ފަންވަތް:Did you know/2014-04

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދިވެހިން ވެލާ މަސް ކެއުމާއި މެދު އެކި ދުވަސްވަރުގެ ތަފާތު ރައުޔު

ދިވެހިރާއްޖޭގެ ފަނޑިޔާރު ކަމުގައި ޢަލީ ޙުސާމުއްދީނު ހުންނެވި ޒަމާނުގައި ވެލާމަހަކީ ހަރާން އެއްޗެއް ކަމަށް ކަނޑައެޅިފައި އޮތް ކަމަށް ބުނެވެ އެވެ. އެއްބަޔަކު ކިޔާ އުޅެނީ ވެލާމަސް ހަރާންކުރެއްވީ މި ފަނޑިޔާރު ކަލޭގެފާނު ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އޭނާ ފަނޑިޔާރަކަށްވީ އިރު ވެސް ވެލާމަސް ޙަރާންކަމަށެވެ. ވެލާމަސް ކާ މީހުނަށް ޝަރީއަތް ހިންގައި އަދަބުވެސް ދެމުންދިޔައެވެ.

އޭގެ ދުވަސްތަކެއް ފަހުން އައްޝައިޚް ހުސައިން ސަލާހުއްދީނު 1913 ގައި ލިޔުއްވައިގެން ނެރުއްވި "އައްދުއްރަތުލް ބަހިއްޔާ "ގައި ވެސް ވެލާމަސް ހަރާމްކަމަށް ލިޔެވިފައިވެ އެވެ. އެފޮތުގެ 48 ވަނަ ޞަފްހާގައި ވަނީ: "ކަނޑުގައި އުޅޭ ތަކެތި ކޮންމެ ގޮތަކުން މަރުވިޔަސް ހަލާލު ވާހުށި. ކަނޑުގައްޔާއި އެއްގަމުގައްޔާއި ދިރިއުޅޭ ބޮއް ފަދަ، ކަކުނި ފަދަ، ކަހަނބު ފަދަ، ވެލާ ފަދަ، ވާވޮށި (ވާވޮށިވެލާ) ކިނބޫ ފަދަ ކޮންމެ އެއްޗެއް ހަރާމް ވާހުށި" މިހެންނެވެ.

އޭގެ ފަހުން އަޒްހަރުން ކިޔަވައިވިދާޅުވެގެން ޝައިޚް ޢަބްދުއްރަހްމާނު ވަޑައިގެން ވެލާމަސް ހަރާންކަމާ ދެކޮޅަށް 1927 ގައި ފަތުވާދެއްވި އެވެ. ނަމަވެސް އޭނާގެ އެކިއެކި ފަތުވާއާ ހިތްހަމަނުޖެހިގެން ފަހުން އޭނާ ކ. ވިލިގިއްޔަށް އަރުވާލެވުނެވެ.

ހުސައިން ސަލާހުއްދީން އަވަހާރަވެ، އައްޝައިޚް ޢަބްދުﷲ ފަހްމީ ދީދީ އަށް ފަނޑިޔާރުކަން ލިބިވަޑައިގަތުމުން ވެލާމަސް ހަލާލު ކަމުގައި ފަތުވާއެއް ނެރުއްވިއެވެ.

އަނެއްކާވެސް، 1978 ވަނަ އަހަރު ރައްޔިތުންގެ މަޖްލިސުން ފާސްކުރެއްވި "ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުން ކަހަނބު ވެލާ އިހި ހިފުމާ ބެހޭ ޤާނޫނުން" ދެ ފޫޓަށް ވުރެ ކުދި ކަހަނބާއި 2.5 ފޫޓަށް ވުރެ ކުދި ވެލާ ހިފުން މަނާކުރެވުނެވެ. އަދި މީގެ އިތުރަށް ޖޫން 8 1992 ގައި މާލޭ މިނިސިޕަލްޓީން ކުރެއްވި އިއުލާނެއްގައި ވަނީ: "މިއޮފީހުގެ ބެލުމުގެ ދަށުގައި ވާ ރޯމަސް މާރުކޭޓުގައި ވެލާ ކަތިލުމާއި ވެލާ ފެޅުމަކީ މަނާ ކަމެއްކަން އަންގައި އިއުލާނު ކުރީމެވެ." މިހެންނެވެ.