މަސް މުގުރާން

ވިކިޕީޑިއާ އިންވިކިޕީޑިއާ
މަސް މުގުރާން

މަސް މުގުރާން(ސައިންޓިފިކް ނަން: Pterocaesio chrysozona)ނުވަތަ (އިނގިރޭސި ބަހުން: Gold Band fusilier) އަކީ ރާއްޖޭގެ ދޮށީގެ މަސްވެރިންގެ ތެރޭގަައި ވަރަށް މަޝްހޫރު އެމުގެ ބާވަތެކެވެ. ދިވެހި އެންވެރިކަމުގައި ވަރަށް ގިނައިން އެމަށް މިމަސް ހިފައެވެ. ގިނަ މަސްވެރިން ދެކޭގޮތުގައި މިއީ ކަނޑުމަސްވެރިކަމަށް ވަރަށް ރަގަޅު އެމެކެވެ. މަސް މުގުރާން އުޅެނީ އެހެނިހެން މުގުރާން ތެރޭގައި އައިން ހަދައިގެން ފަރުން ބޭރުގައެވެ.

މަހުގެ ކަންފަތްގަނޑުގެ ދިގުމިން ބޮލުގެ ދިގުމިނާ އެއްވަރެވެ. މަހުގެ ލޯ އެކަށީގެންވާ ވަރަށް ބޮޑެވެ. އަނގަ ކުޑައެވެ. މަހުގެ މަތީ ކޮތަރިބަޔާއި ބަނޑުދަށް ފަރާތު ކޮތަރިބައިގެ ބުޑުދޮށުގައި ހުޅުބު ފަޅާފައި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫކުލައެވެ. މަހުގެ އަރިމަތީގައި ރީނދޫ ކުލައިގެ ފުޅާ ބޭންޑެއް ނުވަތަ ފަށެއް ލޮލުން ފެށިގެން ނިގޫފަތުގެ ބުޑާއި ހަމައަށް ހުރެއެވެ. މަހުގެ ކޮތަރި ތަކުގެ ކުލައަކީ ރީނދޫ ކުލައެވެ. ނިގޫފަތް ވަރަށް ބޮޑަށް ކަފިވެފައި ހުރެއެވެ. އަދި ނިގޫފަތުގެ ދެކޮޅު ހުންނަނީ ކަޅުކުލައިގައެވެ.