Jump to content

ދިވެހި ދަޢުލަތުގެ ނިޝާން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Emblem of the Maldives
ArmigerRepublic of Maldives
BlazonA star and crescent or atop a coconut palm proper
SupportersThe National Flag of Maldives on either side
Mottoالدولة المحلديبية
"State of the Mahal Dibiyat"

ދިވެހިރާއްޖޭގައި ދައުލަތުގެ ނިޝާން ނުވަތަ އެހެން ދައުލަތްތައް ފަދައިން “Court of Arms” އެއް ބޭނުން ކުރަން ފުރަތަމަ ފަށާފައިވަނީ 16 ޖުލައި 1934 ގައެވެ. މިދެންނެވި ނިޝާނަކީ މައްޗަށް ހުޅުވިފައިވާ ހަނދުފަޅިއެއްގެ ތެރޭގައި ޖަހާފައިވާ ފަސްފިޔަ މަލެކެވެ. ތަރިއެކެވެ. ހަނދުފަޅި ތެރޭގައި ޢަރަބިއަކުރުން "އައްދައުލަތުލް މަޙްމިއްޔަތުލް މަޙަލްދީބިއްޔާ" އޭ ލިޔެވިފައިވެއެވެ. އޭގެ މާނައަކީ ޙިމާޔަތް ލިބިގެންވާ ދިވެހިދައުލަތެވެ.

ރާއްޖޭގައި ދައުލަތުގެ ނިޝާނެއް ހެއްދެވުމުގެ ޚިޔާލުފުޅު ދެއްވައި މިކަމަށް ޢަމަލީ ސިފަ ގެންނެވީ ރާއްޖޭގައި ޤާނޫނު އަސާސީއެއް ލިޔެވެންފެށި ދުވަސްވަރު ވަޒީރުލްއަޢުޡަމްގެ މަޤާމުގައި ހުންނެވި ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. (2004 ޑިސެމްބަރ 11 ވަނަ ދުވަހު އައްނަބީލާ ފާޠިމަތު އިބްރާހީމް ދީދީ، ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ވީދާލި ހަމަނުޖެހުމަށްފަހު، ރައްޔިތުންގެ އެދުމަށް، ޤާނޫނު އަސާސީ އިޞްލާޙްކޮށްދެއްވުމަށް ކިލެގެފާނު މިޞްރުގައި ހުންނަވާފައި ރާއްޖެއަށް ވަޑައިގެން ހުންނެވި ހުންނެވުމުގެ ތެރޭގައެވެ.

ޚިޔާލުކުރެވުނީ އޮޅުދޫކަރައިގައި ރާއްޖޭގެ ޝޯވް ރޫމެއް ހުޅުވަން މަސައްކަތް ކުރެވުނު ދުވަސްވަރުއެވެ. އެއީ 1949 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އެކަމަށް ހެއްދެވި ނިޝާނަކީ ހަނދުފަޅިއަކާއި ފަސްފިޔަމަލެއް، (ތަރިއެއް) ގެ ތިރީގައި "އައްދައުލަތުލް މަޙްމިއްޔަތުލް މަޙަލްދީބިއްޔާ" މިގޮތަށްފުރަތަމަ ބޭނުންކުރައްވަން ފެއްޓެވި ދައުލަތުގެ ނިޝާނަށް ބަދަލެއް ނައިސް ގިނަ ދުވަސްތަކެއްވުމަށްފަހު، ދައުލަތުގެ ނިޝާނަށް ބަދަލެއް ގެންނެވުމުގަ ލިޔުއްވާފައެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ކުރީގެ ނިޝާނަށް ކޮންމެވެސް މިންވަރެއްގެ ބަދަލެއް ގެންނެވީއެވެ. އެއީ ލިޔުންކޮޅު އޮންނަތަނާއި ހަނދުފަޅީގެ މިޞްރާބު ފަދަ ކަންކަމަށެވެ. އޭގެ އިތުރަށް ނިޝާނުގެ ދެފަރާތުގައި ކަތްތިރިކޮށްފައިވާ ދިވެހި ޤައުމީ ދެދިދަ ބެހެއްޓެވިއެވެ. އަދި ފަހަތުގައި ގަސްމުށި ގަނޑެއް ބެހެއްޓެވިމެއެވެ. މިދެންނެވި ނިޝާނާއި ކަތްތިރިކޮށްފައިވާ ޤައުމީ ދެދިދަ އާއި ގަސްމުށިގަނޑާއެކު އޮޅުދޫކަރައިގެ ކޮޅުނބުގެ ޔޯރކްސްޓްރީޓް ގައި 21 ޖުލައި 1949 ގައި ހުޅުވުނު މޯލްޑިވިއަން ޝޯވް ރޫމް (ދިވެހިރާއްޖޭގެ ޝޯ ރޫމް) ގެ މަތީގައި ބަހައްޓާފައި ހުއްޓެވެ. މީގެ ފޮޓޯތައް މިހާރު ވެސް ފެންނަން އެބަހުއްޓެވެ. މިތަނުގައި ރާއްޖޭގެ ރަމްޒަކަށް ބަހައްޓާފައި ހުރި ނިޝާނަކީ އެދުވަސްވަރު ސަރުކާރު ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވި ވަޒީރުއްދާޚިލިއްޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ވަރަށް ޤަބޫލުފުޅުވެވަޑައިގަތް އެއްޗެއްކަން އެމަނިކުފާނުންގެ އަރިސްބޭފުޅުންނަށް ވަނީ އެނގިވަޑައިގެންފައެވެ. މީގެނަތީޖާއަކަށްވީ، އޮޅުދޫކަރައިގެ ޓްރާންސްޕޯޓް މިނިސްޓަރ ސަރ ޖޯން ކޮތަލާވާލާ ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހުމާގުޅިގެން ތައްޔާރުކުރެވުނު ގިޑިގޭގައި އެނިޝާނާ އެއްގޮތަށް ނިޝާނެއް ހަދައި ހަރުކުރުމަށް ނިންމުމެވެ. މިނިޝާންތައްޔާރުކުރުމުގައި ވަޒީރުއްދާޚިލިއްޔާގެ ފަރާތްޕުޅުން އިސްކޮށް އުޅުއްވީ އަލްފާޟިލް އާދަމް ނަޞީރު މަނިކެވެ. ނިޝާން ތައްޔާރުކޮށްފައިހުރީ ކުރަހައި ކުލަޖައްސައި ކަފައިގެންނެވެ. ގަސްހުރިތަނުގައި ބޭނުންކޮށްފައިހުރީ ދިވެހިރުކެއްގެ ކުރެހުމެއް ޓިނުން ކަފައިފައެވެ. މިކަމުގައި އިސް ޙަރަކާތްތެރިއަކަށް ހުންނެވީ ރާއްޖޭގެ މަޝްހޫރު ކުރެހުމުގެ ފަންނާނެއްކަމަށްވާ އަލްފާޟިލް ސަރުދާރު ދޮންމަނިކުއެވެ. (2005 އޯގަސްޓް 05 ވަނަ ދުވަހު އަލްފާޟިލް ސަރުދާރު ދޮންމަނިކު، ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) މިނިޝާނާއެކު ގިޑިގެ ބެހެއްޓުނީ ސަރ ޖޯން ކޮތަލާވާލާ ރައްޖެއަށް ޒިޔާރަތްކުރެއްވި ދުވަސްކަމުގައިވި 30 ރަޖަބު 1370 ގައެވެ. އެއީ މީލާދީގޮތުން 07 މެއި 1951 އެވެ.

ސަރުކާރުގެ ރަސްމީލިޔެކިޔުންތަކުގައި ޢާންމުންނަށް ފެންނަގޮތަށް ކުރިން ބޭނުންކުރަމުން އައި ދައުލަތުގެ ނިޝާން ބޭނުންކޮށްފައި ހުއްޓައި އެންމެފަހުން ފެނިފައިވަނީ 27 ޝަޢުބާން 1369 (13 ޖޫން 1950) ގެ ތާރީޚްގައި ސަރުކާރުން ނެރުއްވާފައިވާ އިޢުލާނެއްގައި ހުއްޓާ ސަރުކާރުގެ ޚަބަރުގެ ޢަދަދަކުންނެވެ. އޭރު އާނިޝާނެއް ފަރުމާކުރެވެމުން ގޮސް 24 ރަޖަބު 1370 (01 މެއި 1951) ގައި ސަރުކާރުގެ ރަސްމީލިޔުންތަކުގައި އާ ނިޝާން ބޭނުން ކުރައްވަން ފަށްޓަވައިފިއެވެ. މިދެންނެވި އާ ނިޝާން ޢާންމުކޮށް ފެނުނީ ޢިއްޒަތްތެރި މެހުމާނުގެ ޝަރަފުގައި ބެހެއްޓުނު ގިޑިގޭގައި ހުއްޓައެވެ.

1951 މެއި 1 ގައި ބޭނުންކުރަން ފެށި ރާއްޖޭގެ ދައުލަތުގެ ނިޝާނަށް މައިގަނޑު ބަދަލެއް ނުގެނެސް އޮތުމަށްފަހު، ރާއްޖެއަށް 26 ޖުލައި 1965 ގައި ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާއެކު، ނިޝާނުގެ ތިރީގައި އޮތް ޢަރަބި ޢިބާރާތުން އަލްމަޙްމިއްޔާ އުނިކޮށް "އައްދައުލަތުލް މަޙަލްދީބިއްޔާ" އަށް ބަދަލުކުރެވުނެވެ. އަދި ދައުލަތުގެ ނިޝާން، ސަރުކާރުގެ ތަންތަނުން ޗާޕްކުރެއްވުމުގައްޔާއި، ތައްގަޑު ހެއްދެވުމަށް ކުރައްސަވާ ކުރެއްސެވުމުގައި އެކިގޮތްގޮތަށް ހުންނާތީ އެކަން އެގޮތަށް ނުވާނެގޮތެއްގެ މަތީން ހަމަޖެއްސެވުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 20 ފެބްރުއަރީ 1969 ގައި އަމުރެއް، ދެންނެވުމެއް ފޮނުއްވިއެވެ. މިއީ މިހާތަނަށް އެނގިފައިވާގޮތުގައި ދައުލަތުގެ ނިޝާނާބެހޭ ގޮތުން އެއްވެސް ސިފައެއްގައި ސަރުކާރުން ނެރުއްވާފައިވާ އަމުރެވެ. މިހާރު ސަރުކާރުގެ ރަސްމީ ނިޝާނެއް، “Court of Arms” ގެ ގޮތުގައި ބޭނުންކުރެވޭ މިނިޝާނަށް ފަންސާސް އެތައް އަހަރެއްވެފައިވާއިރު، ނިޝާން ފުޅާދާއިރާއެއްގައި ބޭނުންކުރެވޭކަން ފާހަގަކުރެވެއެވެ.