މާކަޅުއޮށް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މާކަޅުއޮށް އަކީ ދިވެހިން ދަންނަ މަޝްހޫރު މަހެކެވެ. ރާއްޖޭގައި ކައިއުޅޭ މީރު މަހެކެވެ. މިމަސް އާންމުކޮށް އުޅެނީ އަޑީގައި ވެލިހުންނަ ތިލަފަޅު ތަކުގައި ކަމަށްވިޔަސް 100 މީޓަރުގެ ފުންމިނުން ވެސް މިބާވަތް ރެކޯޑްކުރެވިފައި ވެއެވެ. މިމަހަށް މާކަޅުއޮށް ކިޔާފައިވަނީ މިއީ ކަޅުއޮށުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބިޔަވާ ކަޅުއޮށްކަމަށްވާތީ އެވެ. މިމަސް އެންމެ ބޮޑުވަނީ 50 ސެންޓި މީޓަރަށެވެ. މިބާވަތުގެ ކަޅުއޮށް އެކަހެރިކޮށް، ޖޯޑްޖޯޑަށް އަދި ކުދިއައިން ހަދައިގެން ވެލިގަނޑު ހާވާ ދަތުރުކުރާތަން ފެނެއެވެ. މަހުގެ އާންމު ކާނާއަކީ މޫދު އަޑީގައި ވެލިގަނޑުގެ ތެރޭގައި ފޮރުވިފައި ތިބޭ ކަކުނި ފާނޑުގެ ސޫތްޕާއި ފަންޏެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 8 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއެކު 8 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު، 6 މަޑުކަށި ހުރެއެވެ. މަހުގެ ހަށިގަނޑު ހުންނަނީ ދިގުކޮށެވެ. މަހުގެ އަނގައިގެ ތިރީގައި ދެނަރުވާ ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ރަތް މުށި ކުލައެވެ. މިކުލަ އަރިމަތީން ފަނޑުވެ ބަނޑުދަށް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ތުނބުން ފެށިގެން ލޯ ހުރަސްކޮށް ބަނޑުދަށް ފަރާތު ކޮތަރިބައި ނިމޭ ހިސާބަށް މުށި ރަތްކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގައި ކަޅުކުލައިގެ ލަފެއް ހުރެއެވެ.