މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ތިން ފަށާއެކު ސިފައިންގެ 2 ނަންބަރު ސަރުދާރުގެ މަޤާމުގައި 1978 ނޮވެންބަރު 11 ވަނަ ދުވަހުއެވެ. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ވަނީ ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއްގެ ފުރުއްވާފައެވެ. މީގެތެރޭގައި ދިވެހި އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަޤާމާއި ޗީފް އޮފް ސްޓާފްގެ މަޤާމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ވެސް ހިމެނެއެވެ. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ވަނީ ލެފްޓިނަންޓް، ފަސްޓް ލެފްޓެނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓެނަންޓް ކާނަލް، ކާނަލް، ބްރިގޭޑިއަރ ޖެނެރަލް އަދި މޭޖަރ ޖެނެރަލް ރޭންކުގައި ވަރަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ދިވެހި އަސްކަރިއްޔާއަށް ކޮށްދެއްވާފައެވެ. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތުގައި ދައްކައި ދެއްވާފައިވަނީ، ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ވަރަށް ރީތި ނަމޫނާއެކެވެ. ދިވެހި އަސްކަރިއްޔާގައި ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެންމެ ފުރަތަމަ ރާއްޖޭގައި ޤާއިމުކުރެވުނު މިލިޓަރީ ޓްރޭނިންގ ކޭމްޕް، 1986 ވަނަ އަހަރު ގިރިފުށީގައި ޤާއިމުކުރުމުގައި އަދާކުރެއްވި އިސް ދައުރުގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުމުރާނީ ތަރައްޤީއާއި އިންސާނީ ވަސީލަތް ބިނާކޮށް، ސިފައިންގެ ވެލްފެއަރ ހަރުދަނާ ކުރެއްވުމަށް ކުރައްވާފައިވަނީ ވަރަށް އަގުހުރި މަސައްކަތްތަކެކެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވުމާއެކު ސިފައިންގޭގައި ތިއްބެވި އިސް އޮފިސަރުންގެ ތެރެއިން އަމިއްލަފުޅަށް ލީޑަރޝިޕް ނަންގަވައިގެން ސިފައިންގެ އެތެރޭގައި ހަރަކާތްތެރިވެވަޑައިގެންނެވި ހިތްވަރުގަދަ ކޮމާންޑަރަކީ ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރެވެ. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު އަސްކަރިއްޔާގައި އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތާއި ދެއްކެވި މަތިވެރި އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލަ އާއި 9 މެޑެލި ލިބިވަޑައިގެންފައިވެއެވެ. ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިވެހި އަސްކަރިއްޔާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ވަރަށް އަގުހުރި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ދިވެހި އަސްކަރިއްޔާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 18 ނޮވެންބަރު 2008 ގައެވެ. މި އަގުހުރި ޤައުމީ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ދިވެހި ދައުލަތުން 2013 ވަނަ އަހަރު ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރަށް ވަނީ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޝަރަފު އަރުވާފައެވެ. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރަކީ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް ފަހުގައި ވެސް ދިވެހި އަސްކަރިއްޔާ ފަޚުރުވެރިވާފަދަ ހަރުދަނާ އަސްކަރީ އަޚްލާޤެއްގެ މަތީގައި ސާބިތުވެ ހުންނެވި ނަމޫނާ ޝަޚްސިއްޔަތެކެވެ. ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރަކީ ސިފައިންނަށާއި ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށް ވެސް ހުރި އައުލާ ރިވެތި މިސާލެކެވެ.