މާނިޔާ މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
މާނިޔާ މަސް

މާނިޔާ މަސް(ސައިންޓިފިކް ނަން: Elagatis bipinnulata)ނުވަތަ (އިނގިރޭސި ބަހުން: Rainbow runner)އަކީ ރާއްޖޭގެ މަސްވެރިކަމުގައި އެންމެ ގިނައިން ބޭނޭ ފަރުމަހުގެ ބާވަތެކެވެ. މިއީ މާކަނޑުގައްޔާއި، އެތެރެވަރީގެ ފަރުފަރުގެ ބޭރުގައި ގަނޑުގަނޑަށް އައިން ހަދައިގެން އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 1.2 މީޓަރަށެވެ. ދިރޭ އެންއުކައިގެން ދޮށީގައި ވަރަށް ފަސޭހައިން މިމަސް ބޭނެއެވެ. އޮއިވާލީގައި ވެސް ވަރަށް ގިނައިން މާނިޔާ މަސް އައިންއައިނަށާއި، ގަނޑުގަނޑަށް އަޅާފައި ހުރެއެވެ.

މާނިޔާ މަހަކީ ދިގުކޮށް ހުންނަ ކަނޑުގެ ތެރޭގައި ވަރަށް ބާރަށް ދަތުރުކުރާ މަހެކެވެ. މަހުގެ ކަރުތާފަތްގަނޑުގެ ތިރިން ބަނޑުދަށްފަރާތުގައި ހުންނަ ކޮތަރިގަނޑު މަހުގެ ކަންފަތާ އެއްވަރު ނުވަތަ އެއަށްވުރެ ކުޑަ ތަންކޮޅެއް ކުރުވާނެއެވެ. މަހުގެ ނިގޫކޮޅުގެ މަތީބަޔާއި ތިރީބައިގައި މަޑުކަށީގެ ކުޑަކުޑަ ކޮތަރިބައެއް މައި ކޮތަރިބަޔާ ވަކިން ހުރެއެެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 6 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލަ އެވެ. އަދި ބަނޑުދަށްފަރާތުގެ ކުލައަކީ މަޑު ފިޔާތޮށި ކުލައެވެ. މަހުގެ އަރިމަތީގައި ގަދަ ރީނދޫކުލައިގެ ފުޅާ ތިންރޮނގު ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. މެދު ރޮނގު މަހުގެ ތުނބުން ފެށިގެން ލޯ ހުރަސްކޮށް ނިގޫކޮޅަށް ދެމިފައި ހުރެއެވެ. މަހުގެ އާންމު ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި، ކުދިމަހެވެ.