މާ ބޮއްމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
މާބޮއްމަސް

މާބޮއްމަސް(ސައިންޓިފިކް ނަން: Antennarius commersonii)ނުވަތަ (އިނގިރޭސި ބަހުން: Giant anglerfish) އަކީ ބޮއްމަހުގެ އާއިލާގެ މަސްތަކުގެ ތެރެއިން ވަރަށް ބިޔަވާ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 38 ސމ އަށެވެ. މިއީ އެތެރެވަރީގެ ކަނޑުތަކާއި ފަރުތަކުގެ ބޭރުގައި 100 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި އަޑީގައި އުޅޭ ބަރުހެލި މަހެކެވެ. މިބާވަތުގެ މަހަށް ރާއްޖޭގައި ވަކި ޚާއްޞަ ނަމެއްކިޔާ ނޫޅޭތީ މަހުގެ ސިފަޔަށާއި އިގިރޭސި ނަމަށް ވިސްނާ މާބޮއްމަސް ކިޔާ ނަންދީފައިވަނީ އެވެ.މިއީ އާދަޔާ ޚިލާފަށް މޮޅަށް އެސޮރު އުޅެމުންދާ މާހައުލާ އެއްގޮތަށް މަހުގެ ކުލަ ބަދަލުކުރާ މަހެއްކަމުން އަޑިއަށް ފީނާއުޅޭ މީހުންނަށް ވެސް މިބާވަތުގެ މަސް އަޑީގައި އުޅެނިކޮށް ދެނެގަތުމަކީ އުދަގޫ ކަމެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ފުރަތަމަ ކަށި އެހެނިހެން މަސްމަހާ ޚިލާފަށް ވަދެއްގެ ގޮތަށް އުފެދިފައި ހުރެއެވެ. މިވަދުން އެހެން ކުދި މަސްމަހާމެހި އޭގެ ކައިރިއަށް ގެނުވާފަދަ ކުދި ލުއްކިތަކެއް ޖަހާ މަސް ގާތްވުމުން މަހުގެ މައްޗަށް ވާގޮތަށް ހުންނަ ބޮޑު އަނގައިން ކާނާއެކުގައި ޝިކާރަކޮށްލައެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ހުންނަ 3 ހަރުކަށި ހުރެއެވެ. އަދި މިކަށިތަކަށް ހުންނަނީ ހަންއަރާ ފޮރުވިފައެވެ. މަހުގެ ލޯ ކުޑަވާނެއެވެ. އަދި ލޯ ހުންނަނީ ބޮލުގެ މަތީބައިގައެވެ. އަނގަ ހުންނަނީ މައްޗަށް އުފުލިފައެވެ.