ފަންގަނޑު ހިބަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަންގަނޑު ހިބަރު

ފަންގަނޑު ހިބަރު (އިނގިރޭސި ބަހުން: Istiophorus platypterus)ނުވަތަ (އިނގިރޭސި ބަހުން: Indo-Pacific sailfish)އަކީ ދިވެހި މަސްވެރިން ދަންނަ ވަރަށް މަޝްހޫރު ހިބަރެކެވެ. މިއީ އެތެރެވަރީގެ ކަނޑުތަކުގައްޔާއި އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ހިބަރުގެ އެހެނިހެން ބާވަތްތަކާއި ޚިލާފަށް ފަރުފަރުގެ ވަރަށް ކައިރިއަށް އައިސްއުޅޭ ހިބަރެކެވެ. މިއީ ކެއުމަށް ބޭނުންކޮށްއުޅޭ މީރު މަހެކެވެ. މަހުގެ ބުރަކަށިމަތީ ގައްޔާއި، ބަނޑުދަށް ފަރާތުގައި ދެކޮތަރިބައި ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގައި 42 އާއި 49 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިކޮތަރިބައި ހުޅުވާލާފާ ހުންނައިރު ހީވާނީ ފަންއަރިއެއް ހެންނެވެ. ދެވަނަ ކޮތަރިބައިގައި 6 ނުވަތަ 7 މަޑުކަށި ހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށުގެ ދެއަރިމަތީގައި ދެކުރަގަނޑު ހުރެއެވެ.

ފަންގަނޑު ހިބަރަކީ ކަނޑުގެ ތެރެއިން ގެނބުރަށްދުވެ ދަތުކުރާ ހިބަރެކެވެ. މިމަސް ގިނައިން އުޅެނީ އެއް އިސްކޮޅަކުން މަދުއަދަދަކުން އައިން ހަދައިގެންނާއި އެކަހެރިކޮށެވެ. މިއީ 3.2 މީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ކާނާއަކީ ބޯވަ، ބޯވަ ދިލަމަހާއި، ޑިނގާ ފާނޑުގެ ސޫތްޕާއި މަސްމަހާ މެއްސެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލަ އެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދު ކުލައެއްގައެވެ. މަހުގެ ދެއަރިމަތީގައި ފަނޑުނޫކުލައިގެ ލައްތަކެއް ރޮނގަކަށް ވާގޮތަށް، މަހުގެ ހުރަހަށް ހުރެއެވެ. މަހުގެ ކޮތަރިތައް ހުންނަނީ ނޫކުލައެއްގައެވެ. މިއީ ލޭނު އަޅައިގެންނާއި، ވަދު އަޅައިގެން، އަދި މަޑަޖަހައިގެން ހިފައިއުޅޭ ހިބަރެކެވެ.