މުޞްޠަފާ ލުޠުފީ
ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޞްޠަފާ ލުޠުފީ | |
|---|---|
މުޞްޠަފާ ލުޠުފީ، 2018 | |
| ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ | |
މަޤާމުގައި 27 ނޮވެންބަރު 2018 – 17 ނޮވެންބަރު 2023 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ކުރިން ހުންނެވީ | (މަޤާމު އުފެއްދެވުން) |
| ފަހުން ވަޑައިގަތީ | (މަޤާމު އުވައިލެއްވުން) |
| ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ | |
މަޤާމުގައި 15 ފެބުރުވަރީ 2011 – 22 ފެބުރުވަރީ 2012 | |
| ރައީސް | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މުޙައްމަދު ނަޝީދު |
| ކުރިން ހުންނެވީ | (މަޤާމު އުފެއްދެވުން) |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް އެޑިޔުކޭޝަން | |
މަޤާމުގައި 7 ޖުލައި 2010 – 11 ޑިސެންބަރު 2010 | |
| ރައީސް | މުޙައްމަދު ނަޝީދު |
| ފަހުން ވަޑައިގަތީ | ޝިފާ މުޙައްމަދު |
މަޤާމުގައި 12 ނޮވެންބަރު 2008 – 29 ޖޫން 2010 | |
| ރައީސް | މުޙައްމަދު ނަޝީދު |
| ކުރިން ހުންނެވީ | ޒާހިޔާ ޒަރީރު |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް ޓޫރިޒަމް | |
މަޤާމުގައި 15 ސެޕްޓެންބަރު 2004 – 13 ޖުލައި 2005 | |
| ރައީސް | މައުމޫން ޢަބްދުލް ޤައްޔޫމް |
| ކުރިން ހުންނެވީ | ޙަސަން ޞާބިރު |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުކަން | ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
| އެހެނިހެން ސިޔާސީ ގުޅުންތައް | ގައުމީ އިއްތިހާދު |
| އަނބި ނުވަތަ ފިރި | ޙަފީޡާ އާދަމް |
| ދަރިން | ނަޒްލާ މުޞްޠަފާ ފަޒައިލް ލުޠުފީ |
| މަތީތަޢުލީމު | މޯރޭ ހައުސް ކޮލެޖް އޮފް އެޑިޔުކޭޝަން ޔުނިވަރސިޓީ އޮފް ބަރމިންހަމް ލަ ޓްރޯބް ޔުނިވަރސިޓީ |
| އިނާމުތައް | ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2004 ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް - 2023 |
ޑރ.މުޞްޠަފާ ލުޠުފީއަކީ، އައްޑުއަތޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 34 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1975 ފެބުރުވަރީ 1ވަނަ ދުވަހު ޕްރައިމް މިނިސްޓަރ އޮފީހުގެ އިނގިރޭސި ކާތިބުކަމުގެ މަޤާމުންނެވެ. ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގަތީ، 1975 ޖުލައި 19ވަނަ ދުވަހު މަޖީދިއްޔާ ސްކޫލުގެ މުދައްރިސެއްގެ މަޤާމުންނެވެ.
އަމިއްލަ ދިރިއުޅުން
[އުނިއިތުރު ގެންނަވާ]ޑރ. މުޞްޠަފާ ލުޠުފީ ގެ ބައްޕާފުޅަކީ ފަޟީލަތުއްޝައިޚު އިބްރާހީމް ލުޠުފީއެވެ. މަންމާފުޅަކީ ސ. ހުޅުދޫ ޢާއިޝަތު ސުފައިރާއެވެ. ޑރ. މުޞްޠަފާ ލުޠުފީއާ އެއްބަނޑު އެއްބަފާ ހުންނަނީ އެންމެ ފިރިހެން ބޭފުޅެކެވެ. އެއީ އަޙްމަދު ލުޠުފީއެވެ.
ތަޢުލީމީ ކާމިޔާބީތައް
[އުނިއިތުރު ގެންނަވާ]ޑރ. މުޞްޠަފާ ލުޠުފީ، 1975ވަނަ އަހަރު ޖީސީއީ އޯލެވެލް އިމްތިޙާނު ފުރިހަމަކުރެއްވުމަށް ފަހު، ތަޢުލީމީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ޝައުޤުވެރިކަން އޮތްލެއް ބޮޑުކަމާއެކު، ރާއްޖޭގައި ޕްރައިމަރީ ޓީޗިންގއާއި "ދިވެހި މާއްދާ" ކިޔަވައިދިނުމުގެ ސަނަދު ޙާޞިލުކުރެއްވިއެވެ. އޭގެފަހުން، އިންޑިއާގެ މައިސޫރުން 1976ވަނަ އަހަރު، ޕްރައިމަރީ ޓީޗިންގ ޑިޕްލޯމާ ޙާޞިލުކުރެއްވިއެވެ. އެއަށްފަހު، 1981ވަނަ އަހަރު އިނގިރޭސިވިލާތުގެ އެޑިންބަރާގެ މޯރޭ ހައުސް ކޮލެޖް އޮފް އެޑިޔުކޭޝަނުން ހިސްޓްރީ އެންޑް ފިލޯސޮފީ އޮފް އެޑިޔުކޭޝަންގެ ރޮނގުން ސެޓްފިކެޓް ޙާޞިލުކުރައްވައި، އެ ކޮލެޖުން އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ރޮނގުން ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ. 1990ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމްގައި މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަކުރެއްވިއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ، 2004ވަނަ އަހަރު އޮސްޓްރޭލިއާގެ ލަ ޓްރޯބް ޔުނިވަރސިޓީގައެވެ. ޕީއެޗްޑީ ތީސީސް ބިނާކުރެއްވީ، ސްކޫލް މަންހަޖު އެކުލެވުމުގެ މައްޗަށެވެ.
ޚިދުމަތް
[އުނިއިތުރު ގެންނަވާ]ޑރ. މުޞްޠަފާ ލުޠުފީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށް ޓަކައި ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްވެސް މެއެވެ. އޭރު ހިންގެވި އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުގައި 1977 ޖަނަވަރީ 31 ގައި ޚިދުމަތް ފެށްޓެވި ހިސާބުން ފެށިގެން ކިޔަވައިދެއްވުމަށް މީހުން ބިނާކުރެއްވުމުގައި ޢަމަލީގޮތުން ވަރަށް މުހިންމު ދައުރެއް އެ މަނިކުފާނު އަދާކުރެއްވިއެވެ. އޭރު ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ޒާހިރު ޙުސައިން (ނޢޢވ) ގެ ބެއްލެވުމުގެ ދަށުން ފެށުނު މި ދެންނެވި ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވަން ޖެހިވަޑައިގެންނެވީ، ރާއްޖޭގައި އޭރު ނުކުތް ނޫސްތަކުގައްޔާއި، މަޖައްލާތަކުގައްޔާއި، ފޮތްތަކުގައި ލިޔެފައި ހުންނަ އެކި ލިޔުންތަކާއި މަޒުމޫނުތަކުގައި ބޭނުންކޮށްފައި ހުންނަ އަކުރުތަކުގެ ޢަދަދުތަކާއި، އެންމެ ގިނައިން ބޭނުންކުރެވޭ އަކުރަކީ ކޮބައިތޯ ބެއްލެވުމުގެ މަސައްކަތެވެ. ޙަޤީޤަތަށް ދަންނަވާ ނަމަ، އެއީ ތާނަ ޓައިޕްރައިޓަރު އުފެއްދެވުމުގެ މަސައްކަތުގެ ފެށުމެވެ. ޓައިޕްރައިޓަރުގެ ކީބޯޑުގެ އަކުރުތައް ތަރުތީބު ކުރެއްވީ، މި ދިރާސާގެ އަލީގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އޭގެފަހުން، އެހެން ދެ ބޭފުޅަކާ އެކީގައި، ޑރ. މުޞްޠަފާ ލުޠުފީ ކުރެއްވި މުހިންމު އަނެއް މަސައްކަތަކީ، ރާއްޖޭގައި މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރެއްވީ ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި، އޭނާގެ ލަފާގެ މަތިންނާއި، އޭރު އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވަމުން ގެންދެވި މުދައްރިސެއް ކަމަށްވާ ގަލޮޅު ނޫރީފެހި އަޙްމަދު ޝަހީމްގެ ލަފާގެ މަތިންނެވެ. ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެއްވުމަށް އޭރު އަތޮޅުތަކުން ގެންނެވި ފަނަރަވަރަކަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. އޭރު އެމީހުން ތަމްރީނު ކުރެއްވުމުގައި އިސްކަންދެއްވީ، ކިޔަވައިދިނުމުގެ ހުނަރަށެވެ. ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެއްވަމުން ގެންދެވީ، ރޭގަނޑުގެ ވަގުތުގައި އަމީނިއްޔާ ސުކޫލުގައެވެ. ހެނދުނު ކުރައްވަނީ، ކިޔަވައިދިނުމަށް ބޭނުންކުރާނެ ޓީޗިންގ އެއިޑްސްއާއި ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރެއްވީ، އޭރު އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް ހިންގަމުން ގެންދިޔަ އަތޮޅު ފިހާރައިގެ މަތީބުރީގައެވެ. މެންދުރުފަސް ޚާއްޞަކޮށްފައި އޮންނަނީ، ޓީޗިންގ އެއިޑްސް ބޭނުންކޮށްގެން ކުލާހުގައި ހުނަރު ޕްރެކްޓިސްކޮށް ތަޖުރިބާ ކުރުމަށެވެ. ފުރަތަމަ އެ މަސައްކަތް ފެށްޓެވީ، ދިވެހި މީޑިއަމަށް ކިޔަވައިދޭގޮތަށެވެ. މާލޭގެ ސްކޫލްތަކުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެމުން ގެންދާތީ، މި ދެންނެވި ޓީޗަރުންނަށް އެ ސްކޫލްތަކުގައި ޕްރެކްޓިސް ދެވެން ނެތުމާއެކުގައި، މާލޭގައި އޭރު ސްކޫލަކަށް ނުދާ ވިއްސަކަށް ކުދިންގެ ކްލާހެއް ހައްދަވައިގެން އަތޮޅުތަކުން ގެނެވުނު މީހުންނަށް، އަމީނިއްޔާ ސުކޫލުގައި ކޮންމެ ދުވަހަކު ހަވީރުގެ ވަގުތުތަކުގައި ތަމްރީނުތައް ކުރިއަށް ގެންދެވިއެވެ.
ކަރިކިއުލަމްގެ މަސައްކަތްތައް އޭރު ފެށިފައި ވުމާއެކު، "ދިވެހި" މާއްދާ ކިޔަވައިދޭނެ ފޮތްތައް ލިޔުއްވުމުގެ މަސައްކަތް ޑރ. މުޞްޠަފާ ލުޠުފީ ކުރެއްވިއެވެ. އެ މަސައްކަތް ފެށްޓެވުމުގެ ކުރިން، ފޮތްތަކުގައި ކުރެހުންތައް ހިމަނަންޖެހޭތީ، މީހުންނަށް ކުރެހުންތަކާއި ނިޝާންތަކުގެ މާނަ އެނގޭތޯ ބެލުމަށް އޭރު ކުރެވުނު މަސައްކަތުގައި، ޑރ. މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ފަދަ ނިޝާންތައް އެނގެނީ ކިހާ މިންވަރަކަށްތޯ ބެއްލެވުމަށް ކުރެއްވި މަސައްކަތުގައި، ޤަބޫލުކުރައްވަން ދަތިފުޅުވި އެތައް ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލްތައް ބިނާކުރުމުގެ މަސައްކަތް، ސަރުކާރުން އޭރު ކުރައްވަމުން ގެންދެވިއެވެ. އެންމެ ފުރަތަމަ ބ. އަތޮޅު ކޮމިއުނިޓީ ސްކޫލު ހުޅުވިގެންދިޔަ އިރު، އެ ސްކޫލުގައި އެންމެ ފުރަތަމަ ފިލާވަޅު ނަންގަވައިދެއްވި ބޭފުޅެއްގެ ޝަރަފު ލިބިވަޑައިގަތީ، ޑރ. މުޞްޠަފާ ލުޠުފީއަށެވެ. އޭގެފަހުން ދެވަނަ ސްކޫލް ހުޅުވުނީ، ހދ. ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގައި ހުރި ކޮމިއުނިޓީ ސްކޫލްގައި ޑރ. މުޞްޠަފާ ޚިދުމަތްކުރައްވަން ފަށްޓަވައި، ކިޔެވުމަށް ޝައުޤުވެރިކަން ހުރި ކުދީން ކުޅުދުއްފުށިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ހޯއްދަވައިގެން، އެ ކުދީންނަށް ކިޔަވައިދެއްވިއެވެ. ޑރ. މުޞްޠަފާ ލުޠުފީ ކިޔަވައިދެއްވި ބައެއް ކުދީން، ރަށްރަށުގެ ޒިންމާދާރު މަޤާމުތައް މިއަދު އަދާކުރައްވަމުން ގެންދަވާކަމީ، މުޞްޠަފާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ.
ހދ. ކުޅުދުއްފުށީގައި ހުރި ކޮމިއުނިޓީ ސްކޫލްގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ ޚިދުމަތް ކުރެއްވި އިރު، އުނގަންނައިދެއްވުމުގެ އިތުރަށް، ކުޅިވަރާއި ކަސްރަތާއި، މަސައްކަތްތެރިކަން ހިމަނުއްވައިގެން، ވަށާޖެހޭ ތަޢުލީމެއް ދެއްވުމަށް މަސައްކަތްޕުޅުކުރެއްވިއެވެ. އަދި ސްކޫލުގެ ގޯތިތެރޭގައި ކުދިންނަށް ހިތްހަމަޖެހޭފަދަ މާޙައުލެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. ސްކޫލްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، އެކި ޢުމުރުފުރައިގެ މީހުންނަށް ޚާއްޞަކުރައްވައިގެން ކުލާސްތަކެއް ހިންގެވިއެވެ. މި ކަން އޭރު މުޞްޠަފާ ކުރެއްވީ، ކޮމިއުނިޓީ ސްކޫލުގައި ހެޑްމާސްޓަރެއްގެ ގޮތުގައި އެ ސްކޫލް ހިންގަވަމުން، ކޮމިއުނިޓީ ކުލަބެއް އުފައްދަވައިގެން، އަދި ކުލަބުގެ ރައީސަކަށް ހުންނަވައިގެންނެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މި ކޮމިއުނިޓީ ކުލަބުގެ ގޮފިތައް އުފައްދަވައިގެން، ބޮޑެތި މީހުންނަށް ކިޔަވައިދެއްވުމަށް ޚާއްޞަ ކުލާސްތަކެއް ފެށްޓެވިއެވެ.
އެ ދުވަސްވަރަކީ، ރާއްޖޭގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ވެސް ނުލިބޭ ދުވަސްވަރަކަށްވުމާ އެކު، އޭރު ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ގިރާކުރައްވައި، ރޭގަނޑު ފާނޫޒާއި ބިގަރުގެ އަލީގައި ވެސް ކުލާސްތައް ކުރިއަށް ގެންދެވިއެވެ. އޭރު ފާނޫޒަށާއި ބިގަރަށް ތެޔޮއަޅައިދެނީ، ކިޔަވަން އަންނަ މީހުން، އެ މީހުންގެ އަމިއްލަ ޚަރަދުގައިކަން ޑރ. މުޞްޠަފާ ފާހަގަކުރައްވައެވެ. އޭރު ކޮމިއުނިޓީ ސްކޫލު ހިންގެވުމުގައި ބެލެނިވެރިންނާ ވަރަށްގާތް ގުޅުމެއް ބާއްވަވައި، އޭގެ ނަތީޖާއެއްގެ ގޮތުން މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ނުވަތަ ޕީޓީއޭ ފުރަތަމަފަހަރަށް އުފެދިގެންދިޔަކަން ޑރ. މުޞްޠަފާ ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައެވެ. އަދި އޭރު ކޮމިއުނިޓީ ސްކޫލުގެ ކަންކަމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުން އެއީ، މިއަދު ވެސް ޝުކުރުވެރިކަމާ އެކު ފާހަގަކުރަންޖެހޭ ކަމެއް ކަމަށް މުޞްޠަފާ ދެކެވަޑައިގަންނަވައެވެ.
ޑރ. މުޞްޠަފާ ލުޠުފީއަކީ، ބ. އަތޮޅު އޭދަފުށީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ހދ. އަތޮޅު ކުޅުދުއްފުށީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ރ. އަތޮޅު މީދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ޅ. އަތޮޅު ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ވެސް ހެޑްމާސްޓަރެއްގެ ގޮތުގައި ކުދީންނަށް ކިޔަވައިދެއްވައި، ޓީޗަރުންނަށް ލަފަޔާއި އިރުޝާދު ދެއްވައި، ސްކޫލް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލްތައް އުފެދި، އެ ސްކޫލްތަކުގެ ޚިދުމަތްތައް ފުޅާވެ، ފަހުން ކޮމިއުނިޓީ ސްކޫލްތައް، އަތޮޅު ތަޢުލީމީ މަރުކަޒުތަކަށް ބަދަލުވެގެންދިޔަ އިރު، އެކަމުގައި ޑރ. މުޞްޠަފާ ލުޠުފީ އަދާކުރައްވައިފައިވާ ދައުރަކީ، ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހޭ ދައުރެކެވެ.
ރާއްޖޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށުމާއެކު، އެ މަޝްރޫޢުގައި ކިޔަވައިދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރެއްވުމުގެ މުހިންމުކަން އޭރު ބޮޑުކަމުން، އެ މަސައްކަތް ވެސް ޑރ. މުޞްޠަފާ ލުޠުފީ އޭރު ކުރައްވަމުން ގެންދެވިއެވެ.
ރާއްޖޭގެ ތަޢުލީމު، ރާއްޖޭގެ އަތޮޅުތަކުގެ އެކި ރަށްރަށަށް ފުޅާކުރައްވައި، ބެލެނިވެރިންނާއި ކުދީންގެ ހިތްތަކުގައި ތަޢުލީމަށް އޮތް ޝައުޤުވެރިކަމާއި ލޯބި އިތުރުކުރެއްވުމަށް ޢަމަލީގޮތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ހިފެހެއްޓުމެއް ނެތް ޝުކުރު ޙައްޤު މަސައްކަތްޕުޅުތަކެކެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވަން ފަށްޓަވައި، އެ މަސައްކަތް ކުރިއަށް ގެންދެވިއިރު، އަދި ފަހުން އަތޮޅުތަކުގެ ކޮމިއުނިޓީ ސްކޫލްތައް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވިއިރު، އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އިރުޝާދާއި، ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ޑރ. މުޞްޠަފާ ލުޠުފީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައެވެ. އަދި ތަޢުލީމީ ދާއިރާއަށް ކޮށްދެއްވުނު މަސައްކަތްޕުޅުތަކުގައި، އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި އެއް ބޭފުޅަކީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންކަމާއި، އެ މަނިކުފާނުގެ ޢިލްމީ ތަޖުރިބާއާއި ޤާބިލުކަމުން ގިނަ ފިލާވަޅުތަކެއް ދަސްފުޅުވިކަން ޑރ. މުޞްޠަފާ ފާހަގަކުރައްވައެވެ.
ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ތަޢުލީމީ ޙާލަތާއި، ތަޢުލީމީ ގޮތުން ސްކޫލް މަދަރުސާތައް ކުރިއަރައިފައިވާ މިންވަރު ދެނެގަނެ، ދިރާސާތައް ކުރެއްވުމުގެ މަސައްކަތްތައް، އިސް ބޭފުޅެއްގެ ގޮތުގައި ޑރ. މުޞްޠަފާ ލުޠުފީ ހުންނަވައިގެން ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، ސްކޫލްތައް ސުޕަވައިޒް ކުރުމުގެ ނިޒާމު ޤާއިމުކުރައްވައި، ސްކޫލްތަކުގެ ތަޢުލީމީ ފެންވަރު މަތިކުރައްވައި، ފެންވަރު ހިފެހެއްޓެވުމަށް އެ މަނިކުފާނު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރެއްވުމުގެ މަސައްކަތް ޑރ. މުޞްޠަފާ ލުޠުފީ ކުރައްވަމުން ގެންދެވި އިރު، ސުޕަވިޜަން ކޯހެއް ފަރުމާކުރައްވައި، ސްކޫލްތަކަށް ސުޕަވައިޒަރުން ތަމްރީނުކޮށްދެއްވިއެވެ.
ޑރ. މުޞްޠަފާ ލުޠުފީއަކީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގައްޔާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި ސަރުކާރުން، ޚަޠީބުން ތަމްރީނުކުރުމުގެ ކޯސްތައް ހިންގެވި އިރު، އެ ކޯހުގައި މެނޭޖްމަންޓްގެ ބައި، ޑރ. މުޞްޠަފާ ލުޠުފީ ނަންގަވައި ދެއްވައިފައި ވެއެވެ.
ޑރ. މުޞްޠަފާ ލުޠުފީ، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައި ވަނީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ހެޑްމާސްޓަރުގެ މަޤާމުގެ އިތުރުން، ތަޢުލީމީ ދާއިރާގައި އެ މަނިކުފާނު ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި، ޖަމާލުއްދީން ޕްރައިމަރީ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާކަމާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމާއި، ޑިރެކްޓަރުކަމާއި، ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމާއި، ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމު ހިމެނެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޚިދުމަތްކުރެއްވި އިރު، އެ މިނިސްޓްރީން ކުރަމުން ގެންދިޔަ ބައެއް މަސައްކަތްތައް ކުރުމުގައި މެދުވެރިވާ ބައެއް މައްސަލަތަކުގައި، މިނިސްޓްރީގެ ދާއިރާގައި ތިއްބެވި ލަޔާޤަތްތެރި ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް އޭރު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލްމަރްޙޫމު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) އެކުލަވައިލެއްވި "ތަޢުލީމާބެހޭ މަޝްވަރާ ކޮމިޓީ" ގައި ޑރ. މުޞްޠަފާ ލުޠުފީ ހިމެނުއްވިއެވެ. ޑރ. މުޞްޠަފާ ލުޠުފީ، މުދައްރިސުންގެ ތަޢުލީމީ މަރުކަޒު ހިންގަވަމުން ގެންދެވި އިރު، އެ މަރުކަޒުގެ ކަންކަން އަލްމަރްޙޫމު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވަރަށް ގާތުން ބައްލަވައި، ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދެވިކަން ވެސް ޑރ. މުޞްޠަފާ ފާހަގަކުރައްވައެވެ.
މީގެއިތުރުން، އޭރު ކޮންމެ ދިހަ އަހަރަކުން އެއް އަހަރު އެކުލަވައިލާ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގެ މަސައްކަތް، 1995ވަނަ އަހަރު ފެށްޓެވި އިރު، ކުރީގެ މާސްޓަރ ޕްލޭން ރިވިއުކުރައްވައި، އާ މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި އެއްކުރައްވަން ޖެހޭ ތަފާސްހިސާބުތައް އެއްކުރައްވައި، އެ މަސައްކަތް ކުރިއަށް ގެންދެވުމަށް އެކުލަވައިލެއްވި ފަންނީ ކޮމިޓީގެ އެންމެ އިސް އެއް ބޭފުޅެއްގެ ގޮތުގައި ޑރ. މުޞްޠަފާ ލުޠުފީ މަސައްކަތްޕުޅުކުރައްވައިފައިވެއެވެ. ޑރ. މުޞްޠަފާ ލުޠުފީ މި ކަމުގައި އަދާކުރެއްވި ދައުރާއި، ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުޙައްމަދު ލަޠީފު އެ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައިފައިވާކަން އެއީ ވެސް ޑރ. މުޞްޠަފާއަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެކެވެ. އަދި އެ މަނިކުފާނުގެ އަރިހުންވެސް ގިނަގުނަ ފިލާވަޅުތަކެއް ލިބިވަޑައިގެން، އެކި ތަޖުރިބާތައް ޙާޞިލުކުރެއްވުނުކަން ޑރ. މުޞްޠަފާ ފާހަގަކުރައްވައެވެ. އަދި ޑރ. މަޙްމޫދު ޝައުޤީ އެޑިޔުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި އިރު، ސެކަންޑަރީ ގްރޭޑްތަކުގެ ފޮތްތަކުގައި ވީހައި ވެސް ބޮޑަކަށް ދިވެހި ކޮންޓެންޓް ހިމެނުއްވުމަށް ކުރެވުނު މަސައްކަތުގައި، އެ މަނިކުފާނުގެ އަރިހުން ވެސް ގިނަގުނަ އިރުޝާދުތަކެއް ލިބިވަޑައިގެންނެވިކަން ޑރ. މުޞްޠަފާ ފާހަގަކުރައްވައެވެ.
ޑރ. މުޞްޠަފާ ލުޠުފީއަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ކެބިނެޓުގައި 2004 ސެޕްޓެންބަރު 15ވަނަ ދުވަހު ހިމެނިވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިޔުމުގައި އޭރު ހުރި ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެ ދަތިތައް ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. 2004ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ޓަކައި ދާއިރާގެ އިސް ބޭފުޅުންނާ އެކީގައި ޑރ. މުޞްޠަފާ ލުޠުފީ ކުރެއްވި މަސައްކަތްޕުޅުތައް ވެސް ހަނދާންކޮށްލަން ޖެހެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ މާކެޓް ފުޅާކުރައްވައި، އޭރު ރާއްޖެއަށް ޓޫރިސްޓުން ނާންނަ އެހެން ޤައުމުތަކުން ޓޫރިސްޓުން ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން، ސުނާމީ ކާރިސާގެ ކުރިން އޮތް ފެންވަރަށް ރާއްޖޭގެ ޓޫރިޒަމް އިޢާދަވެގެންދިޔަކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ޑރ. މުޞްޠަފާ ލުޠުފީއަކީ، ފުވައްމުލަކު އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ. ފުވައްމުލަކު އަތޮޅުވެރިކަމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވީ، 1993 ސެޕްޓެންބަރު 9ވަނަ ދުވަހުއެވެ.
ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނުގެ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރަކަށް އިސްކުރެއްވީ ޑރ. މުޞްޠަފާ ލުޠުފީއެވެ. ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ސްކޫލު މަންހަޖު ރިވައިޒްކުރެއްވުމާއި، ހުރިހާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކޮށް، ވަށާޖެހޭ ތަޢުލީމެއް ދިނުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައިގެން، ޑރ. މުޞްޠަފާ ލުޠުފީ މަސައްކަތްޕުޅު ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ މަޤާމު ވެސް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ފުރުއްވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމު ޑރ. މުޞްޠަފާ ލުޠުފީ ވަނީ އަދާކުރައްވައިފައެވެ. އެ މަޤާމުގައި 2018 ނޮވެންބަރު 27ވަނަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 17ވަނަ ދުވަހާ ހަމައަށް ހުންނެވިއެވެ. އެންމެފަހުން ޑރ. މުޞްޠަފާ ލުޠުފީ ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައްޔާއި، މިހާރު ތިބި މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި، އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ކަމާ ބެހޭ ތަޖުރިބާކާރު ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައްވައިގެން، އަދި އެކަމުގައި އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ދިރާސާ ރިޕޯޓެއް އެކުލަވައިލެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅެވެ.
ލިޔުންތެރިކަން
[އުނިއިތުރު ގެންނަވާ]ޑރ. މުޞްޠަފާ ލުޠުފީ ލިޔުއްވި ފޮތްތަކުގެ ތެރޭގައި، "ޝާމް 2030" މި ފޮތާއި، "ސަރިޔަތް" މި ފޮތާއި، "ކެމްޕޭން" މި ފޮތާއި، "ސަންފައާއި މޫސަ" މި ފޮތާއި، "ކުޅި ހުވަފެން" މި ފޮތް ހިމެނެއެވެ. އަދި ވާހަކަ ލިޔުމުގެ ފަންނާ ގުޅޭގޮތުން ވެސް އެ މަނިކުފާނު ވަނީ 2014ވަނަ އަހަރު ފޮތެއް ލިޔުއްވައިފައެވެ.
ތަޢުލީމީ ދާއިރާއިން ލިޔުއްވި ފޮތްތަކުގެ ތެރޭގައި، ސެކަންޑަރީ ސްކޫލްތަކަށް ދިވެހި ކިޔަވައިދިނުމަށް ޚާއްޞަ ކުރައްވައިގެން، އެކުލަވައިލެއްވި "އުޖާލާ ދިވެހި" މި ފޮތާއި، ޕްރައިމަރީ ސްކޫލްތަކަށް ދިވެހި ކިޔަވައިދިނުމަށް ޚާއްޞަ ކުރައްވައިގެން، އެކުލަވައިލެއްވި "ދިވެހި ލިޔުންތެރިކަމަށް މަގެއް" މި ފޮތާއި، ގްރޭޑް 3 ގެ ކުދީންނަށް ޚާއްޞަކުރައްވައިގެން، ލިޔުއްވި ޕްރެކްޓިކަލް އާޓްސް ޓީޗަރސް ގައިޑް ފޮތް ހިމެނެއެވެ. މީގެއިތުރުން، ރެފަރެންސް ފޮތުގެ ގޮތުގައި އެކުލަވައިލެއްވި "ދިވެހިރާއްޖޭގެ ސްކޫލް މަންހަޖާއި ތަޢުލީމު" މި ފޮތަކީ ވެސް އެ މަނިކުފާނުގެ މުހިންމު މަސައްކަތްޕުޅެކެވެ.
އިނާމުތައް
[އުނިއިތުރު ގެންނަވާ]ޑރ. މުޞްޠަފާ ލުޠުފީ ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާތީ، 2004ވަނަ އަހަރު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން ޑރ. މުޞްޠަފާ ލުޠުފީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި އަދި އެނޫން އެހެން ރޮނގުތަކުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ދިވެހި ސަރުކާރުން 2023ވަނަ އަހަރު ދިވެހި ދައުލަތުގެ ޢިއްޒަތް (ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް) އަރުވައިފައިވެއެވެ.