ފިތްޖެހި ފާނަ
ފިތްޖެހި ފާނަ (ސައިންޓިފިކް ނަން: Epinephelus faveatus)ނުވަތަ (އިނގިރޭސި ބަހުން: Bigspotted grouper)އަކީ ރާއްޖޭގެ ފަރުފަޅުތަކާއި ހާހަލާއި ތިލަތިލައިގައި އުޅޭ މަހެކެވެ. މިއީ ހިމަތޮޅިކޮށް ހުންނަ ފާނަ އެކެވެ. ދިވެހިންކުރާ ކެޔޮޅު ކަމުގައި މަދުމަދުން މިމަސް ބޭނެއެވެ. އަދި މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށެވެ. އެންމެ ބޮޑުވެގެން 51 ސމ އަށް ބޮޑުވާ މިމަސް ވަރަށް ތިލައިގައި ވެސް އުޅޭ ކަމަށްވެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 15 އާއި 17 އާއި ދެމެދުގެ އަދަަދަކަށް މަޑު ކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި މަޑުކަށީގެ 8 ކަށި ހުރެއެވެ.މަހުގެ ކަންފަތުގައި 18 އާއި 19 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ.މަހުގެ ނިގޫފަތް ހުންނަނީ ވަށްކޮށެވެ. ހަށިގަނޑުގެ ހުޅުނބުތައް ހުންނަނީ އޮމާންކޮށެވެ.
ފިތްޖެހި ފާނައިގެ ކުލައަކީ މުށިކުލަ އެވެ. މަހުގެ މުޅި ހަށިގަނޑުގައި މުއްޓާއި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މިލައްތަކުގެ ދޭތެރެތައް ހުންނަނީ ފަނޑު މުށިކުލައެއްގައެވެ. ތަފާތު ސައިޒުތަކުގެ މަސްމަހުގައި މިލައްތައް އެތުރިފައި ހުންނައިރު ހުންނަނީ ވަރަށް ރީތިކޮށް ފިތްފިތަށް ކަމުން މަހުގެ ނަމަކަށް ފިތްޖެހި ފާނަ ކިޔާފައިވަނީ އެވެ. މިބާވަތުގެ ކުދިމަހުގައި ހުންނަ ލައްތައް ބޮޑެތި މަހަށްވުރެ މާބޮޑެއްޗެވެ.