާއި ކަންފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. މިރީނދޫ ކުލަ ޅަމަހުގައި ވަރަށް ގަދަކޮށް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ދޮންނޫ ފާނަ ގާތްގަނޑަކަށް 90 ސމ އަށް ބޮޑުވާކަމަށް ވެއެވެ.