ފެޓް (ޕޮލީއަންސެޗުރޭޓެޑް ފެޓް)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕޮލީއަންސެޗުރޭޓެޑް ފެޓް(އިނގިރޭސި ބަހުން: polyunsaturated fat) އަކީ ފެޓްގެ ތެރޭގައި ގިނަ އަދަދަކަށް އަންސެޗުރޭޓެޑް ފެޓީ އެސިޑް އެކުލެވިގެންވާ ފެޓް އެވެ. ކަނޑުމަހުގައި ހުންނަ ފެޓް އާއި، އެކި ބާވަތްތަކުގެ އޮށްތަކުންނާއި، ގޮވާމުން ހާނާ ތެލުގައި ހުންނަ ފެޓް، އަދި މައިމީހާގެ ގާތުންދޭ ކިރުގައި ހުންނަ ފެޓް އަކީ އަންސެޗުރޭޓެޑް ފެޓް އެވެ. މިވައްތަރުގެ ފެޓް އިން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތަފާތުކޮށްދީ، ނާރުތަކުގެ ބަލިތަކުންނާއި، ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިފެޓް އިން އުފެދޭ ކޮލެސްޓްރޯލް އަށް ކިޔަނީ ހައިޑެންސިޓީ ލިޕޯޕްރޮޓީން(އެޗްޑީއެލް) ނުވަތަ ރަގަޅު ކޮލެސްޓްރޯލް(އިނގިރޭސި ބަހުން: high density lipoprotein) އެވެ.

އުފެދޭގޮތް[އުނިއިތުރު ގެންނަވާ]

ފެޓް އުފެދިފައިވަނީ ފެޓީއެސިޑް(އިނގިރޭސި ބަހުން: fatty acid) ތަކެއް އެކުވެގެންނެވެ. ޓްރިގްލިސެރައިޑް އަކީ 3 ފެޓީއެސިޑް މޮލާރި(އިނގިރޭސި ބަހުން: molecule) އެކުވުމުން އުފެދޭ އެއްޗެކެވެ. އަދި ކާތަކެތި ހަޖަމުވާއިރު، މި ޓްރިގްލިސެރައިޑް ތައް ބައިބައިވެ، ފެޓީއެސިޑް ތަކަކާއި، ގްލައިސެރޯލް ކިޔާ ބާވަތެއް އުފެދެއެވެ. މިއާއެކު ސެލިތަކުގަޔާއި، ލޭގެ ތެރޭގައި އެހެން ވައްތަރެއްގެ ފެޓީއެސިޑް އެއްވެސް އުފެދެއެވެ. މިއަށްކިޔަނީ ކޮލެސްޓްރޯލް އެވެ. ކޮލެސްޓްރޯލް އަކީ ސެލިތަކާއި ހޯރމޯން ތަކާއި، އެހެންވެސް ދިޔަވަރުތައް އުފައްދާ ހަށިގަނޑު ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. ހަށިގަނޑުގެ ތެރޭގައި ތަފާތު 40 ވައްތަރުގެ ފެޓީއެސިޑް އެކުލެވިގެންވެއެވެ. އެކި ވައްތަރުގެ ފެޓީއެސިޑް ހަށިގަނޑުގައި އަދާކުރާ ރޯލް ތަފާތެވެ.

ފެޓީއެސިޑް އުފެދިފައިވަނީ ކާބަން އޮލާރި(އިނގިރޭސި ބަހުން: Atom) ތައް ހައިޑްރަޖަން އޮލާރި ތަކާއި ގުޅިގެން ހެދޭ އެކި ދިގުމިނުގެ ޗޭނުބުރި ތަކަކުންނެވެ. މިޗޭނު ބުރިތަކުގައި އޮލާރިތައް ގުޅިފައި ހުންނަ ގޮތަށް ބަލައިގެން މައިގަނޑު 2 ބަޔަކަށް ފެޓް ބަހާލެވެއެވެ. އެއީ ސެޗުރޭޓެޑް ފެޓް އާއި، އަންސެޗުރޭޓެޑް ފެޓް އެވެ. ސެޗުރޭޓެޑް ފެޓް އަކީ އެފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް ނުހިމެނޭ ފެޓް އެވެ. ފެޓީއެސިޑް ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003