ދޮންނޫ ކާޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދޮންނޫ ކާޅު

ދޮންނޫ ކާޅު(ސައިންޓިފިކް ނަން: Paracanthurus hepatus)ނުވަތަ (އިނގިރޭސި ބަހުން: palette surgeonfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގައި އުޅޭ ކަނޑުކާޅުގެ ބާވަތްތަކުގެ ތެރެއިން އެންމެ ރީތި އެއް ބާވަތެވެ. މިއީ ރާއްޖޭގައި ގިނައިން އުޅޭ މަހެއް ނޫނެވެ. މިބާވަތުގެ ކުދިމަސް ބައިހަދައިގެން މުރަކަތަކުގެ ނިވަލުގައި އުޅެމުންދާކަން ފާހަގަކުރެވެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ވަރަށް ޝައުގުވެރިކަމާއެކު މިމަސް ހޯދާ ގެންގުޅުމަށް ލޯބި ކުރެއެވެ. މިއީ ރާއްޖޭގައި ވަރަށް މަދުން އުޅޭ ނަމަވެސް އެހާމެ ރީތި މަހަކަށްވުމާއެކު ދިރޭކުދިމަސް ރާއްޖެއިން ބޭރުކުރާ ފަރާތްތަކުން މިމަސް ހިފުމުގައި ވަރަށް ބޮޑު ސަމާލުކަން ދޭންޖެހޭނެއެވެ. މަހުގެ ކާނާއަކީ ފަނިފަކުސައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކައްޓާއެކު 19 ނުވަތަ 20 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރީގައި 3 ހަރުކައްޓާއެކު 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ވަރަށް ގަދަ ނޫކުލައެކެވެ. މަހުގެ ނިގޫފަތުގެ ކުލައަކީ ރީނދޫ ކުލައެވެ. މަހުގެ ކޮތަރިތަކުގެ ކައިރިފަށާއި، ނިގޫފަތުގެ މަތީބަޔާއި ތިރީބައި ހުންނަނީ ކަޅުކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ކުރެހުމެއް ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މިމަހަށް ދޮންނޫ ކާޅު ކިޔާފައިވަނީ އެވެ. މިމަސް އެންމެ ބޮޑުވަނީ 31 ސެންޓި މީޓަރަށެވެ.