ދިވެހިރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ވިކިޕީޑިއާއިންފެށުން:[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖެއަކީ އާބާދީ މަދު، ބިންތިރި، ކުޑަ ގައުމަކަށް ވިޔަސް ގަދީމީ ތާރީޚެއް އޮތް ގައުމެކެވެ. ޕޯޗުގީޒުންގެ ބާރުގެ ދަށުގައި ފަނަވަރަކަށް އަހަރު ހޭދަކުރަން ޖެހުނަސް، މަލާބާރީންގެ އަނިޔާވެރިކަމުގައި ދެތިންމަސްދުވަހު އުޅެން ޖެހުނަސް އަދި އިނގިރޭސީންގެ ހިމާޔަތުގައި އަހަރުތަކެއް ވަންދެން އޮންނަން ޖެހުނަސް މިނިވަން ގައުމެކެވެ. އަމިއްލަ ވެރިކަމެއް ކުރަމުން އައި އަމިއްލަވަންތަ ބަޔަކު ދިރިއުޅޭ ގައުމެކެވެ. މިހެންވުމުން ޒަމާނުއްސުރެ ސަރުކާރު ހިންގުމުގެ އުސޫލުތަކެއް އޮންނާނެކަމަށް ބެލެވެއެވެ. ރާއްޖޭގައިވެސް ވެރިކަމުގެ ތަފާތު އިދާރާތަކާއި އުސޫލުތައް ހުންނާނެކަމީ ބުއްދި ގަބޫލުކުރެވޭ ކަމެކެވެ. މިގޮތުން މިމަޒުމޫނުގައި މިބަލައިލަނީ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުމުގެ ކުރިން ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު އޮތް ގޮތާއި ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔަތެއް އުފެދުނު ގޮތާއި އެ ޖުމްހޫރިއްޔަތު އުވެން މެދުވެރިވި ސަބަބުތަކަށެވެ.


ފުރަތަމަ ޖުމްހޫރިއްޔާ އުފެދުމުގެ ކުރިން ސަރުކާރު ހިންގުމުގެ ނިޒާމް އޮތްގޮތް:[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި ޒަމާނުއްސުރެ ރާއްޖޭގައި އޮތީ ރަސްކަމެވެ. ރާއްޖޭގެ އެންމެ އިސް ވެރިޔަކީ ރަސްގެފާނެވެ. ދައުލަތުގެ ހުރިހާ ބާރެއް އޮންނަނީ ރަދުންނަށެވެ. ނަމަވެސް ރަދުންނަށް ކުރިމަތިވާ ބޮޑެތި ކަންކަމުގައި ލަފާހޯދާ ކޮމެޓީއެއް ރަދުން އުފައްދަވާފައި އޮވެއެވެ. މިކޮމެޓިގައި ތިބޭނީ ރަދުންގެ ގާތްމީހުންނާއި ރައްޓެހި ރަހުމަތްތެރީންނެވެ.

މީލާދީން 1890 ވަނަ އަހަރާ ހަމައިން ފެށިގެން ސަރުކާރު ހިންގުމުގެ ހުރިހާ ކަމެއް ރާވާ ހިންގަނީ ބަނޑޭރިގެއިންނެވެ. ރާއްޖޭގެ އަތޮޅުތަކާއި ރާއްޖޭން ބޭރާ ބެހޭ ހުރިހާ ކަމެއް ވެސް ހިންގަނީ ބޮޑު ބަނޑޭރިގެއިންނެވެ. ބަނޑޭރިގޭގައި އެކަމަށް ޚާއްޞަ ކުރެވިފައި ހުންނަ މޭޒުތަކުންނެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔަކީ ބޮޑުވަޒީރެވެ. ރަސްގެފާނަށް އޮންނަނީ ބޮޑުވަޒީރު ސަރުކާރު ހިންގެވުމުގައި ލަފާ އެއްސެވުމުން ލަފާ ދެއްވުމެވެ. މިގޮތަށް ކަންތައް އޮތްނަމަވެސް އަދުލު އިންސާފު ގާއިމު ކުރަނީ ރަސްގެފާނު އިސްކުރައްވާ ބައެކެވެ. ވީމާ ފަނޑިޔާރުންނަކީ ރަދުން އިސްކުރައްވާ ބައެކެވެ.

އަބްދުﷲ ޒަމީރު(ޝާއިއުނުކުރާ ލިޔުމެއް) ހާމަކުރާ ގޮތުގައި 1890ގެ އަހަރުތަކަށް ވުރެ ކުރިއަށް ޖެހިލާއިރު، ރަސްގެފާނުގެ ފަރާތްޕުޅުން ނެރުއްވާ އަމުރުތައް ނެރުއްވަނީ ހަނދޭގިރިން މެދުވެރި ކުރައްވައިގެނެވެ. މިދުވަސްވަރު ވެސް އަތޮޅުތަކަށާއި ރަށްރަށް ރަސްގެފާނުގެ އަމުރުފުޅުތައް މަދުމަދުން ފޮނުއްވައެވެ. މާގިނަ ލިޔުންތަކެއް ނުހުރެއެވެ. ރަސްގެފާނުގެ އަމުރުފުޅަށް ރަށްރަށަށް އަމުރައިގެން ފޮނުއްވުމުން ފަތްތޫރަ ހިންގަވަނީ ދެވަނަ އިއްޒަތް ދެއްވާފައިވާ ބޭފުޅުންނެވެ. މިގޮތުން އަތޮޅުތަކާއި ރަށްރަށަށް އަމުރު ފޮނުއްވަނީ ވާރު ނެގުމަށާއި ބޭރުގެ ނުރައްކަލެއް މެދުވެރިވެގެން އަޅަންވީ ފިޔަވަޅުތައް އެންގެވުމަށާއި ބޮޑު ބަލިމަޑުކަމެއް ޖެހުމުން އެކަމުގެ ޚަބަރު ފޮނުއްވުން ފަދަ ޚާއްޞަ ކަންތައްތަކުގައެވެ. މިގޮތުން ރަށްރަށަށް ފޮނުއްވާ ބޭފުޅުން މާލެ ވަޑައިގެންފައި އެކަމުގެ މައުލޫމާތު ހަނދޭގިރިން މެދުވެރިކޮށް ރަސްގެފާނަށް އަރުވައެވެ.

ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމުގައި ބޭނުން ކުރެމުން އައި ނަންތަކުގެ ތެރެއިން ބައެއް ނަންތަކަކީ މީގެ އެތައް ގަރުނެއްގެ ކުރިން އުފެދިފައިވާ ނަންތަކެކެވެ. ނަމަވެސް މިހާރާ ގާތްކުރާ ގޮތަކަށް ވެރިކަން ހިންގުމުގެ ނިޒާމް ތައާރަފު ވާން ފެށީ 19 ވަނަ ސައްތައިގެ ތެރޭގައެވެ. އިހުގެ މަގާމުތަކަށް ބަލާއިރު ދޮށިމޭނާ ކިލެގެ އަކީ ރަދުންގެ އަމުރުފުޅުގެ ދަށުން ދިވެހި ލަޝްކަރުގެ ވެރިޔާއެވެ. މިހާރުގަ ނަމަ ޑިފެންސް މިނިސްޓަރެވެ. ހަނދޭގިރިއަކީ ދާޚިލިއްޔާގެ ވެރިޔާއެވެ. ވެލާނާއަކީ ޚާރިޖިއްޔާގެ ވެރިޔާއެވެ. ފާމުލަދޭރިއަކީ ސިއްހަތާބެހެ ވެރިޔާއެވެ. ހަކުރާއަކީ މިހާރުގެ ނަމަ ޕަބްލިކް ވާރކްސް މިނިސްޓަރެވެ. ބޮޑުބަނޑޭރިއަކީ ފިނޭންސް މިނިސްޓަރެވެ. މާބަނޑޭރިއަކީ ރަދުންގެ ކަންކަން ބަލަހައްޓާ ވެރިޔާއެވެ.


ރާއްޖޭގައި ފުރަތަމަ ދުސްތޫރީ ނިޒާމް އުފެދުން:[އުނިއިތުރު ގެންނަވާ]

ރާއްޖޭގެ ސަރުކާރު ހިންގުމުގެ ނިޒާމު ބޮޑުބަނޑޭރިގޭ އުސޫލުން އޮތުމަށް ފަހު ނުވަތަ ބޮޑުބަނޑޭރިގެއިން ހުރިހާ ކަމެއް ހިންގުމުގެ އުސޫލު އޮތުމަށް ފަހު، ފާހަގަ ކުރެވޭ އެންމެ ފުރަތަމަ ބަދަލަކީ، ރާއްޖޭގައި ގާނޫނުއަސާސީއެއް އުފެދުމެވެ. މިގޮތުން 22 ޑިސެމްބަރު 1932 (23 ޝަޢުބާން 1351 ހ.) ގައި ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އިއުލާނު ކުރެވުނެވެ. މިގާނޫނުއަސާސީ ބުނާ ގޮތުން ރާއްޖޭގައި އޮންނަންވާނީ ވިރާސީ އިންތިޚާބީ ރަސްކަމެކެވެ.

މިގާނޫނުއަސާސީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވުޒާރާ ނުވަތަ މިނިސްޓްރީތައް ގާއިމު ކުރެވުނެވެ. މިވުޒާރާތަކުން ކުރަންޖެހޭ ކަންތައްތަކާއި ވަޒީރުންގެ މަސްއޫލިއްޔަތުތަކާއި އެމީހުންގެ އިޚުތިޔާރުތަކާއި މިކަންކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެއެވެ. ސަރުކާރުގެ ރަސްމީ ލިޔެކިޔުންތައް ހުންނަން ޖެހޭ ގޮތް ފަދަ ކަންކަން ބަޔާންކޮށްފައިވެއެވެ. މިކަންކަން ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ އަޙްކާމްއާންމުގައެވެ.


ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާ ގުޅިގެން ގާއިމު ކުރެވުނު ވުޒާރާ (މިނިސްޓްރީ) ތަކުގެ އަދަދަކީ 12 އެވެ. އެ ވުޒާރާތަކުގެ ނަންތައް ތިރީގައި އެވަނީއެވެ.

1. ވަޒީރުލް އަޢުޡަމްގެ މަޙްކަމާ ( ޕްރައިމްމިނިސްޓަރ )

2. ވަޒީރުލް ޢަސްކަރިއްޔާގެ މަޙްކަމާ ( ޑިފެންސް )

3. ވަޒީރުލް ޙައްޤާނިއްޔާގެ މަޙްކަމާ ( ޖަސްޓިސް )

4. ވަޒީރުލް މާލިއްޔާގެ މަޙްކަމާ ( ފިނޭސް )

5. ވަޒީރުލް ދާޚިލިއްޔާގެ މަޙްކަމާ ( ހޯމް އެފެއާޒް)

6. ވަޒީރުލް ޚާރިޖިއްޔާގެ މަޙްކަމާ ( ފޮރިން އެފެއާޒް )

7. ވަޒީރުއް މަޢާރިފްގެ މަޙްކަމާ ( އެޑިޔުކޭޝަން )

8. ވަޒީރުއް ތިޖާރާގެ މަޙްކަމާ ( ޓްރޭޑް )

9. ވަޒީރުއް ޞިއްޙާގެ މަޙްކަމާ ( ޙެލްތް )

10. ވަޒީރުލް އަޝްޣާލްގެ މަޙްކަމާ ( ޕަބްލިކް ވާރކްސް )

11. ވަޒީރުލް އައުޤާފްގެ މަޙްކަމާ ( ޕަބްލިކް އެންޑައުމެންޓް )

12. ވަޒީރުއް ޒިރާޢަތުގެ މަޙްކަމާ ( އެގްރިކަލްޗަރ )

މި ބާރަ ވުޒާރާގެ އިތުރުން މުހިންމު އެހެން މަގާމެއް އެދުވަހު އިއުލާން ކުރިއެވެ. ނާއިބުލް ޢުމޫމީގެ މަގާމެވެ. ނުވަތަ ދައުލަތުގެ ބަންޑާރަނައިބުގެ މަގާމެވެ. ވަރަށް ކުރީއްސުރެ ރާއްޖޭގައި ބަންޑާރަނައިބުންގެ ޚިދުމަތް (ބަންޑާރަނައިބުގެ ނަމުގައި ނޫނަސް) ކުރައްވަމުން އައިސްފައިވެއެވެ. ނަމަވެސް 1932 ޑިސެމްބަރު 22 ވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އިއުލާން ކުރުމުން ދައުލަތުގެ ނާއިބުލް ޢުމޫމީގެ މަސްއޫލިއްޔަތުތައް ކަނޑައެޅުނެވެ. ގާނޫނުއަސާސީ ބުނާ ގޮތުން، ނާއިބުލް ޢުމޫމީ (ބަންޑާރަނައިބު) އަކީ ވަޒީރުލް ޙައްޤާނިއްޔާއަށާއި މަޙްކަމަތުއް ޝަރްޢިއްޔާގެ ޝަރީޢަތް ކުރާ ވެރިންނަށް ޝަރީޢަތާއި ގާނޫނީ ގޮތުން ނަސޭހަތްތެރިވެ މަޝްވަރާދޭ މީހާއެވެ. ދައުލަތުގެ ފަރާތުން ޝަރީޢަތްތަކުގައި ވަކާލާތު ކުރާނޭ މީހަކީ ވެސް ދައުލަތުގެ ނާއިބުލް ޢުމޫމީއެވެ.

ކޮންމެއަކަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދުސްތޫރީ ހުކޫމަތު ގާއިމު ކުރެވުމާ ގުޅިގެން ސަރުކާރު ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ނަމަވެސް މިގޮތުން އުފެދުނު ބައެއް ގާނޫނުތަކަކީ ރައްޔިތުންނަށް މާ ކަމުދާ ގާނޫނުތަކަކަށް ނުވިއެވެ. މިހެން ވާންވާން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ރައްޔިތުން ހޭލުންތެރިނުވުމެވެ. ނުވަތަ ރައްޔިތުން ހޭލުންތެރި ކުރެވިފައި ނުވުމެވެ. މިހެންވުމުން ގާނޫނާ އެއް ގޮތަށް އަމަލު ކުރަން ރައްޔިތުންނަށް ދަތިވީއެވެ. ބައެއް ގާނޫނުތައް ގަބޫލު ނުކުރެވި، ގާނޫނުތަކާ ދެކޮޅު ހަދަންފެށިއެވެ. ސިއްހަތާ ބެހޭ ގާނޫނާއި ހިތިވިލޭރޭގެ ގާނޫނާއި ސަމާ ގާނޫނު ފަދަ ގާނޫނުތަކާއި ފުރަބަންޑާރަ ލަކުޑީގެ ގާނޫނަކީ މިފަދަ ގާނޫނުތަކެވެ.

އުފައްދާ ފާސްވަމުން ދިޔަ ބައެއް ގާނޫނުތަކަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ އެއްޗިއްސަށް ނުވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ނުކުމެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލިއެވެ. މިކަން ހިނގީ ހިޖުރައިން 20 ރަޖަބް 1352 ގައެވެ. މިކަމުގައި އިސްފަރާތްތަކެއްގެ ހިއްސާވާކަމަށް ބައެއް ލިޔުންތެރިން ދެކެއެވެ. މިކަމުގައި (ގާނޫނުއަސާސީ ވީދާލުމުގައި) އެންމެ އިސް ދައުރެއް އަދާކުރެއްވީ މުޙައްމަދު ޝަމްސުއްދީން 3ވަނަ (އޭރު ހުންނެވި ރަދުން) ކަމަށް މޮޓަރުބޯޓު ގަޑުބަޑު(1966). މިފޮތުގައި ހާމަކޮށްފައިވެއެވެ.

ފުރަތަމަ ގާނޫނުއަސާސީ އިއުލާން ކުރުމާ ގުޅިގެން ސަރުކާރު ހިންގުމަށް އައި ބަދަލުތަކަށް ފަހު ގާނޫނުއަސާސީ އުވާލުމުން ދުވަސްކޮޅަކު ރަސްގެފާނު ހިންގާ ވެރިކަމެއްގެ ގޮތުގައި އޮތެވެ. ނަމަވެސް ފަހުން ކުރީގެ ގާނޫނުއަސާސީއަށް ކުދިކުދި ބަދަލު ގެނައުމަށް ފަހު އަލުން ބޭނުން ކުރަން ފެށިއެވެ. މިއަށް ފަހު ސަރުކާރު ހިންގުމުގެ ނިޒާމަށް އައި އެންމެ ބޮޑު ބަދަލަކީ ރާއްޖެގައި ފުރަތަމަ ހަފަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރެވުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުން:[އުނިއިތުރު ގެންނަވާ]

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް އިއުލާން ކުރީ 01 ޖެނުއަރީ 1953މ. ގައެވެ. ޖުމްހޫރިއްޔަތެއް އުފެދެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ، އޭރު ރައްޔިތުންގެ ރުހުމާއި ލޯބި ލިބިފައި ހުރި، އަދި 1951 އޮކްޓޯބަރު 20 ވަނަ ދުވަހު ރަސްގެފާނުގެ ގާއިމް މަގާމެއްގެ ގޮތުން ވަލިއްޔުލް އަމްރުގެ ގޮތުގައި ހުރި މުޙައްމަދު އަމީން ރަސްކަން ގަބޫލު ނުކުރުމެވެ.

ދިވެހިރާއްޖޭގެ ތަހުތަށް އިންތިޚާބުކޮށްފައި ހުންނެވި ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު، 21 ފެބުރުއަރީ 1952 ގައި އަވަހާރަވުމުން ރަސްކަމުގެ ތަހުތު މުޅިން ހުސްވިއެވެ. ރަސްކަން ހަވާލުކުރުމަށް ރައްޔިތުން އެންމެ ބޭނުންވި ފަރާތަކީ މުޙައްމަދު އަމީނެވެ. ނަމަވެސް މުޙައްމަދު އަމީން ރަސްކަމެއް ގަބޫލެއް ނުކުރިއެވެ. މާނައަކީ ރަސްކަލެއްގެ ގޮތުގައި ހުންނާކަށް މުޙައްމަދު އަމީން ގަބޫލެއް ނުވިއެވެ. ނަތީޖާއަކަށްވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމަކާ ބެހޭގޮތުން ހިޔާލު ތަފާތުވުމެވެ. ރައްޔިތުންގެ މަޖުލީހުން މަޝްވަރާ ކޮމެޓީއެއް އުފައްދައި، ކޮމެޓީގައި މިކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމިއެވެ. މިކޮމެޓީގައި މުޙައްމަދު އަމީން ވެސް ހިމެނެއެވެ. މި ކޮމެޓީއަށް ފެނުނީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރާށެވެ. މިނިންމުމަކީ ކޮމެޓިގެ ނިންމުމަކަށް ވުރެ ބޮޑަށް ވައްތަރީ މުޙައްމަދު އަމީނުގެ ނިންމުމަކާއެވެ. އެހެނީ އެކޮމެޓީގައި މުޙައްމަދު އަމީނު ހިމެނިފައި، އަމީނު ރަސްކަން އޮތުމަށް ނޭދޭއިރު، ރައްޔިތުން މުޙައްމަދު އަމީން ވެރިކަމުގައި ހުންނަން އެދޭތީ، އަމީން ބޭނުންވި ގޮތަށް ކޮމެޓީގެ އެހެން މެންބަރުން ދޫކޮށްލުމީ ވެދާނެ ގޮތެއް ކަމަށް ގަބޫލު ކުރެވޭތީއެވެ.

ކޮމެޓީން ނިންމި ގޮތާ ބެހޭ ގޮތުން 1952 އެޕްރިލް 16 ވަނަ ދުވަހު ޚާއްސަ މަޖުލީހުގައި މަޝްވަރާ ކުރެވުނެވެ. މަޖުލީހަށް ފެނުނީ އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ. މިގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮތީ އެޕްރިލް 17 އަދި 18 މިދެދުވަހު މާލޭގައެވެ. "ވޯޓު ނެގީ ހަމަ އެކަނި ޖުމްހޫރީ ވެރިކަމެއް އޮންނަން ފެނޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. ރައީސާއި ނައިބު ރައީސަކަށް ހުންނަން ފެންނަނީ ކާކުތޯ ވެސް ވޯޓު ނެގިއެވެ." (މުޙައްމަދު ވަޙީދު ނަދުވީ.2006). މިވޯޓު ލުމުގައި ބައިވެރިވީ މާލޭގެ ހަތަރު އަވަށުގެ މީހުންނާއި މާލެއައިސް ތިބި ރަށްރަށުގެ މީހުންނެވެ. މި ވޯޓުން ފާސްވީ ރާއްޖޭގައި ޖުމްހޫރިއްޔަތެއް އޮންނަން ފެންނަކަމަށެވެ. ރައީސަކަށް ހޮވުނީ މުޙައްމަދު އަމީނެވެ. ނާއިބު ރައީސަކަށް ހޮވުނީ ވެލާނާގޭ މުޙައްމަދު އިބްރާހީމް ދީދީއެވެ. މިނެގުނު ވޯޓުގެ ނަތީޖާއާ ގުޅިގެން ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރެވުނެވެ. ނަމަވެސް ރައްޔިތުން މިގޮތަށް ވޯޓު ދިނީ ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން އެންމެ ބޮޑު، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމުކަން ރައްޔިތުންނަށް އެނގިގެން، ޖުމްހޫރީ ވެރިކަމެއް އޮތުމަށް ރައްޔިތުން ބޭނުންވެގެން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނީ އޭރު ރާއްޖޭގެ ރައްޔިތުންގެ އެފަދަ ހޭލުންތެރިކަމެއް ނެތެވެ.

ކޮންމެއަކަށް ރާއްޖޭގައި ޒަމާނުއްސުރެ ހިންގަމުން އައި ރަސްކަމުގެ ނިޒާމު އުވާލައި، ރާއްޖޭގައި އަލަށް ޖުމްހޫރިއްޔަތެއް އުފެދުމަކީ ސަރުކާރު ހިންގުމުގެ އުސޫލުތަކަށް ނުވަތަ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް އައި ކަމެކެވެ. ޖުމްހޫރީ ނިޒާމެއްގައި ހިމެނޭ އުސޫލުތައް ތައާރަފު ކުރެވެމުން ދިޔައެވެ. "ޖުމްހޫރީ ނިޒާމެއްގެ ހުރިހާ އުސޫލުތަކެއް ތައާރަފުކޮށް، އެނިޒާމުގައި ހުންނަ ހުރިހާ އިދާރާތައް ވެސް ހެދިއެވެ. އެކަމަކު ނަމެއްގައެވެ." (މުޙައްމަދު ވަޙީދު ނަދުވީ.2006). ރައްޔިތުންގެ މަޖުލީހެއް އޮތެވެ. އެމަޖުލީހުގެ ދެ ގެ އުފެއްދިއެވެ. އެއީ ސެނެޓާއި ރައްޔިތުންގެ ގެ އެވެ. ސެނެޓްގައި ކެބިނެޓް މިނިސްޓރުންގެ އިތުރުން ސްޓޭޓް މިނިސްޓަރުން ވެސް ތިއްބެވެ. އެކަމަކު ފަނޑިޔާރު މަނިކުފާނާއި ބަންޑާރަ ނައިބުން ކެބިނެޓަކު ނުހިމެނެއެވެ. ސެނެޓްގެ މެންބަރުންގެ ގޮތުގައި ހަތަރު އަންހެނުން ވެސް ހިމެނެއެވެ. މީގެ ކުރިން ރާއްޖޭގައި އަންހެނުން މިފަދަ މަގާމުތަކުގައެއް ނުތިބެއެވެ. މިއީ ޖުމްހޫރިއްޔަތާ ގުޅިގެން ކުއްލިއަކަށް އައި ވަރަށް ބޮޑު ބަދަލެކެވެ.

ޖުމްހޫރީ ނިޒާމް ގާއިމުކުރަން ހަމަޖެހުމާ ގުޅިގެން އާ ގާނޫނުއަސާސީއެއް ފާސް ކުރިއެވެ. މި ގާނޫނުއަސާސީއަކީ ވެސް ވަރަށް ތަފާތު ބޮޑު ގާނޫނުއަސާސީއެކެވެ. 30 މާއްދާގެ މައްޗަށް އެކުލެވޭ މިގާނޫނުއަސާސީގައި ރައްޔިތުންގެ ހައްގުތަކުގެ ވާހަކަ އެއްގޮތަކަށް ވެސް ނެތެވެ. މިގާނޫނުއަސާސީގެ މައިގަނޑު ބައިތަކަށް ބަލާއިރު ފެންނަނީ ވަލިއްޔުލް އަމްރުގެ ވާހަކައާއި އޭނައިގެ ނައިބުގެ ވާހަކައާއި ވުޒާރާއާއި ވަޒީރުންގެ ވާހަކައެވެ. ރައްޔިތުންގެ މަޖުލީހުގެ ދެ ގޭގެ (ރައްޔިތުންގެއާއި ސެނެޓްގެ) ވާހަކައެވެ. (ޢަބްދުﷲ ޒަމީރު.1998). މިގާނޫނު އަސާސީގެ ދަށުން ތަފާތު ގާނޫނުތަކާއި ގަވާއިދުތައް ހަދައި ފާސްކުރެވުނެވެ. މީގެ ތެރޭން ބައެއް ގާނޫނުތަކަކީ އޭރު ދިވެހިން ތިބި ހާލަތުން ބަލައިގަންނަން އުނަގޫ ގާނޫނުތަކަކަށް ވިއެވެ. މީގެ ތެރޭން އެންމެ ފާހަގަ ކޮށްލެވެނީ ދުންފަތާ ބެހޭ ގާނޫނެވެ. މިގާނޫނު ފާސްވުމުން ދުންފަތް އެތެރެކުރުމާއި ބޭނުން ކުރުން މަނާވިއެވެ. "އުތުރު ގަޑުބަޑޭ" ކިޔާ ހަރަކާތް އުފެދުމުގެ އަސްލަކަށް ވަނީ މިގާނޫނުކަމަށް ތާރީޚް ލިޔާމީހުންގެ ލިޔުންތަކުން ފެނެއެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ "އުތުރު ގަޑުބަޑުގެ" މީހުން އައީ ހަމައެކަނި މިގާނޫނާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުމެއްގައި ނޫންކަމެވެ. އޭގެ އިތުރަށް އޭރު ކުރިމަތިވެފައިވާ ތަދުމަޑުކަމުން ސަލާމަތް ކޮށްދިނުމަށް އެކަށީގެންވާ ކަންތައްތަކެއް ސަރުކާރުން ކޮށްދޭކަމަށް ނުފެންނާތީ، އެމީހުންނަށް ދަތިވެފައިވާ ކަންތައްތަކެއް ސަރުކާރަށް ދެންނެވުމުގެ ބޭނުމުގައިވެސް މެއެވެ. މިހިސާބުން ޖުމްހޫރީ ނިޒާމުގެ ފުރަތަމަ ރައީސްގެ ހިންގުތެރިކަމާމެދު ދިވެހިންގެ ހިތްތަކުގައި ޝައްކު އުފެދި ނުރުހުމުގެ ޝުއޫރުތައް ހިނގަންފެށިއެވެ. ތަދުމަޑުކަމުން ސަލާމަތް ވެވޭނެ ގޮތެއް ނުފެނި ގިނަދުވަސް ވަމުން ދިޔަ ވަރަކަށް މި ނުރުހުންތެރިކަން ދިޔައީ އިތުރުވަމުންނެވެ.

ފުރަތަމަ ޖުމްހޫރީ ސަރުކާރު އުވާލުން:[އުނިއިތުރު ގެންނަވާ]

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނުތާ އެންމެ ހަތް މަހާއި ވިހި ދުވަހުން އެ ޖުމްހޫރިއްޔާ އުވާލަން ޖެހޭނީ ކޮންމެވެސް ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލު ކުރެވެއެވެ. ބައެއް ލިޔުންތެރިން ދެކޭ ގޮތުގައި ޖުމްހޫރީ ނިޒާމް އުވާލަން ޖެހުނީ އެނިޒާމަކީ ކޮންކަހަލަ ނިޒާމެއްކަން ރައްޔިތުންނަށް ނޭގޭތީއެވެ. ކޮންމެއަކަސް މިބައިގައި މިހުށައަޅާލަނީ ޖުމްހޫރީ ނިޒާމް އުވާލަން މެދުވެރިވި ސަބަބުތައް ކަމަށް ބެލެވޭ ސަބަބުތަކެވެ.

ޢަބްދުލް ޙަކީމް ޙުސައިންމަނިކު.(1997) ހާމަކުރާ ގޮތުގައި "އަމީނުގެ ސިއްހީ ހާލުކޮޅަކަށް ޓަކައި ބޭސްފަރުވާއަކަށް ސިލޯނަށް ވަޑައިގަތް ވަގުތުގެ ބޭނުން ހިފައި ވެރިކަމުގައި ތިއްބެވި ބޮޑުންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު، ވަރުގަދަ ރޭވުމެއްގެ މަތީން، ނާއިބުރައީސް ( ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ) އިސްރޯލެއް އަދާކުރައްވާ އިންގިލާބު ގެންނެވީއެވެ. ... ރައްޔިތުންގެ ނުރުހުމާއި ރުޅި އިންތިހާއަށް ދިޔަ ތަންވަޅުގައި އަމީނުދީދީގެ ގައިކޮޅަށް އަރައިގަތުމުގެ ފުރުސަތު ރައްޔިތުނަށް ތަނަވަސްކޮށް ދިނީއެވެ." މިބުނުމާ މެދު ވިސްނާލާއިރު ފާހަގަކުރެވޭ ކަމަކީ ރައްޔިތުން އިންތިހާއަށް ލޯބިވާ ވެރިޔަކާ ދެކޮޅަށް އެފަދަ ބޮޑުކަމަކައިގެން ތެދުވާނީ އޭނާގެ ފަރާތުން ރައްޔިތުންނަށް ކަބޫލުކުރަން ދަތި ކަންތައްތަކެއް ފެނިފައިވާތީއެވެ.

ޢަބްދުﷲ ޒަމީރު.(1998) ހާމަކުރާ ގޮތުގައި ޖުމްހޫރިއްޔަތާ ގުޅިގެން އުފެދެމުން ދިޔަ ގާނޫނުތަކާއި މުއައްސަސާތައް ގަބޫލު ކުރެވޭ ފަދަ ފެންވަރެއް އޭރުގެ ރައްޔިތުންގެ ކިބައިގައި ނެތުމާއި ޖުމްހޫރީ ނިޒާމު ފުރިހަމަކުރުމަށް ގެންގުޅުނު އަވަސް ސްޕީޑަކީ ވެސް މިނިޒާމު އުވެންމެދުވެރިވި ސަބަބެކެވެ. މިއީ ވެދާނެ ގޮތެއް ކަމަށް ގަބޫލު ކުރެވެއެވެ. އެހެނީ އޭރު ރާއްޖޭގެ ތައުލީމީ ހާލަތު ވަރަށް ދަށެވެ. ހޭލުންތެރިކަން އެހާ ކުޑައެވެ. ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް އެހާ ދަށެވެ. ބޭސްފަރުވާގެ ކަންތައްތައްވެސް އެހާ ދަށެވެ. ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތައްވެސް ފުއްދާ ނުލެވެއެވެ. ކާބޯތަކެއްޗެއް ނުލިބެއެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުނުތާ އަށެއްކަ އަހަރުވިއަސް ހަނގުރާމައިގެ ދުވަސްވަރެކޭ - ތަދުމަޑުކަމުގެ ގޮތުން- ތަފާތެއް ނެތެވެ.

މިކަންތައްތައް ހުރީ މިފަދަ ގޮތަކަށް ކަމުގައި ވިއަސް ޖުމްހޫރީ ނިޒާމާ ގުޅިގެން އާ ކަންތައްތަކެއް ތައާރަފު ކުރެވެމުން ދިޔައެވެ. ބައެއް ކަންތައްތަކަކީ ދިވެހިންގެ އޭރުގެ ގަބޫލުކުރުންތަކާއި އާދަކާދައާ ފުށުއަރާ ކަންތައްތަކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަކީ އަންހެނުން ވަޒީފާތަކަށް ނެރެން ފެށުމެވެ. އިންތިހާބުތަކުގައި އަންހެނުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ނެތްނަމަވެސް، ރައްޔިތުންގެ ކަންކަން ނިންމާ ރައްޔިތުންގެ މަޖުލީހުގައި އަންހެން މެންބަރުން ތިއްބެވެ. ރައީސްގެ ޕްރައިވެޓް ސެކްރެޓަރީންނަށް ވެސް ތިބެނީ ޒުވާން އަންހެނުންނެވެ. އަންހެނުންގެ ރީތީގެ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވިއެވެ. މިފަދަ ކަންތައްތަކަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ނުހިމެނޭ ކަންތައްތަކަކަށް ވުމުން މިއީ ދިވެހިންނަށް ގަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. މިކަމުންވެސް ބައެއް ދިވެހިންގެ ހިތުގައި ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް އުފެދުނެވެ.

ކުރިންވެސް ދެންނެވިފަދައިން ޖުމްހޫރީ ނިޒާމު ގާއިމު ކުރުމާ ގުޅިގެން ހެދުނު ބައެއް ގާނޫނުތަކަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ އެއްޗެއްސެއް ނޫނެވެ. މިގޮތުން ދުންފަތް މަނާކުރުމުގެ ގާނޫނު މިއީ އެންމެ ފާހަގަ ކުރެވޭ އެއް ގާނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ނަމަވެސް ދިވެހިން އެކަމަށް އާދަވެފައިވަނީ ކުއްލިއަކަށް އެކަން ހުއްޓާލެވޭ ވަރަކަށް ނޫނެވެ. މިކަން މިހެން އޮއްވާ އެކަމުގެ ހޭލުންތެރިކަމެއް ނެތް ބަޔަކަށް، ކުއްލިއަކަށް އެކަން މަނާކުރުން ވެގެން ދިޔައީ ބަނޑުހައި ހޫނުކަމުގައި ތިބި ރައްޔިތުންގެ ހިތުގައި އިތުރަށް ނަފުރަތު އުފެދުނު ކަމަކަށެވެ. މިކަހަލަ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް ދިޔައީ އުނދަގޫތަކާ ކުރިމަތިވަމުންނެވެ. މިހެންވުމުން "ޖުމްހޫރީ ނިޒާމަކީ ރައްޔިތުންނަށް ޓަކައި ރައްޔިތުން ހިންގާ، ރައްޔިތުންގެ ވެރިކަމަކަށް ވިޔަސް، ރައްޔިތުންނަށް ޖުމްހޫރީ ނިޒާމު ގަބޫލު ކުރެވޭ ގޮތެއް ނުވިއެވެ." (ޢަބްދުﷲ ޒަމީރު.1998). އެމީޙުންނަށް ފެނުނީ އެނިޒާމުގެ އުނިކަންތައްތަކެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށްވީ 1953 އޯގަސްޓް 21 ވީ ހުކުރު ދުވަހު ރައްޔިތުން ނުކުމެ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުވާލުމެވެ. އެދުވަހު ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން ނިކުމެ އެހިންގި އަމަލަކީ ޖުމްހޫރީ ނިޒާމާއެކު ތައާރަފުކުރެވުނު އާ ކަންތައްތައް ރައްޔިތުންނަށް ބަލައިނުގަނެވުމުގެ ސަބަބުން ހިނގި ކަމެކެވެ.


ނިންމުން:[އުނިއިތުރު ގެންނަވާ]

މަތީގައި ބަޔާންކުރެވުނު ކަންތައްތަކުން އެނގުނު ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ސަރުކާރެއް އުފެދުނީ ރައްޔިތުން ޖުމްހޫރީ ވެރިކަމެއް ބޭނުންވެގެން ކުރެވުނު މަސައްކަތަކުން ނޫންކަމެވެ. އަދި ޖުމްހޫރިއްޔަތަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި، އެންމެ ފުރިހަމަ ވެރިކަމުގެ ނިޒާމްކަން އެނގިގެނެއްވެސް ނޫންކަމެވެ. އެދުވަސްވަރު ވެރިކަމަށް އެންމެ އެކަށޭނަ މީހަކީ މުޙައްމަދު އަމީނުކަމށް ރައްޔިތުން ދެކޭތީ އޭނާއަށް ވެރިކަން ދޭން ބޭނުންވެގެން ކަމެވެ. އެއީ މުޙައްމަދު އަމީން ވެރިއަކަށް ވާން އެއްބަސްވިއަސް ރަސްކަލަކަށް ހުންނަން ގަބޫލު ނުވީތީއެވެ. މުޙައްމަދު އަމީނު ބޭނުންވީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް އޮންނަން ކަމަށް ވީތީއެވެ.

ހަމަ އެފަދައިން ޖުމްހޫރީ ސަރުކާރު އުވާލީ އޭރު އިސްކޮށް ތިބި މީހުން ވެރިކަން ބޭނުންވެގެންނެއް ނޫނެވެ. ނުވަތަ ވެރިކަން ބޭނުންވެގެން ޖުމްހޫރީ ނިޒާމުގެ އުނިސިފަތައް ރައްޔިތުންނަށް ކިޔައިދީ، ނިޒާމު ކަމުނުދާކަމަށް ރައްޔިތުންނަށް ވިސްނައިދީގެނެއްވެސް ނުމެނޫންމެއެވެ. އެއާ ޚިލާފަށް ރައްޔިތުންނަށް ތަހައްމަލު ކުރަން ދަތި އުނދަގޫ ތަކަކާ ކުރިމަތިވުމުންނެވެ. އެމީހުންނަށް ބަލައިގަންނަށް އުނދަގޫ އާ ކަންތައްތަކެއް، ކުއްލިއަކަށް ތައާރަފް ކުރުމުންނެވެ. އެކަންކަމާ ގުޅުގެން ރައްޔިތުންގެ ހިތުގައި އުފެދުނު ނުރުހުންތެރިކަމެއްގެ ސަބަބުންނެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރު ނުކުޅެދުމުންނެވެ.

ވީމާ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީވެސް އަދި އުވާލެވުނީވެސް ރައްޔިތުންނަށް ޖުމްހޫރިއްޔަތަކީ ކޮންއެއްޗެއް ކަން ނޭނގިގެނެއް ނޫނެވެ. ޖުމްހޫރިއްޔަތު ގެނައި އިރުވެސް ޖުމްހޫރީ ނިޒާމަކީ ކޮބައިކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. އަދި އުވާލިއިރުވެސް ޖުމްހޫރިއްޔަތަކީ ކޮބައިކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. އެމީހުން ޖުމްހޫރީ ސަރުކާރު އުވާލީ ޖުމްހޫރީ ނިޒާމުގައި މައްސަލަހުރެގެނެއް ނޫނެވެ. އެނިޒާމުގެ ދަށުން އުފެދުނު ސަރުކާރަށް ރައްޔިތުންގެ އިހްސާސްތައް ނުވިސްނުމުން ރައްޔިތުންނަށް ތަހައްމަލު ކުރަން ޖެހުނު ތަދުމަޑުކަމާއި ދަތިތަކެއް ހައްލު ނުކުރެވުމުގެ ސަބަބުންނެވެ.ރިފަރެންސް[އުނިއިތުރު ގެންނަވާ]

1- ޢަބްދުﷲ ޒަމީރު. (1998) ފުރަދާނަ. މާލެ؛ މިނިސްޓްރީ އޮފް އިންފޮރމޭޝަން އާޓްސް އެންޑް ކަލްޗަރ

2- ޢަބްދުﷲ ޒަމީރު. (ޝާއިއުނުކުރާ) ރާއްޖޭގެ އާންމު ޚިދުމަތް: ދިވެހިންގެ ބޭނުންތަކަށް އިޖާބީ ޚިދުމަތެއް. މާލެ؛

3- ޢަބްދުލް ޙަކީމް ޙުސައިންމަނިކު. (1997) ގައުމުދެކެ ލޯބިވާ އަށެއްކަ މީހުންގެ ޚިދުމަތް. އިއްޔެ. މާލެ؛

4- މުޙައްމަދު އިސްމާޢީލްދީދީ. (1966) މޮޓަރުބޯޓު ގަޑުބަޑު. މާލެ؛ ނޮވެލްޓީ ޕްރެސް

5- މުޙައްމަދު ވަޙީދު ނަދުވީ. (2006) ލެކްޗަރ ނޯޓްސް.