ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނީ 9 ޖުލައި 2015 (22 ރަމަޟާން 1436) ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ކުރީގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ދައުލަތުގެ ޔުނިވަރސިޓީއަކަށް ބަދަލުކުރެއްވުމުންނެވެ.
މިގެނެވުނުބަދަލާއެކު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، އުނގަންނައިދިނުމާއި ދިރާސާތައްކުރުމާއި އައު އުފެއްދުންތަކަށް ޚާއްޞަ މަސައްކަތްތަކެއް ކުރާ ތަޢުލީމީ އިދާރާއަކަށް ވެގެންދިއައެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ، މަތީފެންވަރުގެ ވިސްނުންތަކަށް ފުރުސަތު ތަނަވަސްކޮށްދީ އަދި އިސްލާމް ދީން ޝާމިލުވެގެންވާގޮތެއްގައި ތަފާތު، ނައްޞުތަކާއި، ނަޒަރިއްޔާތުގެ ތެރެއިން އިސްލާމް ދީން ރަނގަޅަށް ފަހުމުވެ އެ މާތް ދީނުގެ ތަޢުލީމާއި އިރުޝާދުގެ އަލީގައި އުފެއްދުންތެރި ބިނާކުރަނިވި މުސްލިމު ދަރިން ތަރުބިޔަތު ކުރުމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބިނާވެގެންވަނީ، ޙަރަކާތްތެރި، ފުޅާ ތަޞައްވުރާއި، ޢިލްމީ އަރުތަ ހާޞިލުކުރުމުގެ ވަރުގަދަ ޢަޒުމެއްގެ މައްޗަށެވެ. ޢިލްމީ ތަމްރީނާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިސްލާމީ ތަޢުލީމު ޢާންމުކުރުމުގެ އަމާޒަށް ވާޞިލުވުމުގެ މައްޗަށެވެ. ބަދަލުވަމުންދާ ދުނިޔޭގެ ތަފާތު މަސްރަޙުތަކުގައި ބޭނުންކުރެވޭނެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޤުޞަދު
[އުނިއިތުރު ގެންނަވާ](ހ) ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދޭ ޚާއްޞަ ޔުނިވަރސިޓީއެއް ޤާއިމުކޮށް އެ ޔުނިވަރސިޓީ ހިނގާނެގޮތުގެ އިޖުރާއާތުތަކާއި އުސޫލުތައް ކަނޑައެޅުން؛
(ށ) ދީނީ އެއްބައިވަންތަކަމާއި، ޤައުމީ ވަޙްދަތުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމާއި ޘަޤާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ޤައުމުގެ ތަރައްޤީއަށާއި، ހޭލުންތެރިކަމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ތަހުޒީބު، ޒިންމާދާރު، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ދިވެހި ދަރިންތަކެއް އުފެއްދުން؛
(ނ) ފަރުދުންނާއި ޤައުމު، ތަރައްޤީއާ ހަމައަށް ވާސިލުކޮށް ކުރިއެރުވުމަށްޓަކައި އިސްލާމީ ނަޒަރިއްޔާތުގެ ރޫޙާ އެއްގޮތަށް މަސައްކަތްކުރުން؛
(ރ) އިސްލާމީ ސައިންސާއި އަދި ޑިސިޕްލިންތަކުގެ އެކި ރޮނގުން ކުރިއަރައި ތަރައްޤީއަށް ވާސިލުވާނެ ގޮތްތައް ހޯދުން؛
(ބ) ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަކީ ޤައުމާއި މުސްލިމް އުންމަތް ބިނާކުރާނެ އުފެއްދުންތެރި އަދި ޤާބިލު ފަންނުވެރި ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަސްއޫލިއްޔަތު
[އުނިއިތުރު ގެންނަވާ](ހ) ޢާންމުކޮށް ޢިލްމާއި ހުނަރު، ޚާއްޞަކޮށް އިސްލާމީ ޢިލްމާއި މަޢުރިފާ އާއި ޘަޤާފަތް އިތުރުކޮށް ފުޅާކުރުން؛
(ށ) ދިވެހިރާއްޖެއަށް ބޭނުންވާ ޢާންމު ޢިލްމާއި ހުނަރުތަކާއި އިސްލާމީ ތަޢުލީމުގެ އެންމެހާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ދިނުން؛
(ނ) ޢިލްމީ ދިރާސާކުރުމާއި މިފަދަ ދިރާސާތައް ޤައުމީ އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަންފާއަށް ޓަކައި ޝާއިޢުކުރުން؛
(ރ) ޔުނިވަރސިޓީގައި ހިންގާ ކޯސްތަކާއި ލިބިދޭ ތަމްރީނާއި ތަޢުލީމާ ގުޅިގެން ދޭންޖެހޭ ބެޗެލަރސް، މާސްޓަރސް، އަދި ޑޮކްޓޯރަލް ޑިގްރީއާއި އެނޫންވެސް ސަނަދުތަކާއި އެވޯޑުތައް ދިނުން؛
(ބ) ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޢުލީމީ މަރުކަޒުތަކާއެކު އެއްބާރުލުމުގެ ގުޅުންތައް ޤާއިމުކުރުން؛
(ޅ) ޔުނިވަރސިޓީގެ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ޔުނިވަރސިޓީގެ ވަޞީލަތްތައް ތަރައްޤީކޮށް އިތުރު ވަޞީލަތްތައް ހޯދުން؛
(ކ) ޔުނިވަރސިޓީގެ އެންމެހާ ވަޞީލަތްތައް ޔުނިވަރސިޓީގެ މަރުކަޒުތަކުގެ މެދުގައި އިންޞާފުވެރިކަމާއެކު އެންމެ ހެޔޮގޮތުގައި ބޭނުންކުރުން؛
(އ) އިސްލާމީ އަދި ދިވެހި ތާރީޚާއި އާދަކާދަތަކާއި އަދަބުތައް ކުރިއަރުވައި ފެތުރުން؛
(ވ) އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާގޮތަށް މަތީގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރުމަށް ޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރުން.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަޞައްވުރާއި މުހިންމަތު
[އުނިއިތުރު ގެންނަވާ]ތަޞައްވުރު: ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާހުރި ޢިލްމު ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީ ކަމުގައިވުމެވެ.
މުހިންމަތު: އެންމެ މަތީ ފެންވަރަށް ކިޔަވައިދިނުމާއި، އުނގެނުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، އިޖުތިމާއީ ޚިދުމަތުގެ ތެރެއިން، ޤައުމަށާއި އިސްލާމީ އުންމަތަށް ފައިދާކުރާނެ، މަތިވެރި އިސްލާމީ ސިފަތައް ލިބިގެންވާ، ވަޒަން ހަމަ ޝަޚުޞިއްޔަތެއް ހުރި އުންމީދީ ދަރިވަރުން ތައްޔާރުކުރުމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ
[އުނިއިތުރު ގެންނަވާ]ޔުނިވަރސިޓީގެ ފަލްސަފާ ނެގިފައިވަނީ سورة العلق ގެ ފުރަތަމަ ފަސް އާޔަތުންނެވެ.
[ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿١﴾ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ﴿٢﴾ ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ ﴿٣﴾ ٱلَّذِى عَلَّمَ بِٱلْقَلَمِ ﴿٤﴾ عَلَّمَ ٱلْإِنسَٰنَ مَا لَمْ يَعْلَمْ ﴿٥﴾] މާނައީ "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ (ޤަލަމުން) ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައި ދެއްވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަލްސަފާ ބިނާވެގެންވަނީ، ﷲއީ، ހުރިހާ ތަކެއްޗެއް ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެކަމަށް އީމާންވުމުގެ މަތިވެރި ޢަޤީދާގެ މައްޗަށެވެ. އެހެންކަމުން ޔުނިވަރސިޓީން ދެވޭ ތަޢުލީމުގެ ތެރޭގައި ޝާމިލުވެގެންވަނީ ތައުޙީދުގެ ރޫޙެވެ. އެހެންވީމާ، ޢިލްމުގެ މަންހަޖާއި، ޢިލްމު ބޭނުންކުރުމުގެ ތަރަހައަކީ، ކީރިތި ޤުރްއާނާއި ސުންނަތެވެ.
މި ބިމުގައި ލެއްވި، މާތްﷲ މާތްކުރެއްވި، ޚަލީފަތުﷲ ގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަކީ، ޤައުމާއި އިސްލާމީ އުއްމަތް ބިނާކުރުމުގެ މުހިއްމު މަސްއޫލިއްޔަތެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އަސާސީ އަގުތައް
[އުނިއިތުރު ގެންނަވާ]- ނަޒާހަތްތެރިކަން
- ފެންވަރާއި އަރުތަ
- ޤައުމަށާއި އުންމަތަށް ޚިދުމަތްކުރުން
- ދީންވެރިކަން
- ޒިންމާދާރުވުން
- އުޚުއްވަތްތެރިކަން
- ޢަދުލުވެރިކަން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ހުންނަ ކުއްލިއްޔާތަކާއި ސެންޓަރުތައް
[އުނިއިތުރު ގެންނަވާ]- ކުއްލިޔާ އޮފް ޤުރްއާން އެންޑް ސުންނާ
- ކުއްލިޔާ އޮފް ޝަރީޢާ އެންޑް ލޯ
- ކުއްލިޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް
- ކުއްލިޔާ އޮފް އެޑިޔުކޭޝަން
- ކުއްލިޔާ އޮފް ޢަރަބިކް ލެންގުއޭޖް
- ކުއްލިޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް
- ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަން
- ސެންޓަރ ފޮރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް
- ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން