ފަޟީލަތުއްޝައިޚު ޞަފިއްޔުއް ރަޙުމާނު މުބާރަކު ޕޫރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފަޟީލަތުއްޝައިޚު ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ އަކީ ހިންދުސްތާނުގެ މަޝްހޫރު ދަންނަބޭކަލެކެވެ. އެކަޑަމިކްސްކޯލަރެކެވެ. އެނަގެ އިލްމީ މަޝްހޫރުކަން އޮތީ ހަމަ އެކަނި ހިންދުސްތާނުގެ ތެރެއަކު ނޫނެވެ. ޢަރަބި ދުނިޔޭގައިވެސް މެއެވެ. އޭނަގެ ޙަޔާތްޕުޅުގެ ބޮޑުބައި ހޭދަކުރެއްވީ ޤުރުއާނާއި ސުންނަތުގެ ތަޢުލީމު ފެތުރުއްވުމުގައެވެ. ކިޔަވައިދެއްވުމާއި ޢިލްމީ މަސައްކަތުގައެވެ. ހިންދުސްތާނުގައި ހުންނަ މައިއަހުލު ޙަދީސް ޖަމްޢިއްޔާގެ އަމީރު (ރައީސ) ގެ މަޤާމުގައިވެސް ވެސް އޭނަ ހުންނެވިއެވެ.

ނަން[އުނިއިތުރު ގެންނަވާ]

ފަޟީލަތުއް ޝައިޚު ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީގެ ކުންޔާ ނުވަތަ ވަނަމުގެ ގޮތުގައި މީހުންގެ ތެރޭގައި އޭނަ ދަންނަނީ އަބޫ ހިޝާމްގެ ނަމުންނެވެ. ބައްޕަގެ ނަމަކީ ޢަބްދުﷲ އެވެ. މުބާރަކު ޕޫރީ“ މިބައިން އޭނަގެ ނަމުގެ ފަހަތަށް އިތުރު ކުރެވިފައިވަނީ ރަށަށް ނިސްބަތް ކޮށެވެ.

އުފަންވުން[އުނިއިތުރު ގެންނަވާ]

ޝައިޚު މުބާރަކު ޕޫރީ އުފަންވެވަޑައިގަތީ 1942 (1360ހ.) ވަނަ އަހަރުގެ މެދުތެރޭގައި ހުސައިން އާބާދު ކިޔާ ވިލެޖެއްގައެވެ. މިރަށަކީ އުތުރު އިންޑިޔާގެ ޑިސްޓްރިކްޓެއް ކަމަށްވާ އައުޒަމް ގަޅުގެ ޓައުނެއް ކަމަށްވާ މުބާރަކު ޕޫލް އާ މޭލެއްހާ ދުރުގައި އޮންނަ ރަށެކެވެ. އައުޒަމް ގަޅަކީ އެފަސްގަޑުން މަޝްހޫރު އެތަކެއް ދަންނަބޭކަލުން _ ޚާއްޞަކޮށް މުޙައްދިސުން ނެއް އުފަންވެވަޑައިގަތް ބިމެކެވެ. ފަޟީލަތުއް ޝައިޚު ޑރ. މުޙައްމަދު މުޞްޠަފަލް އައުޒަމީއާއި ފަޟީލަތުއްޝައިޚު ޑރ. ޟިޔާއުއްރަޙްމާނުލް އައުޒަމީ ފަދަ އެތަކެއް މުހައްދިސުންނެއްވަނީ މިފަސްގަނޑު އުފަންކޮށްފައެވެ.

ތަޢުލީމު[އުނިއިތުރު ގެންނަވާ]

ތަޢުލީމުގެ ފެށުމެއްގެ ގޮތުން ޤުރުއާން ކިޔަވަން ދަސްކުރެއްވީ ކާފައާއި ބޮޑުބޭބެގެ އަރިހުންނެވެ. އޭގެ ފަހުން މުބާރަކު ޕޫރުގައި ހުންނަ މަދްރަސާ އަރަބިއްޔާ ދާރުއްތަޢުލީމަށް ވަދެވަޑައިގެން ޢަރަބިބަހާއި ފާރިސީ ބަހުގެ އިބްތިދާއީ ތަޢުލީމް ހޯއްދެވިއެވެ. 1373 ވަނަ އަހަރު ޝައްވާލު މަހު (4391 ޖޫން) މުބާރަކު ޕޫރުގައި ހުންނަ މަދްރަސާ އިޚްޔާއުލް ޢުލޫމަށް ވަދެވަޑައިގެން ޢަރަބި ބަހާއި ދީނީ ތަޢުލީމުގެ ރޮގުން ޢަރަބި ސާނަވީ ތަޢުލީމް ހޯއްދަވަމުން ގެންދެވިއެވެ. އޭގެ ދެއަހަރު ފަހުން އައުޒަމް ގަޅުގެ މައޫނަތު ބަންޖަންގައި ހުންނަ މަދަރުސާ ފައިޒް ޢާއްމު އަށް ވެދެވަޑައިގެން މަތީ ތަޢުލީމު ހޯއްދަވައި ފަޟީލަތުގެ ފާސްނެންގެވިއެވެ. އެއީ 1380 ވަނަ އަހަރުގެ ޝައުބާން މަހު (1691ގައި) އެވެ.

ދީނީ ތަޢުލީމު ހޯއްދަވަމުން ގެންދެވި އިރު ޔޫ.ޕީ ސަރުކާރުގެ އެޑިއުކޭޝަން ބޯޑުން ބާއްވާ އިންތިހާނުތަކެއް ކަމަށްވާ މައުލަވީ އިންތިހާނާއި ޢާލިމް އިންތިހާނު _ މިދެ އިންތިހާނު މަތީ ވައަކުން ފާސްކުރެއްވިއެވެ. މައުލަވީ އިންތިހާނު 1959 ގައެވެ. ޢާލިމް އިންތިހާނު 1960 ގައެވެ. އަދި ފަހުން ފާޒިލް ޑިގްރީ އިންތިހާނު އޭގެ ފަހުން ވެސް ހަމަ މިބޯޑުން ފާޒިލް އިންތިހާނު 1978 ގައިވެސް މަތީ ވަނަޔަކުން ފާސްކުރެއްވިއެވެ.

ޢަމަލީ ޙަޔާތް[އުނިއިތުރު ގެންނަވާ]

1961 ގައި ތަޢުލީމު ފުރިހަމަ ކުރެއްވުމަށްފަހު ޢަމަލީ ހަޔާތަށް ފެއްޓެވީ ދީނީ އެކި މަދަރުސާގައި ކިޔަވާ ދެއްވުމަށާއި ހުކުރު ޚުޠުބާ ދެއްވުމާ ޢާއްމުންނަށް ދީނީ ތަޤްރީރުކުރެއްވުމުންނެވެ. މިގޮތުން 1963 ގައި މަދްރސާ ފައިޒް ޢާއްމުގައި މުދައްރިސަކަށް ހަމަޖެހުނެވެ. ފަހުން ހަމަ މައޫނަތު ބަންޖަންގައި ހުންނަ _ މަދަރުސާ ދާރުލް ޙަދީސްއަށް 1966 ގައި މުދައްރިސަކަށް ބަދަލުވެވަޑައިގަތެވެ. 1969 ޖަނަވަރީގައި ސިއޯނި (އެމް. ޕީސްޓޭޓް) ގައި ހުންނަ މަދްރަސާ ފައިޒުލް ޢުލޫމުގެ ޕްރިންސިޕަލް (މުޖްތަމިމު) އަކަށް އަދި އޭގެ ހަތަރު އަހަރުފަހުން _ 1972 _ ގައި _ އަމިއްލަ ރަށުގައި ހުރި މަދްރަސާ އަރަބިއްޔާ ދާރުއްތައުލީމުގެ ޕްރިންސިޕަލަކަށް _ މަދަރުސާގެ ފަރާތުން އެދިގެން _ ބަދަލުވެވަޑައިގަތެވެ. ދެއަހަރު ފަހުން ބަނާރަސް ގައި ހުންނަ މަޝްހޫރު ދީނީ އިންސްޓް ޓިއުޓެއް ކަމަށްވާ ޖާމިޢާ ސަލަފިއްޔާގެ އެދުމަކަށް އެތާނގެ އުސްތާޒަކަށް ބަދަލުވެވަޑައިގަތެވެ. އެއީ, 1394 ޝައްވާލް (4791 އޮކްޓޯބަރ) ގައެވެ.

1480ހ. ގައި މަދީނާ ގައި ހުންނަ އިސްލާމިކް ޔުނިވަސިޓީ ގައި ”ކީރިތި ރަސޫލާގެ ސިޔަރަތަށް ޚިދުމަތްކުރާ މަރުކަޒު“ ގެނަމުގައި ކީރިތި ރަސޫލާގެ ސިޔަރަތާ ބެހޭ ގޮތުން ރިސާޗް މަސައްކަތް ކުރާ އިންސްޓްޓިއުޓެއް އުފެދުނެވެ. މިސެންޓަރު އުފެދުމުން _ އެފަރާތުން އެދިގެން __ އެތާގެ ރިސާޗް ސްކޯލަރަކަށް ބަދަލުވެ ވަޑައިގަތެވެ. އެތާގައި އޭނައާ ހަވާލުކުރެވުނީ ސިޔަރަތުގެ މައްޗަށް އިންސައިކްލޯ ޕީ.ޑިޔާ އެއް ތައްޔާރު ކުރުމަށެވެ.

ތަސްނީފު[އުނިއިތުރު ގެންނަވާ]

ފަޟީލަތުއް ޝައިޚު ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ އަކީ ޢަރަބި ބަހާއި އުރުދޫ ބަހުގެ ލިޔުންތެރިއެކެވެ. ތަޙްޤީޤުގެ ޝައުޤުހުރި ސްކޯލަރެކެވެ. ކިޔަވައިދެއްވަން އުޅުއްވި ދުވަސްވަރު އޭނަ ވަނީ ސަތާރަ ވަރަކަށް ފޮތް އަރަބި ބަހާއި އުރުދޫ ބަހުން ލިޔުއްވާފައެވެ.

ޖާމިޢާ ސަލަފިއްޔާ އިން މަހަކު އެއްފަހަރު ނެރޭ މަޖައްލާ ”މުޙައްދިސު“ 1980 ގައި ނެރެން ފެށުމުން އޭގެ ޗީފް އެޑިޓަރަކަށް އޭނަ ހަމަޖެއްސެވިއެވެ. މިވަޒީފާގައި 1988 ގެ ސެޕްޓެމްބަރާ ހަމަޔަށް ހުންނެވިއެވެ. އެ ވަޒީފާ ދޫކޮށްލެއްވީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ސިޔަރަތު ސެންޓަރާ ގުޅިވަޑައިގަތުމަށެވެ. މަޖައްލާޔާ ޙަވާލުވެ ވަޑައިގަން ހުންނެވިއިރު އިޖްތިމާޢީ ތާރީޚީ ސިޔާސީ ދީނީ - މިރޮނގުން އެތަކެއް މަޒްމޫނު ލިޔުއްވިއެވެ.

އޭނަގެ ބައެއް ފޮތްފޮތް ވަނީ އިގިރޭސި ބަހަށް ތަރުޖަމާ ކުރެވިފައެވެ. މިފޮތްތައް ޝާއިޢުކުރީ ސަޢޫދީ ޢަރަބިޔާގެ ދާރުއްސަލާމް ޕަބްލިކޭޝަންސް އިންނެވެ.

  • ދަ ސީލް ނެކްޓަރ
  • ވެންދަ މޫން ސްޕްލިޓް
  • ހިސްޓްރީ އޮފް މައްކަތުލް މުކައްރަމާ
  • ހިސްޓްރީ އޮފް މަދީނަތުލް މުނައްވަރާ
  • އެބްރިޖްޑް ތަފްސީރު އިބްނު ކަސީރު

ޝައިޚު މުބާރަކު ޕޫރީ އިސްލާމީ ދުނިޔޭގައި ނަން ހިގާފައިވަނީ ޙަދީސް ޢިލްމުވެރިއެއްގެ ގޮތުންނާއި މުއައްރިޚެއްގެ ގޮތުންނާއި ސިޔަރަތު ޢިލްމުވެރިއެއްގެ ގޮތުންނެވެ. އޭނައަކީ މިޒަމާނުގެ ގޮތަށްނަމަ އަހްލުޙަދީސް ނުވަތަ ސަލަފީ ދަންނަބޭކަލެކެވެ.

ފަޟިލަތުއް ޝައިޚު ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ އަވަހާރަވި 1 ޑިސެންބަރު 2006 ވީ ހުކުރު ދުވަހު ބަނާރަސްގައި ހުންނަ ޖާމިޢާ ސަލަފިއްޔާގައި އެދުވަހުގެ ހުކުރުނަމާދަށްފަހު އެތާގަޑިން 2:30 އާ ދެމެދުގެ ވަގުތެއްގައެވެ. ފަސްދާނުލެވުނީ އަނެއްދުވަހު _ 2 ޑިސެމްބަރު ވީ ހޮނިހިރު ދުވަހު މެންދުރު ނަމާދަށްފަހު ޢާއިލާގެ ގަބުރުސްތާނުގައެވެ. ކަށުނަމާދު އިމާމުވެ ކުރެއްވީ މުފްތިޔާސިރު ޞަފިއްޔުއްރަޙްމާނެވެ. ކަށުނަމާދުގައި ލައްކައެއްހާ މީހުން ބައިވެރިވިއެވެ. ރަށުގެ ކޮމިޝަނުގެ އިތުރުން ސަރުކާރުގެ އިސްބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަތެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ދުވަހު ނޫސް ޖަޒީރާ