މޫސާ ޢަލީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ތަޢާރަފް[އުނިއިތުރު ގެންނަވާ]

ފ.އަތޮޅާއި، އުފަން ރަށަށް ޚިދުމަތް ކުރުމުގައި އޭނާގެ ޢުމުރުގެ ބޮޑުބައިވަނީ ހޭދަކޮށްފައެވެ. އެއީ ހިތްތިރި މަޑުމައިތިރި ބޭފުޅެކެވެ. ދުވަހަކު ވެސް ހަރުއަޑުލައި ވާހަކަ ދެއްކި އަޑެއް މީހަކަށް ނީވޭނެ އެވެ. މަންފާއެއް ނެތް ބޭކާރު އަނގަތެޅުމުގައި އެންމެ ސިކުންތެއް ވެސް ހޭދަކޮށްފައެއް ނުވެއެވެ. ދާދި ފަހަކާއި ޖެހެންދެން ދަރަބޫދޫ ކޯޓްގެ މެޖިސްޓްރޭޓްކަން ވެސް އޭނާ ކޮށްފައިވެއެވެ. އަޅުގަނޑުގެ މިފަހަރުގެ ޚިދުމަތްތެރިޔާއަކީ ކާކުކަން މިހާރު އެގިއްޖެ ދޯއެވެ. އާދެ! ނިލަންދޫ ނޫރާނީގޭ މޫސާ ޢަލީ އެވެ.

ސަރުކާރަށް ޚިދުމަތް ކުރެއްވުން[އުނިއިތުރު ގެންނަވާ]

މޫސާ ޢަލީ ވަނީ ސަރުކާރުގެ އެކިފެންވަރުގެ ވަޒީފާތައް ފުރުއްވާފައެވެ. މިގޮތުން ފާހަގަ ކުރެވޭ ވަޒީފާތަކުގެ ތެރޭގައި ނިލަންދޫގެ ކަތީބުކަން، ނިލަންދޫ ކޯޓްގެ މެޖިސްޓްރޭޓްކަން، އަދި ދަރަނބޫދޫ ކޯޓްގެ މެޖިސްޓްރޭޓްކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގައި އުޅެ އޭނާވަނީ ޕެންޝަން ވެސް ޙާޞިލް ކޮށްފައެވެ.

މޫސާ ޢަލީ މެޖިސްޓްރޭޓްކަން ކުރި ދުވަސްވަރު ދުވަހަކުވެސް އިންސާފުން ބޭރުވެ، ކަތިމަގުން ހިންގެވުމަށް މަސައްކަތް ކުރައްވާފައެއް ނުވެއެެވެ. މުއްސައްޖަކަސް، ފަގީރަކަސް، ނިކަމެއްޗަކަސް، ޢަދުލު އިންސާފުގެ ކުރިމަތީގައި ވާނީ އެއްވަރުކަން ޢަމަލުން ސާބިތުކޮށް ދެވިއެވެ. ދުވަހަކު ވެސް މީހެއްގެ އަތުން ކޯޓަށް ހުށަހެޅިފައި އޮންނަ މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހިފާފައެއް ނުވެއެވެ.

އުފަން ދަރިން[އުނިއިތުރު ގެންނަވާ]

މޫސާ ޢަލީގެ އުފަން ދަރިންގެ ތެރެއިން އެންމެ ހަނގު ފިރިހެން ދަރިފުޅު ޢަބުދުﷲ ނަޞީރު ހުރީ ގައުމަށް ޚިދުމަތް ކުރުމުގައި ފައިތިލަ ސާބިތުކޮށްގެންނެވެ. އުފަން ރަށުގައި ޚިދުމަތް ދެއްވުމުގެ ފުރުޞަތު ނުލިބުނަސް މާޔޫސް އެއް ނުވެއެވެ. މިހާރު ޢަބުދުﷲ ނަޞީރަކީ ފ.ބިލެއްދޫ ސްކޫލްގެ އިސްލާމް ޓީޗަރެކެވެ. ކުރިން ޢަބުދުﷲ ނަޞީރު ވަނީ މަޖީދިއްޔާ ސްކޫލްގައި އިސްލާމް މުދައްރިސެއްގެ ގޮތުން މަސައްކަތްކޮށްފައެވެ. ޢަބުދުﷲ ނަޞީރު ފަދައިން މޫސާ ޢަލީގެ އެހެން ދަރިންވެސް އެކި ސިފަސިފައިގައި އިޖްތިމާޢީ ކަންކަމުގައި ބައިވެރިވާކަން ފާހަގަ ކުރެވެއެވެ.

ހަމަމިހެން މޫސާ ޢަލީގެ ކާފަ ދަރިންގެ ތެރެއިން 3 މީހަކު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރުންގެ ގޮތުގައި ހަރަކާތްތެރިވެއެވެ. އެއީ އާމިނަތު އިބްރާހީމް، އިސްމާޢީލް ނަޞީރު، އަދި ޢަބުދުލް ޣަނީ އިބްރާހީމް އެވެ. މި 3 ފަރާތަކީ ވެސް ސްކޫލުން ރާވައި ހިންގާ ތަފާތު ހަރަކާތްތަކުގައި ޓީޗަރުންގެ ގޮތުން އިސް ދައުރެއް އަބަދު ވެސް އަދާކުރާ ބައެކެވެ.

އިސްމާޢީލް ނަޞީރަކީ ނިލަންދޫ ޒުވާނުންގެ ތެރެއިން ހޮވާލެވޭނެ ފަރާތެކެވެ. ރަށުގައި ކޮންމެ ކަހަލަ ހަރަކާތެއް ހިންގި ނަމަވެސް އެތަނަކުން އިސްމާޢީލް ނަޞީރު ފެންނާނެއެވެ. އެއީ، ރަށުގެ ތަރައްޤީއަށް ހިންގާ ހަރަކާތެއް ވިޔަސް، ނުވަތަ ޢީދު ކަހަަލަ ދުވަސްވަރާއި ގުޅިގެން ބާއްވާ ކުޅިވަރު މުބާރާތެއް ވިޔަސް މެއެވެ. މިފަދަ ކޮންމެ ކަމެއްގައި ކޮންމެ ވެސް ސިފައެއްގައި އިސްމާޢީލް ނަޞީރުގެ ބައިވެރިވުން ފެނިގެންދާނެ އެވެ.

ޢަބުދުލް ޣަނީ، އަދި ހުސައިން ރަޝީދަކީ ވެސް އެބަޔެއްގެ މަތިން ހަދާން ނުކޮށް ދޫކޮށްލެވޭ ވަރުގެ ބަޔެއް ނޫނެވެ. ބޭބެ އިސްމާޢީލް އެކޭ އެއްފަދައިން ރަށުގައި ބޭއްވޭ އެކިއެކި ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ތަންކޮޅަކީ މި 3 ބެއިންނަކީ ވެސް ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ 3 ބެއިން ކަމެވެ. ފުޓްބޯޅަ، ވޮލީ، ބެޑްމިންޓަން، ޓޭބަލް ޓެނިސް ފަދަ ކުޅވަރުތަކުގައި މި 3 ފަރާތަކީ ފާހަގަކޮށްލެވޭ ބައެކެވެ. ޚާއްޞަކޮށް އެއީ މުޅިރަށުން ވެސް ހޮވާލެވޭނެ މޮޅު 3 ފުޓްބޯޅަ ކުޅުންތެރިންނެވެ. ޙުސައިން ރަޝީދު ވަނީ ފ.އ.ތ.މ ގެ ކެޕްޓަން ވެސް އޭނާ ސްކޫލް ނިމުނު އަހަރު ކޮށްފައެވެ. އަދި ޣަނީ ވެސް ވަނީ ޕްރިފެކްޓް ކަމާއި ސްކޫލްގެ އިސްމަގާމްތައް ފުރާފައެވެ.

މޫސާ ޢަލީގެ ކާފަ ދަރިންގެ ތެރެއިން މިއަދު ސްކޫލް ޓީޗަރެއްގެ ވަޒީފާގައި 10 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އާމިނަތު އިބްރާހީމް އަކީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުރަތަމަ ހެޑް ޕްރިފެކްޓް އެވެ. އަދި އޭރުގެ ސްކޫލްގެ ކެޕްޓަން ވެސް މެއެވެ. އެއަށްފަހު ހަމަ އެގޭ ބަދޫރާ އިބްރާހީމް ވަނީ އޭގެ އަހަރުތަކެއް ފަހުން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ވައިސް ކެޕްޓަންކަން ވެސް ކޮށްފައެވެ. މިއަދު ހުސައިން ރަޝީދު އަދި ބަދޫރާ ވެސް ތިބީ ސަރުކާރުގެ ޚިދުމަތު ގައެވެ.

އުފަންދަރންގެ ލިސްޓް[އުނިއިތުރު ގެންނަވާ]

  • ޖަމީލާ މޫސާ ޢަލީ
  • އިސްމާޢީލް ނަޞީރު
  • އިބްރާހީމް ނަޞީރު
  • ޢަލީ ނަޞީރު
  • ޢަބުދުﷲ ނަޞީރު

ނިންމުން[އުނިއިތުރު ގެންނަވާ]

މޫސާ ޢަލީ ނިލަންދޫއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް މިފުރުޞަތުގައި އިން އައްސަރިބަހާއި، ޝުކުރު ރައްދު ކުރަމެވެ. މޫސާ ޢަލީ ފަދައިން ޚިދުމަތް ކުރަމުންދާ އޭނާގެ ދަރިންނާއި، ކާފަ ދަރިންގެ ކިބައިން ވެސް އެދޭ އެދުމަކީ ތިޔަ ޢަޒުމެއް ބަދަލެއް ނުގެނެސް އުފަން ރަށާއި، އަތޮޅަށް ސާބިތުވެތިބެ، ޚިދުމަތް ދެއްވާށެވެ. ތިޔައީ ނިލަންދޫ އާއި، ފ. އަތޮޅު އަބަދުވެސް ދެކެންބޭނުންވާ ޒުވާނުންކަން އުފަލާއެކު ފާހަގަ ކުރަމެވެ.