ފަށްދެމި ދަންބޮޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަށްދެމި ދަންބޮޑު

ފަށްދެމި ދަންބޮޑު (ސައިންޓިފިކް ނަން: Myripristis kuntee)ނުވަތަ (އިނގިރޭސި ބަހުން: Shoulderbar soldierfish)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ މުރަކަތަކުގެ ނިވަލުގައި 10 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ގިނައިން އުޅޭ ދަންބޮޑެކެވެ. މިއީ ދިވެހި މަސްވެރިން ރޭގަނޑުކުރާ ކެޔޮޅުކަމުގައި މަދުމަދުން ބޭނޭ މަހެކެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަހެއް ނޫނެވެ. މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި ތިބެނީ ގާތަކުގެ ނިވަލުގައި ފިލައެވެ. ރޭވެ އަދިރިވުމުން ބަައިބަޔަށް ނިކުމެއުޅެއެވެ. އަދި ޚާއްޞަކޮށް ހަނދުވަރުދޭ ރޭރޭއަށް ވަރަށް ގިނައިން ތިލަވެ އުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓި މީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކައްޓާއެކު 15 އާއި 17 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 4 ހަރުކައްޓާއެކު 14 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ފަނޑު ރަތްކުލައެކެވެ. މަހުގެ ކަރުތާފަތުގެ ކޮޅުގައި މަހުގެ ހުރަހަށް ވާގޮތަށް ގަދަ މުށިކުލައިގެ ފުޅާފަށެއް މަހުގެ ދެފަރާތުގައި ހުރެއެވެ. މިމަހަށް ފަށްދެމި ދަންބޮޑު ކިޔާ ނަންދީފައިވަނީ މަހުގެ މިސިފަޔަށް ވިސްނާ މަހަށް އިގިރޭސި ބަހުން ކިޔާ އުޅޭ ނަމާގުޅޭގޮތުންނެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ހަރުކަށިތައް ހުންނަނީ އޮރެންޖް ކުލައެއްގައެވެ. ބަނޑުދަށް ފަރާތު ކޮތަރިބަޔާއި، ބުރަކަށިމަތީ ކޮތަރިބައިގެ ކޮޅު ހުންނަނީ ގަދަ ރަތްކުލައިގައެވެ. އަދި މިދެކޮތަރީގެ ކައިރިފަށާއި ނިގޫފަތުގެ މަތީބަޔާއި ތިރީބައި ހުންނަނީ ހުދުކޮށެވެ.