ފަންކާ ފަތިރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ފަންކާ ފަތިރޮނޑު

ފަންކާ ފަތިރޮނޑު (ސައިންޓިފިކް ނަން: Aluterus scriptus) އަކީ ރާއްޖޭގެ ވިލުތަކުންނާއި ފަރުބޭރުން، 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުން ފެންނަ ބޮޑު އިސްކޮޅެއްގެ ފަތި ރޮނޑެކެވެ. މިމަސް 1 މީޓަރަށް ބޮޑުވާ ކަމަށްވެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ވުމާއެކު މިބާވަތުގެ މަސް ހިފުމަށް ވަކިން ޚާއްޞަ މަސްވެރިކަމެއް ރާއްޖޭގައި ކޮށެއް ނޫޅެއެވެ. މިމަހުގެ ޢާއްމު ކާނާއަކީ އަޑީގައި ހުންނަ ތަފާތު ދިރުންތަކެވެ. މީގެތެރޭގައި މޫދު ފެހި، މޫދު ވިނަ، އަދި މާގަނޑު ހިމެނެއެވެ. މަހުގެ ހަށިގަނޑު ހުންނަނީ ވަރަށް ފަތިކޮށެވެ. މަހުގެ ނިގޫފަތުގެ ބުޑުދަށް ވަރަށް ފުޅަލެވެ. އަދި ނިގޫފަތް ހުންނަނީ ކޮޅަށް ވަށްކޮށް، ފަންކާއެއް ހެންނެވެ. ތުންކޮޅު ހުންނަނީ އޫކޮށެވެ. މިއީ ފަތިރޮނޑުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބިޔަ އެއް ބާވަތެވެ.

ފަންކާ ފަތިރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރު ކައްޓާއި، 43 އާއި، 49 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބުރަކަށި މަތީގެ ފުރަތަމަ ކަށި ފަޅާފައި ހުންނަނީ ސީދާ ލޮލާދިމާލު މަތިންނެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 46 އާއި، 52 އާއި ދެެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަހަށް ކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގައި އެކުލެވޭ ޚާއްޞަ ސިފައެއްކަމުގައިވާ ނިގޫފަތުގެ ފުޅާކަން ފާހަގަކޮށް މިމަހަށް ފަންކާ ފަތިރޮނޑު ކިޔާފައިވަނީ އެވެ.