Jump to content

ޑރ. މުޙައްމަދު ލަޠީފް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ މުޙައްމަދު ލަތީފް އިން)
ޑރ. މުޙައްމަދު ލަޠީފް
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ
މުޙައްމަދު ލަޠީފް، 2013
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު
މަޤާމުގައި
2 ޖުލައި 2015  20 އޮގަސްޓު 2019
ރައީސްޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު
މަޤާމުގައި
2002–2007
ރައީސްއަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
ކުރިން ހުންނެވީޙުސައިން ޝިހާބު
ފަހުން ވަޑައިގަތީ
އަޙްމަދު ޚަލީލު
ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރު
މަޤާމުގައި
27 ފެބުރުވަރީ 2000  13 އޮކްޓޫބަރު 2002
ރައީސްއަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް އެޑިޔުކޭޝަން
މަޤާމުގައި
11 ނޮވެންބަރު 1993  9 އޮކްޓޫބަރު 2002
ކުރިން ހުންނެވީއަލްއުސްތާޛު ޢަބްދުﷲ ޙަމީދު
ފަހުން ވަޑައިގަތީ
އިސްމާޢީލް ޝަފީޢު
އުފަންވީ (1953-07-20) 20 ޖުލައި 1953 (73 އަހަރު )
ތ. ކިނބިދޫ، ދިވެހިރާއްޖެ
ތަޢުލީމްމަޖީދިއްޔާ ސްކޫލް
މަތީތަޢުލީމުއިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަނަލް ޕްލޭނިންގ، ޕެރިސް
ޔުނިވަރސިޓީ އޮފް ވޭލްސް، އިނގިރޭސިވިލާތް
އިނާމުތައްސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 1994
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2026

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ލަޠީފް (މއ. ކިނބި)، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ޖުލައި 20ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ ދިވެހި ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ޚިދުމަތްކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ޚާއްޞަކޮށް، އެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

ތަޢުލީމު ޙާޞިލުކުރެއްވުން

[އުނިއިތުރު ގެންނަވާ]

ޑރ. މުޙައްމަދު ލަޠީފް ޕީއެޗްޑީ ޙާޞިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަރސޓީ އޮފް ވޭލްސްއިން، އެޑިޔުކޭޝަނަލް ޕްލޭނިންގގެ ރޮނގުން 1992ވަނަ އަހަރުއެވެ. އެ މަނިކުފާނު، މާސްޓަރ އޮފް އެޑިޔުކޭޝަން ޙާޞިލުކުރެއްވީ ވެސް، ޔުނިވަރސިޓީ އޮފް ވޭލްސްއިންނެވެ. މީގެ އިތުރުން ހަމަ އެ ޔުނިވަރސިޓީން ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް އިން ޑެމޮގްރަފީ އެންޑް ސްޓެޓިސްޓިކްސް ފުރިހަމަކުރައްވައިފައިވެއެވެ. އަދި އެޑިއުކޭޝަނަލް ޕްލޭނިންގް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕެރިހުގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިއުކޭޝަނަލް ޕްލޭނިންގގައި ވެސް ތަމްރީނު ހޯއްދަވައިފައިވެއެވެ.

ޑރ. މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ.

ތަޢުލީމީ ދާއިރާ

[އުނިއިތުރު ގެންނަވާ]

އެ މަނިކުފާނު ފުރުއްވި އެންމެ އިސް އެއް މަޤާމަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަޤާމެވެ. ރައީސް އަލްއުސްތާޛުމައުމޫން ޢަބްދުލްޤައްޔޫމް، ރިޔާސީ 3ވަނަ ދައުރަށް ހުވާކުރެއްވުމަށް ފަހު، އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި، އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަޤާމަށް ޑރ. މުޙައްމަދު ލަޠީފް ޢައްޔަންކުރެއްވީ، 11 ނޮވެންބަރު 1993 ގައެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި އެ މަނިކުފާނު ހޭދަކުރެއްވި 22 އަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތްކުރައްވައިފައެވެ. އެގޮތުން، ތަޢުލީމީ މުއައްސަސާތައް އުފައްދަވައި، ތަރައްޤީކުރެއްވުމުގައި އާދަޔާ ޚިލާފު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައްވައި، މުދައްރިސުން ތަމްރީނުކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީނުކުރުމަށް ޓަކައި އަލަށް ޤާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" 1984ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އުފެދިގެން ދިޔުމުގައި އެ މަނިކުފާނު އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އޭގެފަހުން، ދިވެހިރާއްޖެއިން ލިޔަންކިޔަން ނުދަތުން ނައްތައިލުމަށް ޓަކައި ނުރަސްމީ ތަޢުލީމު ދޭ މަރުކަޒު، ރަސްމީ ސިފައެއްގައި 1985ވަނަ އަހަރު ޤާއިމުކުރެވިގެން ދިޔުމުގައްޔާއި، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ އެޑްމިނިސްޓްރޭޓިވް އަދި މެނޭޖްމަންޓްގެ ދާއިރާއިން ބޭނުންވާ މީހުން ތަމްރީނުކުރުމަށް ޓަކައި ތަމްރީނު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި، އައި.އެލް.އޯ. އާއި، ޔޫ.އެން.ޑީ.ޕީ. ގެ އެހީގައި "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީކުރެވިގެން ދިޔުމުގައި ވެސް ޑރ. މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިންމެވެ.

1995ވަނަ އަހަރުން 2005ވަނަ އަހަރާ ހަމައަށް ކަނޑައެޅުނު އެޑިޔުކޭޝަނަލް މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން އަދި ވަޒީރުންގެ ކޮމިޓީގެ ޗެއަރމަންގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ލަޠީފް ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަންޖެހެއެވެ. މާސްޓަރ ޕްލޭން އެކުލަވައިލުމުގެ ފަންނީ ޓީމުގައި ތަޖުރިބާކާރެއްގެ ގޮތުގައި ހިމެނިވަޑައިގެން، އެހީތެރިކަން ދެއްވުމުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އޭގެކުރިން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރކަމުގެ މަޤާމުގައި ހުންނަވައިގެން، އިބްތިދާއީ ތަޢުލީމުގެ ދާއިރާ ފުޅާކުރުމާއި، މުދައްރިސުން ތަމްރީނުކުރުމާއި، ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލުމާއި، ނުރަސްމީ ތަޢުލީމު ދިނުމާއި، ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ޓެކްސްޓް ފޮތް އުފައްދައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެއްވުމާއި، ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ އެކި ފެންވަރުގެ މުވައްޒަފުން ތަމްރީނުކުރުމާއި، ތަޢުލީމީ ދާއިރާގެ އެކި މަޝްރޫޢުތަކަށް ބޭނުންވާނެ ފަންޑިންގ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީގައި ހޯއްދަވައިދެއްވުމުގައި ޢަމަލީގޮތުން އިސް ދައުރެއް ޑރ. މުޙައްމަދު ލަޠީފް އަދާކުރެއްވިއެވެ.

ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ވެސް ޑރ. މުޙައްމަދު ލަޠީފެވެ. އަދި އެ މަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ކަނޑައަޅައިފައިވާ ތާރީޚުގެ ކުރިން އެ ޕްލޭން ތަންފީޒުކުރައްވައި ނިންމެވިއެވެ.

ދިވެހިރާއްޖޭގައި ޘާނަވީ ތަޢުލީމު ފުޅާކުރައްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދެއްވަން ފަށްޓަވައި މުޅި ތަޢުލީމީ ދާއިރާ، އައު ހަރުފަތަކަށް ގެންދެވުމުގައި ޑރ. މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު މުހިންމެވެ. އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާކުރެއްވުމަށް ޓަކައި "ބިލްޓް-އިން ސުޕަރވިޜަން ސިސްޓަމް" އެއް ޤާއިމުކުރެއްވުމެވެ.

ރާއްޖޭގެ ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" 1998ވަނަ އަހަރު ޤާއިމުކުރެވިގެންދިޔަ އިރު، އެ ކޮލެޖު ޤާއިމުކުރެއްވުމަށް ޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ކަން ކުރެއްވުމުގައި މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަފުޅު ޝައުޤުވެރިކަމާ އެކު، ކަންކަން ދިރާސާކުރައްވައި، ފީޒިބިލިޓީ ހައްދަވައި، ބޭރުގެ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯއްދަވައިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކަށް އެ ދިރާސާތައް ހުށަހަޅުއްވައި، އެ ބޭންކުގެ ހިލޭ އެހީ ހޯއްދަވައި ދެއްވުމުގައި ޢަމަލީ ގޮތުން އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. މުޙައްމަދު ލަޠީފް، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނަވައިގެން، ތަޢުލީމީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށް ޓަކައި ސަރުކާރުން އޭރު އުފެއްދެވި ބައެއް މުއައްސަސާތައް އުފެއްދުމުގައި ވެސް އެ މަނިކުފާނުގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން، "ދަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު" އާއި، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އުފެއްދެވުމުގައި ކުރެއްވި މަސައްކަތްޕުޅު ވެސް ފާހަގަކޮށްލަންޖެހެއެވެ.

ޚާރިޖީ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ. މުޙައްމަދު ލަޠީފަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ވެސް ޚިދުމަތްކުރައްވައި، އެ ދާއިރާއިން ވެސް ތަޖުރިބާ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3ވަނަ ސެކްރެޓެރީކަމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމު ވެސް ފުރުއްވިއެވެ. ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި 2002ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9ވަނަ ދުވަހުން ފެށިގެން 2007ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23ވަނަ ދުވަހާ ހަމައަށް ހުންނެވި އިރު، އެ މަނިކުފާނު ވަނީ އދ. އިޞްލާޙުކުރުމުގެ މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށް ޓަކައި ކުރެވުނު މަސައްކަތްތަކުގައި، ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވައިގެން، އޮމާންކަމާއެކުގައި ބަދަލުވުމުގެ އިސްތިރާޖު ފަރުމާކުރައްވައި، އެ އިސްތިރާޖު ތަންފީޒުކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ޑރ. މުޙައްމަދު ލަޠީފެވެ. މި ދެންނެވި އިސްތިރާޖާ ގުޅޭގޮތުން ވަރަށް ވިސްނުންތެރިކަމާ އެކު، އދ. އާ އެކުގައި މުޢާމަލާތުކުރައްވައި އެ ކަމަށް ޙައްލެއް ހޯއްދަވައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށް، "މިޑްލް އިންކަމް ޑިވެލޮޕިންގ ކަންޓްރީ" އެއްގެ ފެންވަރަށް ރާއްޖެ ގެންނެވުމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލަންޖެހެއެވެ. އެ މަނިކުފާނަކީ، ސަރަޙައްދީ ޖަމުޢިއްޔާއެއް ކަމަށްވާ "އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ސައުތު އޭޝިއާ" އުފެއްދެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގައި

[އުނިއިތުރު ގެންނަވާ]

ޑރ. މުޙައްމަދު ލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން 11 ނޮވެންބަރު 1993 އިން 6 ނޮވެންބަރު 1997 އަށް މެންބަރުކަން ކުރެއްވިއެވެ. ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން، 17 މޭ 1989 އިން 30 އޮކްޓޫބަރު 1989 އަށް، އަދި 30 ނޮވެންބަރު 1992 އިން ފެށިގެން 11 ނޮވެންބަރު 1993 އަށް އަދާކުރައްވައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރެއްވިއެވެ. ހަމަ އެހެންމެ، 15ވަނަ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން، 27 ފެބުރުވަރީ 2000 އިން ފެށިގެން 13 އޮކްޓޫބަރު 2002 ގެ ނިޔަލަށް އެ މަނިކުފާނު ކުރެއްވިއެވެ.

އެހެނިހެން ދާއިރާތައް

[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖެއަށް ޑިމޮކްރަސީ އަލަށް ތަޢާރުފު ކުރެވިގެން އައި ދުވަސްވަރު ކުރިމަތިވި، ޚިޔާލަށްވެސް ނުގެނެވޭނެ ފަދަ ދަތި އުނދަގޫ އަދި ހަލަބޮލި މާޙައުލެއްގައި، ދިވެހި ސަރުކާރަށާއި މުޖުތަމަޢަށް، ނިސްބަތުން އައު ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށް ޤާއިމުކުރެވިގެންދިޔަ މިނިވަން މުއައްސަސާއެއް ކަމުގައިވާ "ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން" އާއި، ދިވެހިރާއްޖޭގައި ސިވިލް ސަރވިސް ޤާއިމުކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޑރ. މުޙައްމަދު ލަޠީފެވެ. މިގޮތުން، ސިވިލް ސަރވިސް އުފެއްދެވުމަށް ޓަކައި ސަރުކާރުން ބޭނުންފުޅުވި ފަންނީ އެހީތެރިކަން ވެސް ޑރ. ލަޠީފް ވަނީ ފޯރުކޮށްދެއްވައިފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އަދި ފަހުން އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން، ދިވެހި ސިވިލް ސަރވިސް ހަރުދަނާކުރައްވައި، ޒަމާނާ އެއްގޮތަށް ސިވިލް ސަރވިސް ބައްޓަންކުރެއްވުމަށް ޓަކައި ޑރ. މުޙައްމަދު ލަޠީފް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. އެ މަނިކުފާނު ވަނީ، ނޭޝަނަލް ޕޭ ރިވިއު ބޯޑުގެ ޗެއަރމަންކަމުގެ މަޤާމު ވެސް ފުރުއްވައިފައެވެ.

ޑރ. މުޙައްމަދު ލަޠީފަކީ، އެކިއެކި ކައުންސިލުތަކާއި ބޯޑުތަކުގައި ވެސް ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ މެންބަރެއްގެ ގޮތުންނާއި، ނޭޝަނަލް އެޑިޔުކޭޝަން ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އެ ކައުންސިލުގެ ވައިސް ޗެއަރމަންގެ ހައިސިއްޔަތުން ޚިދުމަތްކުރެއްވިއެވެ. އަދި އިސްލާމީ ފިޤްހު އެކެޑަމީގެ އެޑްވައިޒަރީ ކައުންސިލްގެ މެންބަރުކަމާއި، މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރމަންކަމާއި، މެންބަރުކަމާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމާއި، ޗެއަރމަންކަމުގެ މަޤާމު އަދާކުރެއްވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުކަން ވެސް އަދާކުރެއްވިއެވެ.

ޑރ. މުޙައްމަދު ލަޠީފް ވަނީ، "ނޭޝަނަލް ޕްލޭނިންގ ކައުންސިލް"ގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރައްވައި، "ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން" އެކުލަވައިލައްވައި ތަންފީޒުކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. ވިހިވިހީގެ ތަޞައްވުރު އެކުލަވައިލެއްވުމަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދެވި "ސިޗުއޭޝަން އެނަލިސިސް" ގައި "ނޭޝަނަލް ޕްލޭނިންގ ކައުންސިލް" ގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، ކެބިނެޓް ކޮމިޓީގެ މެންބަރެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ތަފާތު "ކޮންސަލްޓޭޓިވް ވަރކްޝޮޕް" ތަކާއި، ކޮންފަރެންސްތަކާއި ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ރާއްވަވައި، ވިހިވިހީގެ ތަޞައްވުރު އެކުލަވައިލެއްވުމުގެ މަސައްކަތުގައި 1998ވަނަ އަހަރުން ފެށިގެން 2002ވަނަ އަހަރާ ހަމައަށް ޑރ. މުޙައްމަދު ލަޠީފް މަސައްކަތްޕުޅުކުރެއްވިއެވެ.

ޑރ. މުޙައްމަދު ލަޠީފް، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 18 މޭ 1973 ގައި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ އިނގިރޭސި ކާތިބުކަމުގެ މަޤާމުންނެވެ. އޭގެފަހުން، ޕާސްޕޯޓް އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީކަމުގެ މަޤާމާއި، އިނގިރޭސި ސެކްރެޓެރީކަމުގެ މަޤާމާއި، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސްގެ ސެކްރެޓެރީކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ ސެކްރެޓެރީކަމުގެ މަޤާމު އަދާކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަޤާމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރުކަމުގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަނިކުފާނު ފުރުއްވައިފައިވާ މުހިންމު އެހެން މަޤާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ނައިބުކަމުގެ މަޤާމު ހިމެނެއެވެ. ނައިބުކަމުގެ މަޤާމުގައްޔާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ޗެއަރމަންގެ ގޮތުގައި ހުންނަވައިގެން ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސަރަޙައްދީ ފެންވަރުގައި، ރާއްޖޭގެ ރަށްރަށް ތަރައްޤީކުރެއްވުމުގައި ވެސް ޑރ. މުޙައްމަދު ލަޠީފް އިސް ދައުރެއް އަދާކުރެއްވިއެވެ.

ޑރ. މުޙައްމަދު ލަޠީފް އެންމެ ފަހުން ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ މަޤާމުގައެވެ. އެއީ، 2 ޖުލައި 2015 އިން 20 އޮގަސްޓު 2019 އަށެވެ. އެ މަޤާމު ފުރުއްވި އިރު، ޔުނިވަރސިޓީގެ ޗާންސެލަރުގެ ހައިސިއްޔަތުން ޔުނިވަރސިޓީގެ ކަންކަން ވަރަށް ގާތުން ބައްލަވައި، ޔުނިވަރސިޓީގެ ޚިދުމަތްތައް ފުޅާކުރައްވައި ތަރައްޤީ ކުރެއްވުމަށް ޓަކައި ވެސް ވަރަށް އިޚްލާޞްތެރިކަމާ އެކުގައި މަސައްކަތްޕުޅުކުރެއްވިއެވެ.

ޑރ. މުޙައްމަދު ލަޠީފް ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާތީ 1994ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 2026ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ލަޠީފަށްށް އަރުވައިފައިވެއެވެ.