ފިލޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފިލޮޅު

ފިލޮޅު (ސައިންޓިފިކް ނަން: Lutjanus Monostigmus)ނުވަތަ (އިނގިރޭސި ބަހުން: Onespot snapper) އަކީ ރާއްޖޭގެ ފަރުފަޅުން ވަރަށް ގިނައިން ފެންނަ ބާވަތެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު ފަރުމަހުގެ ބާވަތެކެވެ. މިބާވަތް ފުންވިލުތަކާއި ތިލަ ފަޅުތަކުގައި ކުދި އައިން ހަދައިގެން އުޅެއެވެ. ކުދިމަސް ރަށް ރަށުގެ ގޮނޑުދޮށުގައި ހުންނަ ގާތަކުގެ ނިވަލުގައި އަދި ތޮށިގަނޑުގެ ނިވަލުގައި ދިރިއުޅެއެވެ. ރަށްރަށުގެ ފަޅުތެރޭގައި ދާއަޅައިގެން ވަރަށް ގިނައިން ފިލޮޅު ހިފާ އުޅެއެވެ. އަދި ލޮނުމަސް އެޅުމަށް ވެސް ފިލޮޅު ބޭނުންކުރެއެވެ.

ފިލޮޅަކީ ފަރުމަހުގެ ތެރެއިން މެދު އިސްކޮޅެެއްގެ މަހެކެވެ. މަހުގެ ކުލައަކީ ފަނޑު ރީނދޫ ކުލައެވެ. އަދި މުޅި މަހުގައި ހުޅުބު ހުރުމާއެކު އެމަހުގެ ދިގަށް ތަންކޮޅެއް ގަދަކޮށް، ރޮނގުތަކެއް ފެންނަން ހުރެއެވެ. މިމަހުގެ އެންމެ ޚާއްޞަ އެއް ސިފަޔަކީ މަހުގެ މަތީ ކޮތަރިބައިގެ ކަށިތަކުން މަޑުކަށިތައް ގުޅޭ ހިސާބުން މަހުގެ ދެއަރިމަތީގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ހުރުމެވެ. މަހުގެ އުރަހަ ތަކުގެ ކުލައަކީ ރީނދޫ ކުލައެވެ.