މަޑު މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
މަޑު މިޔަރު

މަޑު މިޔަރު (އިނގިރޭސި ބަހުން: Hexanchus griseus)ނުވަތަ (އިނގިރޭސި ބަހުން: Bluntnose sixgill shark) އަކީ ރާއްޖޭގެ މަސްވެރިން ދަންނަ މަޝްހޫރު މިޔަރެކެވެ. މިއީ އަތޮޅުން ބޭރުން އަޑިން ބާނާ މިޔަރެކެވެ. އާއްމުކޮށް އުޅެނީ 91 މީޓަރަށްވުރެ ފުނުގައެވެ. ނަމަވެސް 1875 މީޓަރު ފުނުގައި މަޑު މިޔަރު އުޅެދާނެއެވެ. މިބާވަތުގެ ޅަމިޔަރު އަތޮޅާއި ގާތުގައި އުޅެއެވެ. މިބާވަތުގެ މިޔަރުގެ މޭގަނޑުގެ ތެލަކީ ދިވެހިން އޮޑި ދޯނި ފަހަރަށް އެޅުމަށް ބޭނުންކުރާ އެއްޗެކެވެ. ވުމާއެކު މިއީ ދިވެހިން އޭގެ މައްޗަށް ޚާއްޞަ މަސްވެރިކަމެއް ކޮށްގެން އާދެ! މަޑު މިޔަރު ކެޔޮޅުކަން ކޮށްގެން ބާނާ ބާވަތެކެވެ.

މަޑު މިޔަރަކީ ބިޔަ ބަރުހެލި ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. މިޔަރުގެ ލޯ ކުޑައެވެ. ބޯ ފަތިވެފައި އަނގަމަތި ވަށްވާނެއެވެ. މިމިޔަރުގެ ބުރަކަށި މަތީގައި ހުންނާނީ އެންމެ އުރަހަ އެކެވެ. މިޔަރުގެ ތިރީ ހިރުގަނޑުގައި 6 ބަރިއަށް އެތުރިފައިވާ ދަތްތަކެއް ހުރެއެވެ. މިބުނި ދަތްތަކުގެ އެތެރެ ކައިރިފަށް ހުންނާނީ ރާޅުކޮށެވެ. މަޑު މިޔަރުގެ ކުލައަކީ ގަދަ އަޅި ކުލައެވެ. މިބާވަތުގެ މިޔަރު ގާތްގަނޑަކަށް 4.8 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. މަޑު މިޔަރު ވިހާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 22 އާއި 108 އާއި ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ. މަޑު މިޔަރުގެ ކާނާ އަކީ އެހެނިހެން މަސްމަހާ މެއްސާއި، މަޑިޔާއި މިޔަރެވެ.