މާގުރުވަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މާގުރުވަ އަކީ ކަނޑުގުރުވަ އާއިލާގެ މަހެކެވެ. މިއީ ރާއްޖެއިން ފެންނަ ކަނޑުގުރުވައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ބިޔަވާ ބާވަތެވެ. މިއީ ދިވެހި މަސްވެރިކަމުގައި އާންމުކޮށް ބޭނޭ ބާވަތެއް ނޫނެވެ. އަދި މޫދަށްއެރި ފީނާއުޅޭ މީހުންނަށް ވެސް މިބާވަތް ފެންނަލެން މަދެވެ. މިއީ މަސްކެއުމަށް ރަގަޅު ހަރު ހަންގަނޑެއް އެކުލެވޭ މަހެކެވެ. މިމަހަށް ކިޔާ ވަކި ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ އާންމު ސިފަޔަށް ވިސްނާ މާގުރުވަ ކިޔާފައިވަނީ އެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 13 ހަރުކައްޓާއެކު 18 ނުވަތަ 19 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 މަޑުކަށި ހުރެއެވެ. ކަންފަތްގަނޑުގައި 17 މަޑުކަށި ހުރެއެވެ. މަހުގެ ތުންފަތް ހުންނަނީ ވަރަށް ބޯކޮށެވެ. މަހުގެ ކުލައަކީ ގަދަ އަޅިކުލައެވެ. މަހުގައި ކަޅުކުލައިގެ ލައްތަކަކާއި އެކި ގޮތްގޮތަށް ދެމިފައި ހުންނަ ކުރު ރޮނގުބުރިތަކެއް ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ ފަހަތުގައި މަހުގެ ހުރަހަށް ވަރަށް ފުޅާ ބޭންޑެއްގެ ސިފައިގައި ފަނޑު ރޮނގެއް ބަނޑާއި ހަމައަށް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅު ކުލައިގައެވެ. އެހެނިހެން ކޮތަރިތަކުން ބޮޑުބައެއް ވެސް ހުންނަނީ ކަޅުކުލައިގައެވެ. މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ.