ދޮނގު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ދޮނގު

ދޮނގު(ސައިންޓިފިކް ނަން: Monotaxis grandoculis)ނުވަތަ (އިނގިރޭސި ބަހުން: Humpnose big-eye bream) އަކީ ރާއްޖޭގެ ފަރުފަޅުތަކުން ގިނައިން ފެންނަ ބާވަތެކެވެ. އާންމު ގޮތެއްގައި އުޅެނީ 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ ދުވާލުގެ ވަގުތުތަކުގައި އާންމުކޮށް ހަރަކާތްތެރިވެއުޅޭ މަހެއް ނޫނެވެ. ޝިކާރަކޮށް ކައިހަދަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. މިއީ ފަރުފަޅުތަކުގެ ބޭރުމަތީގައި އާންމުކޮށް އެކަހެރިކޮށް އެހެން ނަމަވެސް ބޮޑެތި މަސް ކުދިއައިން ހަދައިގެންއުޅޭ މަޑުމައިތިރިކަމާއެކު ދަތުރުކޮށް އުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. ކެޔޮޅުކަމުގޮސް އުޅޭއިރު މިބާވަތުގެ މަސް ބޭނިފައި ހުރެއެވެ. އަދި މިއީ ދަގަނޑު ޖަހައިގެން ވަރަށް ފަސޭހައިން ހިފޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސމ އަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 10 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 9މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 14 މަޑުކަށި ހުރެއެވެ. މަހުގެ ލޯބޮޑެވެ. މަހުގެ ތުންކޮޅު ހުންނަނީ އޫކޮށެއް ނޫނެވެ. މަހުގެ ކަރުތާފަތުގެ މަތީގައި ހުޅުނބު ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫއަޅި ކުލައެކެވެ. ބަނޑުދަށް ފަރާތުގެ ކުލަ ފަނޑެވެ. މަހުގެ ހުޅުނބު ތަކުގެ މެދު ހުންނަނީ ރިހިކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ފުޅާކޮށް ހުންނަ ކުލަގަދަ 4 ރޮނގު ހުރެއެވެ. މަހުގެ ކާނާއަކީ ބޮލިފާނޑުގެ ސޫތްޕާއި ކަކުންޏާއި ބަރަވެއްޔާއި، ހިޔަމަ އެވެ.