މާގިނި މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
މާގިނިމަސް

މާގިނިމަސް (ސައިންޓިފިކް ނަން: Lutjanus sebae)ނުވަތަ (އިނގިރޭސި ބަހުން: Emperor red snapper) އަކީ ރާއްޖޭގެ ފަރުފަޅުން ވަރަށް މަދުން ބޭނޭ މަހެކެވެ. މިހާތަނަށް މެރިން ރިސާރޗް ސެކްޝަނަށް ރިކޯޑް ކުރެވިފައިވަނީ މިބާވަތުގެ އެންމެ މަހެކެވެ. މިއީ ފަތި އެހެނަސް ފުޅާ ހަށިގަނޑެއް ލިބިފައިވާ މަހެކެވެ. މަހުގެ އާންމު ބައްޓަން ހުންނަނީ ގިނި މަހާއި ވަރަށް އެއްގޮތަށެވެ. ނަމަވެސް ނިގޫފަތާއި މަހުގައި ހުންނަ ފުޅާ ރޮނގުތަކާއި ހުޅުބު ހުންނަ ގޮތް ގިނަ މަހާއި މުޅިން ތަފާތެވެ. މިއީ 1 މީޓަރަށް ބޮޑުވާ މަހެކެވެ. ކެއުމަށް ރަގަޅު މަހެކެވެ.

މަހުގެ ބުރަކަށި މަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 11 ކައްޓާއި، 16 މަޑުކަށި ހުރެއެވެ. މަހުގެ ބަނޑުދަށް ފަރާތުގައި ހަރުކޮށް ހުންނަ 3 ކައްޓާއެކު 11 މަޑުކަށި ހުރެއެވެ. މަހުގެ ކަންފަތުގައި 17 މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ރަތް ފިޔާތޮށި ކުލައެވެ، ޅަމަހުގައި ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ފުޅާކޮށް ހުންނަ 3 ރޮނގު ބޮލުގެ ހުރަހަށް ހުރެއެވެ. ދެވަނަ ރޮނގު މަހުގެ މެދެއްހާ ހިސާބުން ހުރަހަށް ހުރެއެވެ. އަދި 3 ވަނަ ރޮނގު މަތީ ކޮތަރި ބައިން ފެށިގެން އައިސް ނިގޫފަތުގެ ބަނޑުދޮށަށް ހުރެއެވެ.