މުށި މަސް

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
މުށި މަސް

މުށި މަސް(ސައިންޓިފިކް ނަން: Selar crumenophthalmus)ނުވަތަ (އިނގިރޭސި ބަހުން: Bigeye scad)އަކީ ރާއްޖޭގެ މަސްވެރިކަމުގެ މާހައުލުގައި ވަރަށް މުހިއްމު ބައެއް ކުޅޭ މަހެކެވެ. މިއީ ރާއްޖެއާއި އަދި މިސަރަހައްދުގެ ކަރަތަކުގައި ވަރަށް ގިނަ އަދަދަކަށް އުޅޭ ބާވަތެކެވެ. ކަނޑުމަހުގެ މަސްވެރިކަން ދެރަދުވަސްވަރު ފަޅުފަޅަށް މުށިމަސް ވަދެ ތިބޭނަމަ ގިނަ އަދަދެއްގެ ބަޔަކު މިމަހުގެ މަސްވެރިކަން ކޮށްއުޅެއެވެ. އަދި މިނޫނަސް ރާއްޖޭގެ ޒުވާން މަސްވެރިން މުށިމަސް ބާނަން ދިއުމަކީ އުފަލަކަށް ވެފައި އޮންނަ ކަމެކެވެ. މިއީ މީރު މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓި މީޓަރަށެވެ.

މުށި މަހަކީ ފަތިކޮށް ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ކަންފަތްގަނޑު ބޮލަށްވުރެ ކުރެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރު ކައްޓާއެކު 24 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 21 އާއި 23 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ރިހި ވިދުން ކުލައަރާ ނޫކުލައެކެވެ. އަދި ބަނޑުދަށް ފަރާތާއި އަރިމަތީގެ ކުލައަކީ ރިހި ހުދުކުލަ އެކެވެ. މަހުގެ ތުންކޮޅު ހުންނަނީ އަޅިކުލައެއްގައެވެ. އަދި މަހުގެ ކަރުތާފަތްގަނޑު މަތީބައިގެ ކޮޅުގައި ކަޅުލަފެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މަހުގެ އާންމު ކާނާއަކީ ފަނިފަކުސައާއި ކަކުނި ފާނޑުގެ ސޫތްޕާއި ކުދި މަހެވެ.