Jump to content

ދާގަނޑު ފަތިރޮނޑު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ފަތިރޮނޑުގެ ވައްތަރެއް

ދާގަނޑު ފަތިރޮނޑު(ސައިންޓިފިކް ނަން: cantherhines paradilis)ނުވަތަ (އިނގިރޭސި ބަހުން: Wirenet filefish)އަކީ ދިވެހި ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ފަތިރޮނޑުގެ ބާވަތެކެވެ. މިމަސް އާއްމު ގޮތެއްގައި ބޮޑުވާ ކަމަށްވަނީ 21 ސެންޓިމީޓަރަށެވެ. މިމަސް އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބު ތަކުގައިކަން ފާހަގަ ކުރެވެއެވެ. މިއީ ފަރުމަތީ އުޅޭއިރު ވަަރަށް މަޑުން ހަރަކާތްކުރާ މަހެއްކަމުގައި ވިޔަސް ގޯނާކުރުމުން ވަރަށް ހަލުއިކޮށް ކޮޅުކޮޅަށް ދުވެއުޅެއެވެ. އަދި މިބާވަތް ހިފުމަށް ވަކި ޚާއްޞަ މަސްވެރިކަމެއް ވެސް ނުކުރެއެވެ.

މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގެ އާއްމު ސިފަޔާ މަހަށް ކިޔާ އިގިރޭސި ނަމަށް ބަލާ މިމަހަށް ދާގަނޑު ފަތިރޮނޑު ކިޔާފައިވަނީ އެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރު ކައްޓާއި، 32 އާއި، 36 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 29 އާއި، 32 އާއި ދެެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތް ގަނޑުގައި 12 އާއި، 14 އާއި ދެެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ގަދަ މުށި ކުލައެވެ. މަހުގައި ދާގަނޑަކާއި އެއްސިފަޔަކަށް ހުންނަ ދިގު ކުރެހުންގަނޑެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގެ މަތީބައިގައި ހުދުކުލައިގެ ލަފެއް ހުރެއެވެ. މަހުގެ ކާނާއަކީ ކަނޑުއަޅީގައި އުޅޭ ކުދި ދިރުންތަކެވެ.