ފެމުނު މިޔަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ފެމުނު މިޔަރު

ފެމުނު ނުވަތަ ފެމުނު މިޔަރު (ސައިންޓިފިކް ނަން: Carcharodon carcharias)ނުވަތަ (އިނގިރޭސި ބަހުން: Great white shark) އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރެވެ. މިއީ މިޔަރު ތަކުގެ ތެރެއިން ވެސް އިސްކޮޅުން ދިގު ބޮޑު މިޔަރެކެވެ.ފެމުނުގެ ދިގުމިނުގައި އާއްމުކޮށް 20 ފޫޓް ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 2250ކިލޯ ހުންނަކަން ފާހަގަ ކުރެވެއެވެ. ފެމުނު މިޔަރު 7.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ފެމުނު މިޔަރަކީ އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މިޔަރެކެވެ.

ފެމުނު މިޔަރު ރަށްރަށުގެ ފަޅު ތެރެއަށް ވަންނަ ކަމަށް ވެއެވެ. މިއީ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، މާކަނޑުތަކުގައި ދިރިއުޅޭ މިޔަރެކެވެ.

ފެމުނު މިޔަރަކީ ވަރުގަދަ ދަތްތަކެއް ލިބިފައިވާ މިޔަރެކެވެ. ފެމުނު މިޔަރުގެ ކާނާގެ ތެރޭގައި އެކިބާވަތް ބާވަތުގެ މިޔަރާއި، މަޑިއާއި، ވެލައާއި، ކަހަނބާއި، ބޯވަ ދިލަމަހާއި، ބޮލީގެ ބާވަތްތަކާއި، ކަކުނި، އަދި ޑިނގާގެ ބާވަތްތަކާއި، ކަނޑު ހަރުފަ ހިމެނެއެވެ. ފެމުނު މިޔަރު ކަނޑުގައި އޮޔާދާ ކުނިބުނި ވެސް އަނގަޔަށްލާ ދިރުވާލާ ކަމަށް ވެއެވެ.

ފެމުނުގެ ނިގޫފަތާ ދިމާލުން ދެއަރިމަތީގައި ކުރަގަނޑެއް ހުރެއެވެ. މިމިޔަރުގެ ތުން ކުރުވެފައި ބޯވަށްވާނެއެވެ. އާންމު ގޮތެއްގައި ފެމުނު ގެ ބޯ އެހެން މިޔަރުތަކުގެ ބޮލަށްވުރެ ބޮޑުވާނެއެވެ. މިމިޔަރު ވިހާ ކޮންމެ ފަަހަރަކު 80-10އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. އަދި ވިހާ ޅަމިޔަރުގެ ބޮޑުމިނުގައި 76-51 ސެންޓި މީޓަރާއި ދެމެދުގެ ބޮޑުމިނެއް ހުރެއެވެ.

ފެމުނުގެ ބުރަކަށި މަތީގެ ކުލައަކީ ގަދައަޅި މުށިކުލައެވެ. ބަނޑު ދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. އަދި މިޔަރުގެ ހަށިގަނޑުގައި ހުރަހަށް ކަޅުކުލައިގެ ފުޅާ ރޮނގުތަކެއް ފަނޑުކޮށް ހުރެއެވެ. ނިގުލުގެ މަތީބައިގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ.

ފެމުނުގެ ހަށިގަނޑުގެ އެތަން މިތާގައި ލައްޖަހާފައި ހުންނާނެއެވެ. ވަރުގަދަ ދަތްތަކެއް ލިބިފައިވާ މިވައްތަރުގެ މިޔަރަކީ ވަރަށް ބާރުގަދަ އަދި އެހާމެ ނުރައްކާތެރި މިޔަރުގެ ވައްތަރެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. ފެމުނު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ކަނޑުތަކުގައި އުޅޭކަން ފާހަގަ ކުރެވެއެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

Commons-logo.svg
Wikimedia Commons has media related to:

ފަންވަތް:Wikispecies

ވީޑިއޯތައް[އުނިއިތުރު ގެންނަވާ]