މުޑަ ހަނދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުޑަ ހަނދި

މުޑަ ހަނދި(ސައިންޓިފިކް ނަން: Caranx ignobilis)ނުވަތަ (އިނގިރޭސި ބަހުން: Giant trevally)އަކީ ރާއްޖޭގެ ފަރުފަޅުތަކާއި ވިލުވިލުގައި ގިނައިން އުޅޭ މަހެކެވެ. މިމަސް އާއްމު ގޮތެއްގައި އުޅެނީ އެކަހެރިކޮށެވެ. ނަމަވެސް ބައެއް ފަހަރު މަދު އަދަދުން އައިން ހަދައިގެންވެސް އުޅެއެވެ. މިހަނދި އާއްމުކޮށް އުޅެނީ 80 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ ހަނދީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބިޔަ ބާވަތެވެ. މިހަނދި އެންމެ ބޮޑުވަނީ 1.7 މީޓަރަށެވެ. ނަމަވެސް އާއްމު ގޮތެއްގައި ފެނިފައި ހުންނަނީ 80 ސެންޓި މީޓަރަށްވުރެ ކުދިމަހެވެ. ރާއްޖޭގެ މަސްވެރިން ނަނު ފައްތައިގެންނާއި، ނަނު އެއްލައިގެން ކުރާ ފަރުމަހުގެ މަސްވެރިކަމުގައި މިމަސް ވަރަށް ގިނައިން ބޭނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ.

މުޑަ ހަނދީގެ ބޯ ހުންނަނީ ވަރަށް ބޮޑަށް ވަށްކޮށެވެ. މަހުގެ ބުރަކަށިމަތީގައި ވަކިވަކިން ހުންނަ ދެކޮތަރިބައި ހުރެއެވެ. ފުރަތަމަ ކޮތަރިބައިގައި ކުރުކަށީގެ 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 18 އާއި 21 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިވަކިން ހުންނަ 2 ހަރުކައްޓަށްފަހު އިތުރު 1 ހަރުކައްޓާއެކު 15 އާއި 17 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ރިހި އަޅި ކުލައެވެ. މިކުލަ މަހުގެ މަތީބައިން ފެށިގެން ބަނޑުދަށް ފަރާތަށް ފަނޑުވެފައި ހުރެއެވެ. މަހުގެ މައިގަނޑު ކާނާއަކީ މަސްމަހާ މެއްސެވެ. ނަމަވެސް ބޯވަ ދިލަމަހާއި ދިލަފޮށި މަހާއި ކަކުނި ފާނޑުގެ ސޫފި ވެސް ކައިހަދައެވެ.