ފްލޮރައިޑް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފްލޮރައިޑް(އިނގިރޭސި ބަހުން: Floride) އަކީ ވެސް ޓްރޭސް އެލިމެންޓް އެކެވެ. ހަށިގަނޑަށް އެތެރެވާ ފްލޮރީން ބަދަލުވަނީ ފްލޮރައިޑް އަށެވެ. ފްލޮރައިޑް ހުންނަނީ ކަށިތައް، ހަންގަނޑު، ދަތްތައް، އަދި ތައިރޮއިޑް ގްލޭންޑް ގައެވެ. ފްލޮރައިޑް ހުންނަންވާ ވަރަށް ހަށިގަނޑުގައި ހުރުމަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދޭ، އަދި ދަތްޕިލާ ހަލާކުވިޔަނުދީ ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އެކަމަކު މިއީ ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ މިތަންތަނަށް ބޭނުންވާ ކެލްސިއަމް ލިބުމުގައި ހުރަސް އަޅާ އެއްޗެކެވެ. އެވްރެޖް ހަށިގަނޑެއްގައި 2.6 ގްރާމް ފްލޮރައިޑް ހުރެއެވެ. ކުޑަކުދިން ދަތްފަޅަމުން އަންނަ ދުވަސްވަރު ހަށިގަނޑުގައި ފްލޮރައިޑް މަދުވެއްޖެނަމަ، ދަތްތައް ހަލާކުވުން އަވަސްވެއެވެ. ފްލޮރައިޑްގެ ކެލަމިން(އިނގިރޭސި ބަހުން: Recommanded Dietary intake) ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. އަދި ބޭނުންވަނީ ކިހާ މިންވަރެއް ކަމެއްވެސް ނޭގެއެވެ. އެކަމަކު ދުވަހެއްގެ ކެއުމުގައި 1.5 އާއި 4 މިލިގްރާމް އާއި ދޭތެރޭގެ މިންވަރެއް ހިމެނުމަށް ލަފާދެއެވެ. ފްލޮރައިޑް ލިބޭ ކާނާގެ ތެރޭގައި ފެން، ސައި، އެއްގަމު މަސް، ކަނޑު މަސް ހިމެނެއެވެ. ހަށިގަނޑަށް ބޭނުންވާ ފްލޮރައިޑް އާންމުކޮށް ލިބެނީ ފެނުންނެވެ. ބޯފެނުގައި ފްލޮރައިޑް ހުންނަން ޖެހެނީ މިލިޔަން ބައިކުޅަ އެއްބަޔަށެވެ. ދުނިޔޭގެ ބައެއް ހިސާބު ތަކުގެ ފެނުގައި ފްލޮރައިޑް ވަރަށް މަދެވެ. އެހެންކަމުން ބޯން ދޫކުރާއިރު ފެނަށް ފްލޮރައިޑް އަޅައެވެ. ބައެއް ހިސާބުތަކުގައި ލިބޭ ފެނުގައި ފްލޮރައިޑް ވަރަށް ގިނައެވެ. މިގޮތަށް ފްލޮރައިޑް ގިނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފްލޮރޯސިސްގެ މައްސަލަ އާއި ކުރިމަތި ވެއެވެ. ފްލޮރޯސިސް އަކީ ދަތުގެ އޮފުކަން ކެނޑި ކަޅުމުށިކުލައިގެ ތިކިތަކެއް ދަތުގައި ޖެހުމަށް ކިޔާނަމެކެވެ. ފްލޮރައިޑް އަށް ވިހަވާވަރުވަނީ ދުވާލަކު ކެއުމަށް ލަފާދޭ ވަރުގެ 2500 ގުނަ އިތުރުވެގެންނެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003