ފިޔަލަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފިޔަލަ

ފިޔަލަ އަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން މާކަނޑުގައި އުޅޭ މަހެކެވެ. މިއީ ފަތިކޮށް ދުއްރައެއްހެން ހުންނަ އަދި ކަނޑުތެރޭގައި އާދަޔާ ޚިލާފަށް ބާރުމިނެއްގައި ދުވެއުޅޭ މަހެކެވެ. ދޮށީގެ މަސްވެރިކަމުގައި އޮއިވާލިން މަސްވެރިކަންކުރާއިރު މިބާވަތުގެ ކުދިމަސް ވަރަށް ގިނައިން ބޭނިފައި ހުރެއެވެ. އަދި ވަދު ނަނުގައި ވެސް ފިޔަލަ ވަރަށް ގިނައިން ބޭނެއެވެ. އާންމު ގޮތެއްގައި ކަނޑުގައި ދަތުރުކުރާއިރު ފިޔަލައުޅެނީ ޖޯޑް ޖޯޑަށެވެ. ނަމަވެސް އައިން ހަދައިގެން ވެސް އުޅެއެެވެ. މިމަސް ކާނާގެ ގޮތުގައި ބޭނުންކޮށް އުޅެނީ ކުދިމަހާ ކަކުނި ފާނޑުގެ ސޫތްޕާއި ބޯވަ ދިލަ މަހެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 58 އާއި 67 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީ ކޮތަރިބައި ބޮލުން ފެށިގެން ނިގުލާހަމައަށް ދިގުކޮށް ހުރެއެވެ. ނިގޫފަތް ހުންނަނީ ކަފިކޮށެވެ. މަހުގެ ހަށިގަނޑުގައި ވަރަށް ކުދި ހުޅުނބު ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިނޫކުލައެވެ. އަރިމަތީގެ ކުލައަކީ ރީނދޫކުލައެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކުލައަކީ ކަޅުކުލައެވެ. ނަމަވެސް ބަނޑުދަށް ފަރާތް ކޮަތަރިބައިގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. ފިޔަލައަކީ އައިލަ އާއި ވަރަށް ވައްތަރު މަހެކެވެ.