ދަރިމައިނުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދަރިމައިނުވުން (infertility): ދަރިމައިނުވުމަކީ ދޭތެރެ ދުރުކުރާ އެއްވެސް ވަޞީލަތެއް ބޭނުންކުރުމެއްނެތި، ގަވާއިދުން ރޭކުރާތާ އެއް އަހަރު ވީއިރު ވެސް ބަލިވެ ނުއިނުމެވެ.ބައެއް ހާލަތުގައި މިމުއްދަތު 6 މަސް ކަމުގައި ބެލެވިދާނެ އެވެ. ދަރިން ލިބުން ލަސްވުން (Subfertility): ދަރިން ލިބުން ލަސްވުމަކީ ދަރިން ލިބުމުގެ ފުރުޞަތު ކުޑަވުމެވެ. ނުވަތަ ބަލިވެއިނުމުގެ ފުރުޞަތު ކުޑަވުމެވެ. އެއީ އެއްގޮތަކަށް ވެސް ދަރިމައިވުމަށް ނުކުޅެދިގެންވުމެއް ނޫނެވެ. އާންމު ގޮތެއްގައި 35 އަހަރުން ދަށުގެ ދެމަފިރިން، ގަވާއިދުން އެއްހަރު ވަންދެން ، ދޭތެރެ ދުރުކުރާ ވަޞީލަތެއް ބޭނުންކުރުމެއް ނެތި، ރޭކޮށް، ދަރިން ނުލިބޭނަމަ، އެއީ ދަރިމައިނުވުން ކަމުގައި ބެލެވިދާނެ އެވެ. އަދި 35 އަހަރުން މަތީގެ ދެމަފިރިން މިއުސޫލުން ރޭކުރާތާ 6 މަސް ވީއިރުވެސް ދަރިން ނުލިބޭނަމަ، އެއީ ދަރިމައިނުވުން ކަމުގައި ބެލެވިދާނެ އެވެ. އަހަރެއްހާ ދުވަހުގެ މުއްދަތަށް ދަރިޔަކު ބޭނުންވެގެން، ދޭތެރެ ދުރުކުރާ ވަޞީލަތެއްނެތި، ޖިންސީ ގުޅުން ހިންގަމުން ދިޔައިރު ވެސް، ދަރިމައިނުވިނަމަ، ދަރިން ލިބުމުގައި މައްސަލައެއް ހުރީކަމަށް ޝައްކު ކުރެވިދާނެ އެވެ. ދަރިމައިނުވުމަކީ ފަހަރުގައި އަނބިމީހާގެ ކިބައިގައި ހުރި މައްސަލައަކަށް ވެދާނެ އެވެ. ނުވަތަ ފިރިމީހާގެ ކިބައިގައި ހުރި މައްސަލައަކަށް ވެދާނެ އެވެ. ނޫނީ ދެމަފިރިންގެ ކިބައިގައި ހުރި މައްސަލައަކަށް ވެސް ވެދާނެ އެވެ. ނޫނީ ދެމަފިރިންގެ ކިބައިގައި ހުރި ތަފާތު މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. ދަރިމައިނުވުމަށް ދެވޭ ވަރަށް ރައްކާތެރި، އެކަށޭނަ ފަރުވާތައް ހުރެއެވެ. މިފަދަ ފަރުވާތަކުގެ ސަބަބުން ދަރިމައިނުވާ މީހުން ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އަންހެނަކު ބަލިވެ އިނުމުގެ ތެރޭގައި ތަފާތު ފިޔަވަހި ތައް ކަނޑަތުކުރެއެވެ. އެގޮތުން ކުރިމަތިވާނެ ފިޔަވަހި ތަކުގެ ތެރޭގައި:- · އަންހެނާގެ ހަށިގަނޑުގެ ދެފަރާތުގައިވާ ބިސް އުފައްދާތަނުގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއްގެ ބިސް އުފައްދާ ތަނުން ބިސްދޫކުރުން · ފިރިހެނާގެ ދަރިފަނި ބިހާއި ބައްދަލުވެ މުޑުވައްވުން · މުޑުވައްވެފައިވާ ބިސް ބިސްދަތުރުކުރާ ހޮޅިން ރަހިމަށް ވާޞިލްވުން · މުޑުވައްވެފައިވާ ބިސް ރަހިމުގެ ފާރުގައި ގަރުބަގަތުން ދަރިމައިނުވުމަކީ މިއިން ކޮންމެ ވެސް ފިޔަވައްސެއްގައި ނޫނީ ފިޔަވަހިތަކެއްގައި ހުރި މައްސަލައަކާއި ގުޅިގެން ދިމާވާ ކަމަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އަލާމާތްތައް ގިނަ ދެމަފިރިންނަށް ދަރިޔަކު ހޯދުމަށް މަސައްކަތްކުރާތާ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ބަލިވެއިނދެއެވެ. ދޭތެރެ ދުރުކުރާ ވަޞީލަތެއްނެތި، ޖިންސީގުޅުން ހިންގާތާ، އެއްއަހަރު ދުވަސްވާއިރު، %90 ދެމަފިރިންނަށް ދަރިން ލިބެއެވެ. ދަރިމައިނުވުމުގެ މައިގަނޑު ނިޝާނަކީ ދެމަފިރިންނަށް ދަރިޔަކު ލިބުމަށް ނުކުޅެދިގެންވުމެވެ. މިނޫން އިތުރު އަލާމާތެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދަރިމައިނުވާ އަންހެނާގެ ފުށުން، މައްސަރު ކަންތައްތައް ތަރުތީބުނުވުން، އަދި މައްސަރު ކަންތައް ނުޖެހުން ފަދަ ކަންތައްތައް ފާހަގަވުމަކީ ވެދާނެ ގޮތެކެވެ. ދަރިން ނުލިބޭ ފިރިހެނާގެ ފުށުން ފެނިދާނެ ކަންތައްތަކުގެ ތެރޭގައި، ހަށިގަނޑުގައި ރަގަޅަށް އިސްތަށި ނުފެޅުން، ޖިންސީ އެދުންވެރިކަން ދަށްވުން، މަނިބޭރުވުމުގެ މައްސަލަތައް، ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން އެފަދަ މީހެއްގެ ފުށުން އޮށްކުޑަކޮށްއިނުން، އަދި އުރަވަޅި ދުޅަވުން ފަދަ ކަންކަން ފާހަގަވެދާނެއެވެ. ސަބަބުތައް ބަލިވެއިނުމަށްޓަކައި، ބިސް ދޫކުރުމުގެ މަސައްކަތާއި، އަންހެނާގެ ބިސްރަވަ އިން ދޫކުރި ބިސް އަދި ފިރިހެނާގެ ދަރި ފަނި ބައްދަލުވެ، މުޑުވައްވުމުގެ މަސައްކަތް ބަރާބަރަށް ހިނގަން ޖެހެއެވެ. ބައެއް މީހުންނަށް ދަރިމައިނުވުމުގެ މައްސަލައަކީ އުފެދުނީއްސުރެ ހުންނަ ކަމަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ އޭގެ ފަހުން ދިމާވާ ކަމެއްގެ ސަބަބުން ދަރިމައިނުވުމަކީ ވެދާނެ ގޮތެކެވެ. ދަރިމައިނުވަނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކެއްގެ ކިބައިގައި ހުރި ކަމަކުން ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ ދެމަފިރިންގެ ކިބައިގައި ހުރި މައްސަލައަކުން ކަމަށް ވެސް ވުމަކީ ވެދާނެ ގޮތެކެވެ. އާންމު ނަޒަރަކުން ބަލާއިރު:- · 3/1 ހާލަތްތަކުގައި ދަރިމައިނުވަނީ ފިރިމީހާގެ ކިބައިގައި ހުންނަ މައްސަލައެއްގެ ސަބަބުންނެވެ. · 3/1 ހާލަތްތަކުގައި ދަރިމައިނުވަނީ އަނބިމީހާގެ ކިބައިގައި ހުންނަ މައްސަލައެއްގެ ސަބަބުންނެވެ. · ބާކީ ހުންނަ ހާލަތްތަކުގައި ދެމަފިރިންގެ ކިބައިގައި ހުންނަ މައްސަލައެއްގެ ސަބަބުންނެވެ. ނުވަތަ އޭގެ ސީދާ ސަބަބު ނޭނގުމަކީ ވެދާނެ ގޮތެކެވެ. ފިރިހެނުންނަށް ދަރިން ނުލިބުން ކުރިމަތިވާ ސަބަބުތައް ފިރިހެނުންނަށް ދަރިން ނުލިބުން މެދުވެރިވާ ނޫނީ ދަރިން ލިބުމަށް ހުރަސްއަޅާ ތަފާތު ސަބަބުތައް ހުރެއެވެ. އާންމު ގޮތެއްގައި ދަރިން ނުލިބޭ ސަބަބުތައް ދެނެގަތުމަށް މަނި ތަހުލީލު ކުރާނެއެވެ. އެގޮތުން މަނީގެ މިންވަރު، ހަރަކާތް، ބައްޓަން ހުރިނެތްގޮތް ބަލާނެއެވެ. މަނީގެ ތަހުލީލުތަކުގެ އެހީގައި ފިރިހެން މީހާގެ ސަބަބުން ދަރިން ނުލިބޭފަދަ ކަމެއް ހުރިތޯ ދެނެގަތުމަށް އެހީތެރިކަން ލިބިގެންދެއެވެ. ފިރިހެނުންނަށް ދަރިން ނުލިބުން ކުރިމަތިކުރުވާ ސަބަބުތައް · ދެއޮށަށް ބައްޔެއް ޖެހުން : މިސާލަކަށް އޮށުގައި ހުންނަ ލޭހޮޅިތައް ބޮޑުވެ، އޮށުގެ ސައިޒުން ބޮޑުވުން · ދުވަސްވީ ބައްޔެއް ޖެހިފައިވުން : މިސާލަކަށް ހަކުރު ބަލި ފަދަ ބައްޔެއް ހުރުން · ލޭމައްޗަށްދިއުން ފަދަ ކަމަކަށް ބޭސް ބޭނުންކުރުން · ޞިއްޙީގޮތުން ރަނގަޅު ނޫން އާދަތައް ގެންގުޅުން : މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ބަނގުރާ ބުއިން، ހަށިގަނޑު ވަރުގަދަކުރުމަށް އެނަބޮލީކް ސްޓީރޮއިޑް ފަދަ ބޭސް ބޭނުންކުރުން · ދިރިއުޅޭ މާހައުލުން ވެށީގެ ވިހަތަކަށް ހުށަހެޅުން : މިސާލަކަށް ފަނިފަކުސަ މަރާ ބޭސް، ގަސްގަހަށްޖަހާ ބޭސް ފަދަ ބާވަތްތަކަށް ހުށަހެޅުން، އަދި މަސައްކަތުގެ ވެށިން ތިމަރައަށް ވިހަވުން ނޫނީ ތިމަރައަށް ހުށަހެޅުން · ބާލިޣުވުމަށްފަހު ކޯފުއްޕި ޖެހުން · ދެއޮށް ރަނގަޅަށް ތިރިއަށް ފައިބައިފައި ނެތުން ނޫނީ ދެއޮށް ތިރިއަށް ފެއިބިލެއް ލަސްވުން · ގިނައިރު (ގިނަ ދުވަސްތަކެއް ވަންދެން) ބައިސްކަލް ދުއްވުން : ގިނައިރު ނޫނީ ގިނަ ދުވަސްތަކެއް ވަންދެން ބައިސްކަލް ދުއްވުމަކީ ފަހަރުގައި ދެއޮށަށް އަނިޔާ ލިބިދާނެ ކަމެކެވެ. އަދި މިގޮތަށް ލިބިދޭ އަނިޔާއެއްގެ ސަބަބުން އޮށުގައި ޖަރާސީމު އެޅުމަކީ ވެދާނެ ގޮތެކެވެ. · ރޭޑިޔޭޝަން ނޫނީ ކީމޯތެރަޕީގެ ފަރުވާ ހޯދުން · ސިސްޓިކް ފައިބްރޯސިސް ފަދަ ބައްޔެއް ހުރުން މިއިން ކަމެއް ދިމާވެފައިވާނަމަ ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ. އަންހެނުންނަށް ދަރިން ނުލިބުން ކުރިމަތިވާ ސަބަބުތައް ބަލިވެއިނުމަށްޓަކައި ރަހިމާއި، ބިސްދަތުރުކުރާ ހޮޅިއާއި، ބިސްއުފައްދާ ތަނަކީ ރަނގަޅަށް މަސައްކަތްކުރާ އެއްވެސް ކަހަލަ މައްސަލައެއް ނެތް ތަންތަނަށް ވާންޖެހެއެވެ. މިއިން ކޮންމެ ގުނަވަނަކަށް މައްސަލަ އެއް ދިމާވުމަކީ އޭގެ ސަބަބުން އަންހެނާއަށް ދަރިމައިވުމުގައި ހުރަސްތަކާ ދިމާވެދާނެ ކަމެކެވެ. އަންހެނުންނަށް ދަރިން ނުލިބުން ކުރިމަތިކުރުވާ ސަބަބުތައް · އިންޑޯމެޓްރީއޯސިސް : ރަހިމުގެ ޓިޝޫތައް ރަހިމުން ބޭރުގައި އަށަގަތުން · ރަހިމުގައި ފައިބްރޮއިޑް އުފެދުން · ދަށްބަނޑުގައި ދުޅައެއް އުފެދޭ ފަދަ ބައްޔެއް ހުރުން · ބިސްދަތުރުކުރާ ހޮޅި ބެދިފައި ހުރުން · ކިހުނުވުން، ކްލަމީޑިޔާ، ފަދަ ޖިންސީގުޅުމުގެ ޒަރީޢާއިން ފެތުރޭ ބައްޔެއް ޖެހިފައިވުން · ތަދުވުމާއެކު، ވަކި އިންތިޒާމެއްނެތި މައްސަރުކަންތައް ޖެހުން (މައްސަރުކަންތައް ގަވާޢިދުން ނުޖެހުން) · މޫނާއި ހަށިގަނޑުގައި އިސްތަށި ގިނައިން ފަޅާފައި ހުރުން · ބަނޑުގެ ނޫނީ ދަށްބަނޑުގެ އޮޕަރޭޝަނެއް ކުރުން · ގިނަ ދުވަސްވީ ބައްޔެއް ޖެހިފައި ހުރުން · ދުންފަތުގެ އިސްތިއުމާލުކުރުން · މާބޮޑަށް ބަރުދަން އިތުރުވެ، ފަލަވުން · މާބޮޑަށް ހިކިވެ، ބަރުދަން ލުއިވެ، އަނަރޫފަވުން · މާއަވަހަށް އިއްދައިން ކެނޑުން · ބިސް އުފައްދާ ތަނުން ބިސް އުފައްދާ މިންވަރު މަދުވުން · ބިސް އުފައްދާ ތަނުގައި ސިސްޓް އުފެދިފައި ހުރުން · ޖިސްމާނީ ނޫނީ ނަފްސާނީގޮތުން ދިމާވާ ފިއްތުންތަކުގެ ސަބަބުން މައްސަރުކަންތައް ނުޖެހުން · ދުންފަތުގެ އިސްތިއުމާލުކުރުން · ބަނގުރަލާއި، މަސްތުވާތަކެތި ބޭނުންކުރުން · އުމުރުން މާމަތިވުން : އުމުރުން މަތިވަމުންދާ ވަރަކަށް ދަރިޔަކު ހޯދުމަށް ހުރަސްތަކާ ކުރިމަތިވަނީ އަންނަނިވި ކަންތައްތަކުގެ ސަބަބުންނެވެ. o ބިސް އުފައްދާތަނުން ބިސް ދޫކުރުމަށް ލިބިފައިވާ ބާރު ދަށްވުން o ބާކީ ބިސްއުފައްދާ ތަނުގައި ހުރި ބިހުގެ އަދަދު މަދުވުން o ބިސްއުފައްދާ ތަނުން އުފައްދާ ބިހުގެ ފެންވަރު ދަށްވުން ނޫނީ ދުޅަހެޔޮނުވުން o ދަރިމައިވުމަށް ހުރަސްއަޅާފަދަ ބަލިތައް ނޫނީ ހާލަތްތައް މެދުވެރިވުމުގެ ހިރާސް އިތުރުވުން o ބައިގެން ދިއުމުގެ ފުރުޞަތު ބޮޑުވުން ދަރިމައިނުވުމަށް މަގުފަހިކުރާ ކަންތައްތައް އަންހެނުންނާއި ފިރިހެނުންނަށް ވެސް ދަރިމައިނުވުމަށް މަގުފަހިކުރާ އެއްގޮތް ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ. އުމުރު : އަންހެނުން އުމުރުން މަތިވާ ވަރަކަށް ދަރިމައިވުމުގެ ފުރުޞަތު މަޑުމަޑުން ދަށްވަމުން ދެއެވެ. އުމުރުން ދުވަސްވީ އަންހެނުން ދަރިމައިނުވަނީ އުމުރުން ދުވަސްވުމުން ބިހުގެ މިންވަރު މަދުވެ، ފެންވަރު ދަށްވުމުގެ ސަބަބުންނެވެ. އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށް ދަރިން ލިބުމުގެ ފުރުޞަތު ، ޒުވާނުންނަށްވުރެ ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުން : ދެމަފިރިން ކުރެ ކޮންމެ މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް ދަރިން ލިބުމަށް ހުރަސް އަޅާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންގެ މެދުގައި ބައިގެން ދިއުން އާންމުކަން ފާހަގަ ކުރެވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދަރިން ނުލިބިގެން ކުރާ ފަރުވާ ކާމިޔާބުނުވުމަށް މަގުފަހިކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ފިރިހެނުންނަށް ޖިންސީ ބަލިކަށިކަން މެދުވެރިވެ، ދަރިފަނީގެ އަދަދު މަދުވެ، އޭގެ ފެންވަރު ދަށްވާ ކަމެކެވެ. ބަނގުރާ ބުއިން : އަންހެނުންނަށް މާބަނޑު ދުވަސްވަރާއި، އޭގެ ކުރިން ވެސް ބަނގުރާ ބޭނުންކުރުމުގައި ރައްކާތެރި މިންގަނޑެއް ނެތެވެ. މާބަނޑުވާން ބޭނުންވާނަމަ ބަނގުރަލާ ދުރުވުމަކީ މުހިއްމު ކަމެކެވެ. އެހެނީ މާބަނޑުވާތާ ކުރީކޮޅު ނޭގުމަކީ ވެދާނެ ގޮތެކެވެ. ބަނގުރާ ބޭނުންކުރުމަކީ ދަރިމައިވުމަށް ހުރަސް އަޅާ ކަމެކެވެ. އަދި ބަނޑުގައިވާ ދަރިފުޅުގެ ހަށީގަނޑުގައި އައިބު އުފައްދާ ކަމެކެވެ. ފިރިހެނުން ބަނގުރާ ބޭނުންކުރުމަކީ މަނީގެ މިންވަރު މަދުވެ، އޭގެ ހަރަކާތް ދަށްކުރާ ކަމެކެވެ. ބަރުދަން އިތުރުވުން (ފަލަވުން) :ހެލިފެލިވެ އުޅުން މަދުވެ، މާބޮޑަށް ހަރަކާތްތެރިކަން ކުޑަވުމަކީ ދަރިމައިނުވުމުގެ ފުރުޞަތު އިތުރުކޮށްދާނެ ކަމެކެވެ. ބަރުދަން އިތުރުވުމަކީ ފިރިހެނުންގެ މަނީގެ މިންވަރަށް ބަދަލުއައިސް، ޓެސްޓޮސްޓަރޯންގެ މިންވަރަށް ވެސް އަސަރުކޮށްފާނެ ކަމެކެވެ. ބަރުދަން ލުއިވުން :ކެއުމުގައި ދިމާވާ މައްސަލަތައް ހުރުން މިސާލަކަށް ކާހިތްނުވުން، އަދި ވަރަށް މަދުން ކާ މީހުންނާއި، ހަކަތަ މަދުން ލިބޭ ކާނާ ބޭނުންކުރާ އަންހެނުންނަށް ދަރިމައިވުމުގައި މައްސަލަތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ. ކަސްރަތުނުކުރުން :އެކަށޭނަ ވަރަށް ކަސްރަތު ނުކުރުމަކީ ފަލަވާނެ ކަމެކެވެ. މާބޮޑަށް ފަލަވުމަކީ ދަރިމައިވުމަށް ހުރަސް އަޅާނެ ކަމެކެވެ. މާފަލަ ނޫން އަންހެނުން މާގަދަޔަށް ކަސްރަތުކުރުމަކީ ބިސްދޫކުރުމުގައި މައްސަލަ ދިމާވެދާނެ ކަމެކެވެ. ނުވަތަ މާބޮޑަށް ހަށިގަނޑުން ހިކި އަންހެނުން ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެކެވެ. އެއީ މިފަދަ އަންހެނުން ގިނައިން ކަސްރަތު ކުރުމުން ސިކުޑީގެ ދަށްބޮލުގައި އުފައްދާ ގޮނާޑޯޓްރޮޕިން ރިލީޒިން ހޯމޯން އުފެއްދުމަށް ހުރަސްއަޅާއެވެ. ނަތީޖާއެއްގެ ގޮތުން ބިސްބޭރުވުމާއި އެސްޓްރޯޖަން ހޯމޯން އުފެއްދުން މުޅިން ހުއްޓުމަކަށް ދެއެވެ. މިފަދަ އަންހެނުންނަކީ ހަގީގަތުގައި ބިސް ބޭރުކުރުމުގެ އަދި ބަލިވެއިނުމުގެ ގާބިލްކަން ހުންނަ އަންހެނުން ނެވެ. އަދި ބިސްރަވައިގާ އެކަށީގެންވާ ވަރަށް ބިސްވެސް އުފެދިފައި ހުންނަ އަންހެނުންނެވެ. އެހެންނަމަވެސް ގިނައިން ކަސްރަތު ކުރުމުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ ވައްތަފާޅީގެ ސަބަބުން ގޮނާޑޯޓްރޮޕިން ރިލީޒިން ހޯމޯން އުފެއްދޭ މިންވަރު މަދުވެ ބިސް ބިސްރަވައިން ބޭރު ނުވުމުގެ ސަބަބުން ބަލިވެ ނުއިންނަނީއެވެ. ހަގީގަތުގައި މައްސަރުކަންތައް ދިމާވާހާ ހިދަކު ބަލިވެއިނުމުގެ ފުރުޞަތު އޮންނާނެވެ. ދެނެގަތުން ދަރިމައިނުވުމުގެ މައްސަލަ ދެނެގަނެ، ފަރުވާކުރުން މަސްތަކަށް، އަހަރުތަކަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ދަރިމައިނުވަނީ ކީއްވެގެންތޯ ބެލުމަށް ޓެސްޓުތައް ހަދާއިރު، ބައެއް ދެމަފިރިންގެ ފުށުން އެއްވެސް ކަހަލަ މައްސަލައެއް ފާހަގަ ނުވުމަކީ ވެދާނެ ގޮތެކެވެ. ދަރިމައިނުވުން ދެނެގަތުމަށް ހެދޭ ޓެސްޓުތަކަކީ ބައެއް ފަހަރު ވަރަށް އަގުބޮޑު ޓެސްޓުތަކެކެވެ. އަދި ބައެއް ފަހަރު ކުރަންޖެހޭ ކަންކަމަކީ އުދަނގޫ ކަންތައްތަކަށް ވެދާނެ އެވެ. އަދި ހަދާން ބަހައްޓަންވީ، ހުރިހާ ޓެސްޓުތަކާއި، ފަރުވާތަކަށް ފަހު ވެސް ބަލިވެ ނުއިނުމަކީ ވެދާނެގޮތެއްކަމެވެ. ދަރިން ނުލިބުން ދެނެގަތުމަށް ފިރިހެނުންނަށް ހެދޭ ޓެސްޓުތައް ފިރިހެނަކަށް ދަރިޔަކު ލިބުމަށް އޭނާގެ ދެއޮށުން ދުޅަހެޔޮކޮށް ހުރި މަނި ނުވަތަ ދަރިފަނި އުފައްދަން ޖެހޭނެ އެވެ. އަދި ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި މިމަނިތައް އަންހެނާގެ ކުރިމަތި ފަރާތަށް ފޮނުވާލެވެން ޖެހޭނެ އެވެ. އަދި މި ދަރިފަނިތައް ދަތުރުކޮށް، ރަހިމުގެ ތެރޭގައި އަންހެނާގެ ބިސްރަވައިން ބޭރުކުރުވުނު ބިހާއި، ބައްދަލުވެ، މުޑުވައްވުމުގެ ގާބިލިއްޔަތު ހުންނަން ޖެހޭނެ އެވެ. އާންމު ގޮތެއްގައި ޓެސްޓުތައް ހަދަން ފެށުމުގެ ކުރިން، ފިރިހެނާގެ ކުރިމަތި ފަރާތާއި، އުރަވަޅީގައި، ޖިސްމާނީ ގޮތުން އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ބަލައިހަދާނެ އެވެ. ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ ދެނެގަތުމަށް ޚާއްޞަކޮށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި:- (ހ) - މަނި ތަހުލީލުކުރުން : ބައެއް ފަހަރު އެއް ފަހަރަށްވުރެ ގިނަ ފަހަރު މަނީގެ ތަހުލީލުތައް ހަދައިފާނެ އެވެ. މިޓެސްޓު ހެދުމަށް އާންމުކޮށް އަމިއްލައަށް ޖިންސީ އެދުން ފުއްދައި، މަނި ސާފު ކުޑަ ތަށްޓަކަށް ނެގެއެވެ. އެއަށްފަހު މަނީގައި ދަރިފަނި ހުރި މިންވަރާއި، އޭގެ ފެންވަރު، ހަރަކާތްހުރިނެތްގޮތް، ފަދަ ކަންތައްތައް ބެލޭނެ އެވެ. މީގެ އިތުރުން މަނީގެ ދިޔަ ހުރިނެތްގޮތް ވެސް ބެލޭނެ އެވެ. (ށ) - ހޯރމޯންތައް ޓެސްޓުކުރުން (ހޯރމޯން ހުރިމިންވަރު ބެލުން) : މިގޮތުން ލޭގެ ޓެސްޓުތައް ނަގައިގެން ބެލެނީ ޓެސްޓޮސްޓަރޯން، އެންޑްރަޖަން ފަދަ ހޯރމޯންތައް ހުރި މިންވަރެވެ. (ނ) - ސްކޭންކުރުން : އުރަވަޅި ސްކޭންކޮށްގެން، މަނިބޭރުކުރާ މަގުގެ އެއްވެސް ހިސާބެއްގައި ބެދުމެއް ހުރިތޯ ބެލޭނެ އެވެ. އަދި އެތެރެއަށް (ފަހަތަށް) މަނި ބޭރުވުން ފަދަ ކަމެއް ހުރިތޯ ވެސް ބެލޭނެ އެވެ. (ރ) - ޖެނެޓިކް ޓެސްޓިންގ : މިއީ ވިރާސީ ގޮތުން ދަރިން ލިބުން ލަސްވާ ފަދަ ކަމެއް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. (ބ) - އޮށުގެ ބަޔޮޕްސީ ހެދުން : މިޓެސްޓު ހެދުމަށް ސިރިންޖު ކަށްޓަކުން އޮށުން ކުޑަ ސާމްޕަލް އެއް ނެގޭނެ އެވެ. މިޓެސްޓުގެ ނަތީޖާއިން ދަރިފަނި އުފެއްދުމުގެ މަސައްކަތް ހިނގަނީ ރަގަޅަށްތޯ ދެނެގަނެވޭނެ އެވެ. (ޅ) - އެހެން ޓެސްޓުތައް : ބައެއް ފަހަރު ލޭ، އަދި މަނީގެ އެހެން ޓެސްޓުތައް ހެދެއެވެ. ދަރިން ނުލިބުން ދެނެގަތުމަށް އަންހެނުންނަށް ހެދޭ ޓެސްޓުތައް ދަރިމައިވުމަށް އަންހެނާގެ ބިސްރަވައިން ، ދުޅަހެޔޮކޮށްހުރި ބިސްތައް އެކަށޭނަވަރަކަށް ދޫކުރަން ޖެހޭނެ އެވެ. އަދި ދޫކުރެވުނު ބިސް ބިސް ދަތުރުކުރާ ހޮޅިއަށް ވާޞިލްވެ، ފިރިހެނާގެ ދަރިފަންޏާއި މުޑުވަށް ވާންޖެހޭނެ އެވެ. އެއަށްފަހު މުޑުވަށްކުރެވުނު ބިސް، ރަހިމުގެ ފާރަށް ގެންދަންޖެހޭނެ އެވެ. އާންމު ގޮތެއްގައި ޓެސްޓުތައް ހަދަން ފެށުމުގެ ކުރިން، އަންހެނާގެ ކުރިމަތި ފަރާތުގައި، ޖިސްމާނީ ގޮތުން އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ބަލައިހަދާނެ އެވެ. އަންހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ ދެނެގަތުމަށް ޚާއްޞަކޮށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި:- (ހ) - ބިސްދޫކުރުން ހުރިގޮތް ބެލުމަށް ހަދާ ޓެސްޓުތައް : މިއީ ލޭގެ ޓެސްޓެކެވެ. މިއީ ބިސްދޫކުރޭތޯ ބެލުމަށް ގުޅުންހުރި ހޯރމޯންގެ މިންވަރު ބެލުމަށް ހެދޭ ޓެސްޓެކެވެ. އަދި ބަލިވެއިންތޯ ބެލުމަށް ގޭގައި ހަދާ ޓެސްޓު ޕޮޒިޓިވް ނުވަނީ ކީއްވެގެންތޯ ވެސް ގުޅުންހުރި ހޯރމޯން (ގޮނާޑޯޓްރޮޕިން)ގެ މިންވަރު ބަލައިގެން ދެނެގަނެވޭނެ އެވެ. (ށ) - ހިސްޓީރޯސަލްޕިންގަރަފީ ހެދުން : ހިސްޓީރޯސަލްޕިންގަރަފީ ހެދުމުން، ރަހިމާއި، ބިސް ދަތުރުކުރާހޮޅީގެ އެތެރެ ހުރިނެތްގޮތް ބެލޭނެ އެވެ. މިޓެސްޓު ހެދުމަށް ރަހިމުގެ ތެރެއަށް ކޮންޓްރަސްޓް އެއް އިންޖެކްޓް ކުރުމަށްފަހު އެކްސްރޭ ނެގޭނެ އެވެ. މިއެކްސްރޭގެ އެހީގައި ބިސްދަތުރުކުރާ ހޮޅީގައި ބެދުމެއް ހުރިތޯއާއި، ބިސްދަތުރުކުރާ ހޮޅިން ދިޔަތައް ރަހިމަށް ބޭރުވޭތޯ ބެލޭނެއެވެ. (ނ) - އޯވަރިއަން ރިޒާރވް ޓެސްޓިންގ : މިޓެސްޓުގެ އެހީގައި ދޫކުރަން ތައްޔާރުކުރެވިފައި ހުރި ބިހުގެ މިންވަރާއި، ފެންވަރު ދެނެގަނެވެއެވެ. (ރ) - އެހެން ހޯރމޯން ތައް ހުރިނެތްގޮތް ބެލުން : އެގޮތުން އެހެން ހޯރމޯން ޓެސްޓުތައް ވެސް ހެދެއެވެ. އޭގެ ތެރޭގައި ތައިރޮއިޑް ހޯރމޯން ޓެސްޓުތަކާއި، އަދި ޕިޓޫއިޓަރީ ހޯރމޯންތައް ހުރި މިންވަރު، ދެނެގަނެވޭނެ އެވެ. (ބ) - ސްކޭންކުރުން : ދަށްބަނޑުގެ ސްކޭން ކޮށްގެން، ދަށްބަނޑާއި، ބިސްދަތުރުކުރާ ހޮޅީގެ ތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ދެނެގަނެވެއެވެ. މީގެ އިތުރުން ރަހިމުގެ ތެރޭގައި އިތުރު މައްސަލައެއް (ސްކޭން އިން ނުފެންނަކަމެއް) ހުރިތޯ ބެލުމަށް "ހިސްޓީރޯސޮނަގްރަފީ" ވެސް ހަދައިއުޅެއެވެ. އަންހެނާގެ ހާލަތާއި، ހަދާފައިވާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލާފައި އިތުރަށް ހަދަންޖެހިދާނެ ޓެސްޓުތަކުގެ ތެރޭގައި:- (ހ) - އެހެނިހެން އިމޭޖިންގ ޓެސްޓުތައް : ބަލިމީހާގެ އަލާމާތްތަކަށް ބަލާފައި ބައެއް ފަހަރު "ހިސްޓީރޮސްކަޕީ" ހަދަން ޖެހިދާނެ އެވެ. މިއީ ވެސް ރަހިމާއި، ބިސްދަތުރުކުރާ ހޮޅީގައި ބައްޔެއް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. (ށ) – ލެޕަރޮސްކަޕީ : މިއީ ފޫޅުން ތިރިން ކުޑަ ތަންކޮޅެއް ކަފާލައިގެން ކުޑަ ޑިވައިސް އެއް އެތެރެއަށް ލައްވައިގެން ބިސްދަތުރުކުރާ ހޮޅި، ރަހިމު، އަދި ބިސްރަވަ ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓެކެވެ. ލެޕަރޮސްކަޕީގެ އެހީގައި އެންޑޯމެޓްރީއޯސިސް، ރަހިމާއި، ބިސްދަތުރުކުރާ ހޮޅީގައި ލާފައި ހުންނަ ލަކުނު، އެއިން ހިސާބެއްގައި އުފެދިފައި ބެދިފައި ހުރުން، ނޫނީ އިތުރު އެހެން މައްސަލައެއް ހުރިނަމަ އެކަމެއް ދެނެގަނެވިދާނެ އެވެ. (ނ) - ޖެނެޓިކް ޓެސްޓިންގ : މިއީ ވިރާސީ ގޮތުން ދަރިން ލިބުން ލަސްވާ ފަދަ ކަމެއް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. ދަރިން ލިބުން ލަސްވާ މީހުންނަށް ފަރުވާކުރުން ދަރިން ލިބުން ލަސްވާ މީހުންނަށް ކުރެވިދާނެ ފަރުވާތަކަކީ ކޮބާ؟ ދަރިން ލިބުން ލަސްވާ މީހުންނަސް ކުރެވޭ ވަރަށް ގިނަ ފަރުވާ ހުރެއެވެ. ޑޮކުޓަރަށް ދެއްކެވުމުން ފަރުވާ ކުރަންވީ ގޮތުގެ އިރުޝާދު ޑޮކުޓަރު ދެއްވާނެއެވެ. މިގޮތުން ދެވޭ ފަރުވާގެ ތެރޭގައި ބޭސް ބޭނުން ކުރުމާއި އޮޕަރޭޝަން ކުރުމާއި އަދި ލެބޯޓްރީ ފަރުވާތައްވެސް ހިމެނެއެވެ. ގިނަ މީހުން ފުރަތަމަވެސް ބޭނުންވަނީ އެންމެ އަގުބޮޑު އަންމެ މަތީ ފަންތީގެ ފަރުވާއަކުން ފަރުވާ ކުރާށެވެ. ނަމަވެސް މިއީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. ރަނގަޅު ގޮތަކީ ފުރަތަމަ އެންމެ އާދައިގެ ފަރުވާއަކުން ފެށުމެވެ. ގުޅަބޭސް ބޭނުން ކުރުމެވެ. މިގޮތަށް ފަރުވާކޮށްގެން %85 - %90 އާއި ދެމެދުގެ ދެމަފިރިންނަށް ދަރިން ލިބެެވެ. ތިރީގައި އެވަނީ ކުރެވިދާނެ ބައެއް ފަރުވާއެވެ (ހ) - ދަރިން ލިބުމަށް އެހީތެރިވެދޭ ބޭސް ބޭނުން ކުރުން : ދެމަފިރިންގެ ތެރެއިން މީހަކު ނުވަތަ ދެމީހުންގެ ނަމަވެސް ހަށިގަނޑުގައި އުފައްދާ ހޯމޯން ތަކުގެ ހަމަހަމަކަން ގެއްލިފައިވާނަމަ ބޭސް ބޭނުން ކުރެވިދާނެއެވެ. އަދި ބަލިވެ އިނުން ލަސްވާ ސަބަބުތައް ނޭގޭ ހާލަތުގައިވެސް ބޭސް ބޭނުން ކުރެވިދާނެއެވެ. މިފަދަ ހާލަތް ތަކުގައި މިއީ ވަރަށް ކާމިޔާބު ފަރުވާއެކެވެ. ހަމައެފަދައިން ރަހިމަށް ދަރިފަނި އަޅައިގެން ކުރާ ފަރުވާއާއި އެކުވެސް ބޭސް ބޭނުން ކުރެވިދާނެއެވެ. ބިސްދޫކުރުމުގެ މައްސަލައެއް ހުންނަ އަންހެނުންނަށް ދަރިމައިވުމުގެ ފަރުވާގައި މައިގަނޑު ގޮތެއްގައި ކުރެވޭ އެއްކަމަކީ މިއީ އެވެ. މިބޭސްތަކުގެ ސަބަބުން ބިސްދޫކުރުން ކުރިމަތިކުރުވައި، ނުވަތަ ބިސްދޫކުރުން ތަންޒީމު ކޮށްދެއެވެ. ބައެއް ހޯރމޯންތަކުގެ މިންގަނޑަށް ބަދަލުއައުމާ ގުޅިގެން ދަރިން ލިބުން ލަސްވާކަމަށް ފާހަގަވާނަމަ، އެކަމަށް ފަރުވާކުރުމަށް "ހޯރމޯން ރިޕްލޭސްމެންޓް ތެރަޕީ"(ހޯރމޯންގެ ފަރުވާ) ނަގަންޖެހިދާނެ އެވެ. (ށ) - ރަހިމަށް ދަރިފަނި އެޅުން (Artificial Insemination).: މިއީ ފިރިމީހާގެ ދަރިފަނި އުފައްދާ މިންވަރު މަދުނަމަ ނުވަތަ ފެންވަރު ދަށްނަމަ ދެވޭފަރުވާއެކެވެ. މިގޮތަށް ހެދުމުން އޯވަރީގައި އުފައްދާ ބިހާ ހަމައަށް ދަރިފަންޏަށް ދިއުމަށް ފަސޭހަވާނެއެވެ. އަދި ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. އިންޓްރަޔުޓެރިން އިންސެމިނޭޝަން (IUI) ގައި ބިސްދޫކުރާ ދުވަސްވަރު ، ރަހިމުގެ ތެރެއަށް ޖަމާކުރެވިފައި (އެއްކުރެވިފައި) ހުރި މަނިތައް ފޯރުކޮށްދެވެއެވެ. (ނ) - އޮޕަރޭޝަން ކުރުން : ބައެއް ހާލަތްތަކުގައި ބަލިވެ އިނުމަށްޓަކައި އޮޕަރޭޝަން ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ބިސްދަތުރުކުރާ ހޮޅި ބެދުން، ރަހިމުގައި ހުންނަ ވައްތަރުގެ ހަތާ ރަހިމު ނޫން ތަނެއްގައި ހުރުން ނުވަތަ އެންޑޯމެޓްރީއޯސިސް (Endometriosis)، ރަހިމުގައި ފައިބުރޮއިޑް އުފެދުން (Fibroids) ރަހިމުގައި މަސްކޮޅު އުފެދުން އަދި ބިސްއުފައްދާ ތަނުގައި ފެން ކޮތަޅު ނުވަތަ ސިސްޓް (Ovarian cysts) އުފެދުން ފަދަ ހާލަތް ތަކުގައެވެ. މިފަދަ ހާލަތް ތަކުގައި ކުރާ ކުރާ އޮޕަރޭޝަން ކުރަނީ އާއްމުގޮތެއވގައި ބަނޑުގައި ކުޑަ ލޯވަޅެއް (Laparoscope) ތޮރުފައިގެންނެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ބޮޑެތި އޮޕަރޭޝަން ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ފިރިހެނުންގެ މަނި ދަތުރުކުރާ ހޮޅި ބެދުން، ވެރިކޯސީލް ފަދަ ފަދަ ހާލަތްތަކުގައި އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. (ރ) - ޖިންސީގުޅުން ހިންގުމުގައި ހުންނަ މައްސަލަތަކަށް ފަރުވާކުރުން : އެގޮތުން ފިރިހެނުންނަށް ކުރިމަތިވާ މާއަވަހަށް މަނިބޭރުވުން، ޖިންސީގުނަވަނުގައި ރަގަޅަށް ވަރުނުޖެހުން ފަދަ ހާލަތްތަކުގައި، ބޭސް ބޭނުންކުރުމާއެކު، ކައުންސެލިންގ ނަގަންޖެހިދާނެ އެވެ. (ބ) - ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަލިވެއިނުން: ފިރިމީހާގެ ދަރިފަނި އުފެދޭވަރު މަދުނަމަ ނުވަތަ އަނބިމީހާގެ ބިސް އުފެދުމުގައި މައްސަލަ ހުންނަ ނަމަ އަދި މިނޫނަސް ބިސްދަތުރުކުރާ ހޮޅި ބެދުން ކަހަލަ ހާލަތް ތަކުގައި ވިފަދަ ވަސީލަތެއް ބޭނުން ކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތުން ބޭނުން ކުރާ ވަސީލަތް ތަކުގެ ތެރޭގައި ICSI , ZIFT, GIFT އަދި IVF ހިމެނެއެވެ. މިފަދަ ވަސީލަތްތައް ބޭނުން ކުރަނީ އިސްވެދިޔަ ފަރުވާތަކުން ނަތީޖާއެއް ނުލިބުނު ނަމައެވެ. * އިންޓްރަސައިޓޮޕްލާސްމިކް ސްޕާމް އިންޖެކްޝަން(ICSI): ހަތަލު ދިޔައިގެ ތެރެއަށް ދަރިފަނި އިންޖެކްޝަން އިން ފޮނުވުން * ޒައިގޮޓް އިންޓްރަފެލޯޕިއަން ޓްރާންސްފަރ (ZIFT): ޓެސްޓު ޓިއުބު ގައި ދަރިފަންޏާއި، ބިސް މުޑުވަށްކުރުމަށްފަހު ރަހިމުގެ ބަދަލުގައި ބިސްދަތުރުކުރާ ހޮޅީގެ ތެރޭގައި ގަރުބަގެންނެވުން * ގާމީޓް އިންޓްރަފެލޯޕިއަން ޓްރާންސްފަރ (GIFT): ބިހާއި ދަރިފަނި،އަންހެނާގެ ބިސްދަތުރުކުރާ ހޮޅީގެ ތެރޭގެ ތެރެއަށް ލުން * އިންވިޓްރޯ ފާޓިލައިޒޭޝަން (IVF): ޓެސްޓު ޓިއުޓުގައި ދަރިފަންޏާއި ބިސްމުޑުވައްކުރުމަށްފަހު، ރަހިމުގެ ތެރޭގައި ގަރުބަގެންނެވުން ފަރުވާ ކުރުމަށް ފަހު ދަރިން ލިބުމުގެ ފުރުޞަތު އޮތީ ކިހާ ވަރަކަށް؟ އާއްމުގޮތެއްގައި ދަރީން ލިބުން ލަސްވެގެން ފަރުވާ ކުރާ ގިނަ ދެމަފިރީންނަށް ދަރިން ލިބެއެވެ. ނަމަވެސް މިނިސްބަތް ބިނާވެގެން ވަނީ މިކަން މެދުވެރިވާ ސަބަބާއި ކުރާ ފަރުވާއެއްގެ މައްޗަށެވެ. އަދި ދިރިއުޅުމުގެ ވައްތަފާޅިއަށް ގެންނަ ބަދަލުތައް ވެސް މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއި ކެއުން ރަނގަޅު ކުރުން ފަދަ ކަންތަކަކީ ފަރުވާ ކުރަމުންދާ ދެމަފިރިންނަށް ދަރިން ލިބުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ.pto