ފުޅާރޮނގު ބޯދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުޅާރޮނގު ބޯދި

ފުޅާރޮނގު ބޯދި(ސައިންޓިފިކް ނަން: Apogon nigrofasciatus)ނުވަތަ (އިނގިރޭސި ބަހުން: Blackstripe cardinalfish) އަކީ ރާއްޖޭގެ ފަރުތަކުގައި ގިނައިން އުޅޭ ބޯދީގެ ބާވަތެކެވެ. މިބާވަތުގެ ބޯދި އާންމުކޮށް އެމުގެ ގޮތުގައި ހިފާ ނޫޅުނަސް މަދުމަދުން ހިފިފައި ހުރެއެވެ. މިބާވަތުގެ ބޯދި އާންމުކޮށް އުޅެނީ 18 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ ކުޑަ އިސްކޮޅެއްގެ މަހެކެވެ. އެންމެ ބޮޑުވަނީ 9 ސމ އަށް ކަމަށްވިޔަސް އާންމުކޮށް ފެންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ 6 ސމ އެވެ. މަހުގެ ދިގަށް ކަޅުކުލައިގެ ފުޅާ 5 ރޮނގު ހުރެއެވެ. މަހުގެ އެހެން ބައިތަށް ހުންނަނީ ކަޅުކުލައަކަށްދާ ހުދުކުލައެއްގައެވެ. މަހުގެ ދިގަށް ހުންނަ ފުޅާ ރޮނގުތައް ހުންނަނީ ތުނބުން ފެށިގެން ލޯހުރަސްކޮށް މަހުގެ ދިގަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 7 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 9 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 13 ނުވަތަ 14 މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މަހުގެ އާންމު ސިފައަށް ވިސްނާ މަހަށްކިޔާ އިގިރޭސި ނަމާ ގުޅޭގޮތުން ފުޅާރޮނގު ބޯދި ކިޔާފައި ވަނީއެވެ.