ފަންޑިތަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފަންޑިތަ މިބަހަކީ ބޯދާ ޒަމާނުން ސުރެ ދިވެހިން ބޭނުން ކުރަމުން އައިސްފާވާ ބަހެކެވެ. ފަންޑިތަ މިބަހުގެ މާނައަކީ ރޫހާނީ ބާރެއް ބޭނުންކޮށްގެން ހާޖަތްތައް ފުއްދުމެވެ. ފަންޑިތައަށް ކަންވެހިކަން ވެސް ކިޔާއުޅެއެވެ. ފަންޑިތަ ހަދާ މީހުންނަށް ކިޔަނީ ފަންޑިތަވެރިންނެވެ. އަދި ކަން ވެރިންނޭވެސް ކިޔާ އުޅެއެވެ. ފަންޑިތައިގެ ނުބައި ވައްތަރަކީ ސިހުރެވެ.


ފަންޑިތައާއި ސިހުރާއި ހުރި ތަފާތު


ފަންޑިތަވެރި ކަމަކީ ބޭސްވެރިކަމުގެ ވައްތަރެކެވެ. ކުރީޒަމާނުގައި މީހަކަށް ބައްޔެއްޖެހިއްޖެ ނަމަ ދާނީ ފަންޑިތަވެރިންގެ ކައިރިއަށެވެ. ފަންޑިތަވެރިން އެމީހަކަށް ބޭސްކުރުމުގައި ފަންޑިތަތައް ހަދައެވެ. ނަމަވެސް ސިހުރަކީ ފަންޑިތައިގެ ތެރޭގައި ހިމެނޭ ނުބައި ވައްތަރެވެ. ސިހުރު ހަދަނީ މީހަކަށް ގެއްލުން ދިނުމަށް ނުވަތަ ބަދަލު ހިފުމަށެވެ. ނުވަތަ ގަދަކަމުން ކަމެއް ހާސިލް ކުރުމަށެވެ. ސިހުރު ހަދާ މީހުންނަށް ކިޔަނީ ސިހުރުވެރިންނެވެ. ފަންޑިތަވެރިންނެއް ނޫނެވެ.


ފަންޑިތައިގެ ބާވަތްތައް


ފަންޑިތައިގެ ތަފާތު ބައިތަކެއް ހުރެއެވެ. ބޭސްވެރިކަމުގެ ފަންޑިތައިގައި ފަންޑިތަ ހެދުމަށް ބޭނުން ކުރާ ބައިތަކަކީ

1- ކިޔެވެލި ކިޔެވުން

2- ތަވީދު ލިޔުން

3- ތަށިލިޔުން

4- ފެންމެތުރުން

5- ވަހުތާންޖެހުން

6- ފާލުބެލުން


ކިޔެވެލި ކިޔެވުން


ކިޔެވެލި ކިޔެވުމަކީ ގުރުއާނުގެ ވަކި އާޔަތްތަކެއް ނުވަތަ ސޫރަތްތަކެއް އަދި ވަކި އިސްމުތަކަކާއި ދުވާތަކެއް ވަކި އަދަދަކަށް ފަންޑިތަހަދާމީހާ ނުވަތަ ވަކި ބަޔަކުލައްވާ ކިޔާ ކިޔުމެވެ. ކިޔެވެލި ކިޔަވަނީ ވަރަށް ބޮޑުވަރުވެފައިވާ ކަމަކުން ސަލާމްކުރުމަށެވެ. މީގެތެރޭގައި ސިހުރުން ސަލާމަތްކުރުން، ވަކި ވައްތަރެއްގެ ޖިންނި ސައިތޯނައިގެ ކިބައިން ސަލާމަތް ކުރުން، ނުވަތަ ރޯދިބަރަކާތާއި ރިޒުގު ހޯދުމަށް ކިޔެވެލި ކިޔެވުން ހިމެނެއެވެ.


ތަވީދު


ތަވީދަކީ ފަންޑިތަވެރިކަމުގައި އެންމެ ގިނައިން ބޭނުންކުރާ ވަސީލަތެވެ. ބޭސްވެރިކަމުގެ ތަވީދާއި ހަށިރައްކާތެރި ކުރުމުގެ ތަވީދާއި ކަންކަން ހާސިލްކުރުމަށް އަޅާތަވީދުތައް ހުރެއެވެ. ތަވީދަކީ ކަރުދާސް ކޮޅެއްގައި ނުވަތަ ފަންޑިތަހެދުމަށް ބޭނުންކުރާ ތިމަރަ ފަތުގައި ގުރުއާނުގެ އާޔަތެއް ނުވަތަ އަކުރުތަކެއް ނުވަތަ އިސްމެއް ލިޔެ އަކަކޮށް ބާރުކޮށް އޮޅާ އައްސާފައި އޮންނަ ނުވަތަ ލޯ ބެރަކަށް ލާފައި އޮންނަ އެއްޗެކެވެ. މީހުންގެ އަތުގެ މުލައްދަޑީގަޔާއި އޮނަގަޑުގައި މިތަވިދު އަޅައެވެ. ބައެއްފަހަރު ގެދޮރުގައިވެސް ތަވީދު އަކަކޮށްފައި ޖަހައެވެ. އެއީ ތަވިދު އޮޅާ ފުޅިއަކަށްލާ ކުކުޅުއަހިކޮޅުގައި އެލުވާފައި ބެހެއްޓުން ނުވަތަ ވަންނަ ދޮރުގެ މަތީގައި އަކަކުރި ތަވީދު ހަރުކުރުމެވެ.


ތަށިލިޔުން


ތަށިލިޔުމަކީ ފަންޑިތަވެރިކަމުގެ އެންމެ ލުއި ވައްތަރެވެ. ތަށިލިޔަނީ ގިނައިން ރޭކަނުވާ ކުދިންނަށާއި ހިތްބިރުގަންނަ މީހުންނަށާއި ތަފާތު ބަލިތަކަށް ބޭސް ކުރަން އަންނަ މީހުންނަށެވެ. ތަށިލިޔާ ގޮތަކީ ތަށިލިޔުމަށް ބޭނުންނުރާ ހާއްސަ މުށިތައްޓެއްގައި ގުރުއާނުގެ އާޔަތްތަކެއް ނުވަތަ އަކައެއް ކުރެހުމަށްފަހު ޒަމްޒަމްފެނުން އެތަށީގެ ލިޔުންކޮޅު ގިރުވުމަށް ފަހު ބަލިމީހާއަށް ބޯންދެނީ އެވެ. މިތަށިލިޔުމަށް ބޭނުންކުރަނީ ވެސް ހާއްސަ ދެއްޔެކެވެ.


ފެންމެތުރުން


ފެންމެތުރުމަކީ ފަންޑިތަވެރިން ވަރަށް އާންމުކޮށް ކުރާކަމެކެވެ. މާބަޑު އަންހެނުން ވިހެވުން ފަސޭހަކުރުމަށް ފެންމަތުރައެވެ. ޖިންނިބަލި ޖެހިފައިވާ މީހާ މައިތިރި ކުރުމަށް ފެން މަތުރައެވެ. ސިހުރު ޖެހިފައިވާ މީހުންނާއި ގެދޮރަށް ސިހުރުން ސަލާމަތްކުރުމަށް ފެން މަތުރައެވެ. ފެންމަތުރާ ގޮތްތައް އެކި އެކި ފަންޑިތަވެރިން ތަފާތެވެ. އެގޮތުން އެއްގޮތަކީ ދުން މުޖުމަރާގައި ދުން އެޅުމަށްފަހު ހެންތައްޓެއް ބަހައްޓައިގެން ހާއްސަ އެއްޗެހިތަކެއް ކިޔުމަށް ފަހު އެކިޔެވި ފެންކޮޅު ބަލިމީހާގައިގާ އުގުޅާ މުޅިތަނަށް ބުރުވާ ބާކީ ފެންފޮދު ބޯންދެނީއެވެ.


ވަހުތާންޖެހުން


ވަހުތާންޖަހަނީ ރަށްރަށަށެވެ. ކުރީ ޒަމާނުގައި ރަށްރަށުގައި މަސްވެރިކަން ދައްވުމުން ނުވަތަ ޖިންނި ސައިތޯނުންގެ އުދަގޫ ބޮޑުވެގެން ފަންޑިތަވެރިން ގެނެސްގެން ފަންޑިތަ ހަދައެވެ. މިހަދާ ފަންޑިތަތަކުގެ ތެރޭގައި ރަށުގައި ވަހުތާން ޖަހައެވެ. ވަހުތާނަކީ ހުދުފޮތީގައި އިސްމުފުޅުތައްލިޔެ ނުވަތަ ހާއްސަ އާޔަތްތަކެއްލިޔެ ރަށުގެ ވަރުވާކަނުގައި ހުންނަ އެންމެ ދިގު ރުކުގެ ކުރީގައި ދުރަށް ފެންނަ ގޮތައް ހުންނަ ހުދު ދިދައެކެވެ.


ފާލުބެލުން


ފާލުބެލުމަކީ ވަކި ހާއްސަ ވަސީލަތެއް ބޭނުންކޮށްގެން ވާން ހުރިކަންކަމާއި ވެފައިވާ ކަންކަން ފަންޑިތަވެރިޔާ ބުނެދޭ ދިނުމެވެ. ފާލުމެބުމަށް ފަންޑިތަވެރިން ބޭނުންކުރާ ވަސިލަތްތަކުގެ ތެރޭގައި ޖިންނިޔާ ވަހަކަ ދެއްކުން ރަމަލު ޖެހުން އަތްބެލުން ހިމެނެއެވެ.


ފަންޑިތަހެދުމަށް ބޭނުންކުރާ ފޮތް


ދިވެހި ފަންޑިތަވެރިން ފަންޑިތަހެދުމަށް ބޭނުންކުރާ އާންމު ފޮތަކީ ރަތްތަގައްލާ ކިޔާ ފޮތެވެ. މިފޮތުގައި ފަންޑިތައާއި ސިހުރު ހުންނަ ކަމުގައި ބުނެވެއެވެ.



udeylia 06:20, 27 މެއި 2010 (UTC)