މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ސުމުއްވުލް އަމީރު މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު

ސުމުއްވުލް އަމީރު މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު އަކީ ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ސުމުއްވުލް އަމީރު މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު އަކީ އަލްވަޒީރު އިބްރާހީމް ރަންނަ ބަނޑޭރި މަނިކުފާނުގެ ސުމުއްވުލް އަމީރު ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ ދެވަނަ ދަރިކަލުން ކަކާގޭ ކުޑަ މުޙައްމަދު ދީދީ އެވެ. މަންމަ އަކީ ފަސްމަންދޫ ޙަސަން ހަކުރާ މަނިކުފާނުގެ އަލްވަޒީރު އިބްރާހީމް ޝާޙް ބަންދަރުގެ އަލްވަޒީރު ޢަލިމަނިކު ފާނުންގެ އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނުގެ ޙުސައިން ދީދީގެ ޢާއިޝާ ދީދީ އެވެ. މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނުގެ ބައްޕަ ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ މަންމާ ފުޅަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީންގެ އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ގެ އަލްއަމީރާ ޢާއިޝަތު ކަނބާރަނި ކިލެގެފާނު ނުވަތަ ކަކާގޭ ގޮމާ އެވެ.

މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1262 ވަނަ އަހަރު އެވެ. ބޮޑުފުޅުވީ އެބޭފުޅުންގެ އާއިލާގެ ގެކޮޅު ކަމުގައިވާ ކަކާގޭ ގައެވެ. އެގެއަކީ ފެންފުށީ ކަކާ ތަކުރުފާނު ބިނާކުރެއްވި ގެއެއް ކަމަށްވާތީ، އެތަކުރުފާނަށް ގޭގެ ނަން ނިސްބަތް ވެފައިވަނީ އެވެ.

މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު ގެ ބޭފުޅުންނަކީ އަލްއަމީރާ ތުއްތު ގޮމާ، އައްނަބީލާ ފާޠިމަތު ދީދީ ނުވަތަ ވެލިދޫގެ ދޮންދީދީ، އާއި، އައްނަބީލް މުޙައްމަދު ދީދީ މ.ދާންނާގެ އެވެ. މިއިންވެސް އެއްވެސް ބޭފުޅަކު މިހާރު ދުނިޔޭގައި ނެތެވެ. ނަމަވެސް އެބޭފުޅުންގެ ޢާއިލާ އެބައޮތެވެ.

މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ:-

  • ކަކާގެ އިސްމާޢީލް ދީދީ
  • ކަކާގޭ ޢާބުދުﷲ ދީދީ (ޢަބުދުﷲ ފާށަނާ ކިލެގެފާނު)
  • އަހުމަދު ދީދީ (ދޮންތުއްތު ދީދީ)
  • ޅަދީދީ (މަރިޔަމް ދީދީ)
  • ޙެންވޭރުގޭ ޙަސަން ޙަކުރާ މަނިކުފާނު

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • ރަންނަބަނޑޭރިކިލެގެކަން ( މުސްކުޅި ބަންޑާރައިންގެ )
  • ބޮޑު ވަޒީރުކަން

ތަޢުލީމް ޙާޞިލްކުރެއްވުން[އުނިއިތުރު ގެންނަވާ]

މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު ތަޢުލީމް ހޯއްދެވީ މާލެއިންނެވެ. ކިލެގެފާނުގެ ޚާއްޞަ ފަންނުތަކުގެ ތެރެއިން ހެވިކަމުގެ ރޮނގުގައި އެމަނިކުފާނަކީ ޚާއްޞަ އުސްތާޛެކެވެ.

ގައުމީ ޚިދުމަތް[އުނިއިތުރު ގެންނަވާ]

މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން މުސްކުޅި ބަންޑާރައިންގެ ރަސްކަމުގައެވެ. އެމަނިކުފާނު ދައުލަތް ހިންގުމުގެ އިސްވެރިއެއްގެ ގޮތުން އުޅުނު ދައުރުތަކުގައި ދައުލަތަށް ކުރިމަތިވި ބޮޑެތި މައްސަލަތަކުގައި ޢަމަލު ކުރައްވާފައިވަނީ ވަރަށް ވެސް ކެތްތެރި އިޚްލާޞްތެރި ސިޔާސަތެއްގެ މަތީންނެވެ. މިގޮތުން 1887 ވަނަ އަހަރު އިގިރޭސި ދައުލަތާއި، ދިވެހި ދައުލަތާއި ދެމެދު ކުރެވުނު މަޝްހޫރު އެގްރީމެންޓްގެ މައްސަލަ ހިމެނެއެވެ. އެކަމުގައި އެކިލެގެފާނު މުޅިންވެސް ބުރަވެވަޑައިގެން ބާރުއަޅުއްވާފައިވަނީ، ދިވެހީން ރައްކާތެރި ކުރެއްވުމުގެ ފަރާތަށެވެ. އަދި އެދުވަސްވަރު އޮތް ޚާންދާނީ ވެރިކަމުގެ ވާދަވެރިކަމުގައި އެކިލެގެފާނު ހިމެނިވަޑައިގަތީ ތަޢައްޞުބާއި ޒާތީ ނުފޫޒު މުޅިން ނައްތާލެއްވުމާއި، ޢަދުލު އިންޞާފު ގާއިމުކުރެއްވުމުގެ މައްޗަށް ބާރުއެޅުއްވި ވެރިއެއް ކަމުގައެވެ. މިގޮތް ގޮތުން އެކިލެގެފާނަކީ ދައުލަތާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚާދިމެއްކަން ފާހަގަވެގެން ދިޔައެވެ.

މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނުގެ އާއިލާގެ ގިނަ ބޭފުޅުންނާއި، އެކިލެގެފާނަކީ އަގުހުރި ޚިދުމަތްތެރީންނެވެ. މިކިލެގެފާނަކީ މިޒަމާނުގެ ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި މަތީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަލްފާޟިލް ޙުސައިން ޙިލްމީ ދީދީ، އަލްފާޟިލް އިބްރާހީމް ޙިލްމީ ދީދީ، އަލްފާޟިލް އަޙުމަދު ޙިލްމީ ދީދީ، މިބޭބޭފުޅުންގެ ބައްޕަ ފަރާތުގެ ބޮޑުބޭބޭ ފުޅެވެ. މިގޮތުން މިދެންނެވި ބޭފުޅުންނާއި، އެބޭފުޅުންގެ ޢާއިލާ އަކީ މިޒަމާނުގެ ތަޢުލީމް ލިބިވަޑައިގެން ތިއްބެވި ގިނަ ބޭފުޅުންކޮޅެއް ހިމެނިގެންވާ ޚާންދާނަކަށް ވެއެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ވަރަށް ރީތި ހަމަހިމޭން ޙަޔާތްޕުޅަކަށްފަހު މުޙައްމަދު ރަންނަ ބަނޑޭރި ކިލެގެފާނު ދުނިޔެ ދޫކުރެއްވީ 26 ރަބީޢުލް އައްވަލް 1326 ގައެވެ. ފަސްދާނު ލެވުނީ މާލޭ ހުކުރު މިސްކިތުގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
  • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006