Jump to content

މަގޫދަނޑި ސަރުކާރުގެ ނަންދޭންވީ ސަބަބެއް އެބައޮތްތޯއެވެ؟

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ނިކަމެތި އަޅާ މިލިޔުން ލިޔާކަމަށް ވަނީ ހަމަކަށަވަރުންވެސް ބަޔަކު ކުޅަކަމެއް ރަގަޅުކަމަކަށް ނުވަތަ ގޯސްކަމަކަށް ހެދުމުގެ ނިޔަތެއް އޮވެގެންނޫނެވެ. އަދި ބަޔަކު ކުރާ ނުވަތަ ކޮށްފައިވާ ފުރައްސާރަ އަކާއި މަލާމާތަކަށް ރައްދުދީ އެއިގެ ސައްހަކަމާ ދޭތެރޭ ބަހުސް ކުރުމުގެ އެދުމެއް އޮވެގެނެއްވެސް ނޫނެވެ. ނިކަމެތި އަޅާގެ އޮތީ އިޚުލާސްތެރި ނިޔަތެކެވެ. ވޭތުވެދިޔަ ތަނުގައި ހިގާފައިހުރި ބައެއް ކަންތައްތަކުގެ ތެރެއިން ކަރުދާހާ ހަމައަށް އައިސްފައިނުވާ އެކަމަކު ކަރުދާހަށް އަންނަންޖެހޭކަމަށް ނިކަމެތި އަޅާ ގަބޫލުކުރާ ކަންތައް ހާމަ ކުރުމަކީ އެނިޔަތެވެ.


މަގޫދަޑި ސަރުކާރުގެ ނަމުން މި ދިވެހިރާއްޖޭގައި މަޝްހޫރުވެގެން ވަނީ ދެކުނުގެ ތިން އަތޮޅުގައި މީގެ ޒަމާންތަކެއް ކުރިން ގާއިމް ކުޅަ ސަރުކާރެވެ. އެންމެ ދެކުނުގެ ތަބައީ ތިންއަތޮޅު ފިޔަވައި އެހެން އަތޮޅުތަކުގައި ދެކުނުގެ ސަރުކާރަށް ކިޔައި އުޅުނީ މަގޫދަޑި ސަރުކާރެވެ. މަގޫދަޑިއަކީ ވަކި ހަމައެއް ތަރުތީބެއް ނެތި ރަށްރަށުގެ ހޭޅި ފަށުގައި ހެދޭ ޒާތެއްގެ ގަހެކެވެ. މީހަކަށް އަދި ތަނަކަށް އެއްވެސް ގޮތަކުން ބޭނުމެއް އަދި ފައިދާއެއް ކުރާ އެއްޗަކަށް މަގޫ ގަހާއި އެގަހުގެ ފަތްތައް އެޒަމާނުގައި ނުވެއެވެ. މި ވައްތަރުގެ ގަހަށް ދެކުނުގެ ތިން އަތޮޅު ފިޔަވައި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ކިޔާ ނަމަކީ މަގޫގަހެވެ. އެންމެ ދެކުނުގެ އަޑުއަތޮޅުގެ ރަށްވެހީން މިގަހަށް ކިޔާ އުޅެނީ ގެރަގެސް މިހެންނެވެ.

މިޒަމާނުގެ ހޯދުން ތަކުން މަގޫ ގަހަކީ ރާއްޖޭގެ ނާޒުކް ތިމާވެށީގެ ހިމާޔަތުގައި ވަރަށްވެސް މުހިންމުކަން ބޮޑު ގަހެއްކަން ސާބިތުވިޔަސް އެދުވަސްވަރު މަގޫ ގަހަކީ ހުރިހާ މާނައެއްގައި ބޭކާރު ގަހެކެވެ. އެގަހުގެ ދަނޑި އާއި ފަތްވެސްމެއެވެ. ދެކުނުގެ ސަރުކާރަށް މަގޫދަނޑި ސަރުކާރުގެ ނަން ދިންކަމަށް ގަބޫލު ކުރެވެނީ އެއީ އެއްވެސް އުރަތްޕެއް ނެތް ނިކަމެތި ބަލިކަށި ބޭކާރު ސަރުކާރެއްކަން ހާމަކުރުމުގެ ގޮތުންނެވެ.

ނިކަމެތި އަޅާއަކީ އެ ސަރުކާރުދުށް މީހަކީމެއް ނޫނެވެ. ނިކަމެތި އަޅާ މިދުނިޔެއަށް އައީވެސް އެސަރުކާރު އުފެދި އަދި އުވިގެންދިޔަތާވެސް އެތަކެއް އަހަރު ފަހުންނެވެ. އެހެންކަމުން އެސަރުކާރު ދިފާއުކުރާ މީހުންގެ ތެރޭގައިވެސް އަދި ފާޑުކިޔާ މީހުންގެ ތެރޭގައިވެސް ނިކަމެތި އަޅާ ނުހިމެނޭ ހުށީމެވެ. ނިކަމެތި އަޅާ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް ނިސްބަތްވާ ދިވެއްސަކީމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ފުރިހަމައަށް ގަބޫލުކޮށްގެން ހުރި ކިޔަމަންތެރި ޚާދިމަކީމެވެ. އެހެންކަމުން ބަޔަކު ދިވެހިރާއްޖެ އަލުން ބައިބައިކޮށް އެކި ބޮޑުމިނުގެ ސަރުކާރުތައް ހަދަން ދިމާކުރާކަމަށްވެއްޖެނަމަ އެކަމަކަށް އެންމެ ފުރަތަމަ ދެކޮޅުހަދާ މީހުންގެ ތެރޭގައި ނިކަމެތިއަޅާ ހިމެނޭ ހުށިކަން ކަށަވަރެވެ.

ޔުނައިޓެޑް ސުވާދީބު ރިޕަބްލިކް (އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ) އިއުލާނު ކުރެވުނީ 3 ޖަނަވަރީ 1959 ގައެވެ. އުވިގެން ދިޔައީ ނުވަތަ އުވާލެވުނީ 23 ސެޕްޓެމްބަރު 1963 ގައެވެ. އުތުރުގެ އަހުލުވެރިން މިކިޔާ މަގޫދަޑި ސަރުކާރަކީ އެއީއެވެ.

ސުވާދީބު މިނަމަކީ ބޯދާ ޒަމާނުގައި އެންމެ ދެކުނުގެ ތަބައީ ތިން އަތޮޅަށް ކިޔައި އުޅުނު ނަމެކެވެ. މީލާދީ ސަނަތުން ސޯޅަވަނަ ސައްތައިން ފެށިގެން މި ތިން އަތޮޅުގެ ތެރެއިން އެންމެ ބިޔަ އަތޮޅުކަމަށްވާ ހުވަދުއަތޮޅަށް އެކަނި ނިސްބަތްކޮށްފައިވެސް ސުވައިދީބޭ ކިޔައި އުޅުނެވެ. އެހެންނަމަވެސް މިހާރު މި ނަމަކީ އާންމުކޮށް ބޭނުން ކުރެވޭ ނަމެއްނޫނެވެ.

ސުވާދީބު ސަރުކާރަކީ މި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕާސްޕޯޓެއް ތައާރަފު ކުރި ސަރުކާރެވެ. ޕީޕަލްސް ކައުންސިލް އޮފް އައްޑު އެޓޯލްގެ ފަރާތުން ސުވާދީބު ރައްޔިތުންނަށް 1959 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ދޫކުރަންފެށި ޕާސްޕޯޓަކީ އެއިރު ދިވެހިން ދަތުރުކޮށް އުޅުނު އޮޅުދޫކަރައިގެ މިނިވަން ސަރުކާރުން ފުރިހަމައަށް ގަބޫލުކޮށް އިހުތިރާމް ކުޅަ ޕާސްޕޯޓެކެވެ.

ދަންނައެވެ. ދިވެހީން 1947 ވަނައަހަރާ ހަމައަށް ސިލޯނަށް ވުރެ ދުރަށް ދަތުރުކުރާނަމަ ގެންގުޅެން ޖެހެނީ ސިލޯނުގައި ހުންނަވާ އިގިރޭސި ގަވަރުނަރު ދޫކުރައްވައި އިގިރޭސި ޕާސްޕޯޓެކެވެ. ސިލޯނާ ހަމައަށްދާން ޕާސްޕޯޓެއް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް 1947 އިން 1965 އާ ހަމައަށް ސިލޯނަށްދާ ދިވެހިންނަށް މާލޭގައި ޒާތެއްގެ ފާހެއް ދޫކުރިއެވެ. މިއީ ސިލޯނުގެ އިމިގްރޭޝަނުގެ ފަރާތުން ޗާޕުކޮށް މާލެފޮނުވައި އަދި އެންޓްރީ ވިސާވެސް މާލޭގައި ޖަހައިގެން ދޫކުރި ވަގުތީ ފާހެކެވެ. ސުވާދީބު ސަރުކާރުން ދެކުނުގެ ތިން އަތޮޅުގައި ތައާރަފު ކުރި ކަހަލަ ޒަމާނީ ޕާސްޕޯޓެއް މުޅި ދިވެހިރާއްޖެއަށް ތައާރަފު ކުރެވުނީ ސުވާދީބު ސަރުކާރުން ޕާސްޕޯޓެއް ހަދައި އޭގެ ތަޖުރިބާ ކުރިތާ ހަ އަހަރުފަހުން 1965 ވަނަ އަހަރުގައެވެ.

ސުވާދީބު ސަރުކާރުގެ ފަރާތުން ކޮށްފައިވާ ތާރީހީ އަނެއް ކަމަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭންކެއް އުފެއްދުމެވެ. ސައްތައިން ސައްތަ ސުވާދީބަށް ހިއްސާ އޮތް ޕީޕަލްސް ބޭންކް އޮފް އައްޑޫ އުފެއްދީ 1960 ވަނައަހަރު އައްޑު އަތޮޅު ހިތަދޫގައެވެ. އެބޭންކް އުފެއްދުމާ ގުޅިގެން ބޭންކަކުން ސަރުކާރަށާއި އާންމުންނަށް ލިބެންޖެހޭ ހުރިހާ ހިދުމަތެއްވެސް ތައާރަފު ކުރިއެވެ. އެދުވަސްވަރަށްވެސް އަދި މިދުވަސްވަރަށްވެސް އެބޭންކުގެ ލިޔެކިޔުންތައް ފުދެއެވެ. ޕާސް ބުކާއި ޗެކް ބުކްގެ ފެންވަރު ވަރަށްވެސް ފުރިހަމައެވެ.

ދަންނައެވެ. މާލޭގައި އެންމެ ފުރަތަމަ ބޭންކެއް ހުޅުވުނީ 1974 ވަނަ އަހަރުއެވެ. އެއީ ސައްތައިން ސައްތަ އިންޑިއާގެ ބޭންކެއްކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. ދިވެހީންނަށް ދެބައިކުޅަ އެއްބައި ހިއްސާއޮތް ބޭންކެއް މާލޭގައި އެންމެ ފުރަތަމަ ހުޅުވުނީ 1983 ގައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި މިބޭންކް ހުޅުވުނަސް ދާދިފަހަކާ ޖެހެންދެންވެސް މިބޭންކް ހިންގަމުން އައީ ބަންގާޅު މީހުންނެވެ. ސައްތައިން ސައްތަ ދިވެހި ބޭންކަކަށް އެބޭންކް ބަދަލުވީ 90 ގެ އަހަރުތަކުގެ ތެރޭގައެވެ.

ސުވާދީބުގައި ފުރިހަމަ ޑިމޮކްރެޓިކް ޕާލަމެންޓެއް އޮތެވެ. އޭގެ ސިފަ ހުރިހާގޮތަކުންވެސް އެއްގޮތް ވެގެންވަނީ ލަންޑަނުގައި އޮންނަ އިގިރޭސި ޕާލަމެންޓާއެވެ. ގޮނޑިތައް އެތުރިގެންވާ ގޮތާއި ބަހުސްތަކާއި އިންތިހާބު ކުރެވޭ ގޮތާއި އިމްތިޔާޒުތައް މުޅިން އެއްގޮތެވެ. އެ ޕާލަމެންޓަށް ދައުލަތުގެ ރިޔާސަތުގެ ފަރާތުން އައްޔަން ކުރައްވަނީ އެންމެ މެންބަރެކެވެ. އިންތިޚާބީ ދާއިރާތައް ނުވަތަ ކޮންސްޓިޓުއެންސީތަކުން ޕާލަމެންޓަށް އިންތިޚާބު ކުރެވޭ މެންބަރުންގެ އަދަދު ކަނޑަ އެޅެނީ އެ ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންގެ މަދުގިނަ މިނަށް ބަލައިގެން އެންމެހައި ރައްޔިތުން ހަމަހަމަ ގޮތެއްގައި ރެފްރެޒެންޓް ކުރެވޭނެ ހެންނެވެ. މިގޮތުން އަޑުއަތޮޅުގެ ސަރަހައްދީ ޕާލަމެންޓް ނުވަތަ އެސެމްބްލީއަށް މެންބަރުން އިންތިހާބު ކުރެވުނު ގޮތީ ހިތަދޫން 17، ފޭދޫން 10، ހުޅުދޫން 8، މީދޫން 7، މަރަދޫން 6، އަދި މަރަދޫ ފޭދޫން 3 އެވެ. މަޖިލީހުގެ ރައީސް ނުވަތަ ސްޕީކަރު އިންތިޚާބު ކުރެވެނީ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.

ދަންނައެވެ. އޭރުވެސް މާލޭގައި ޕާލަމެންޓެއް އޮތެވެ. އެކަމަކު މާލޭ ޕާލަމެންޓުގައި ޒަމާނީ އެއްވެސް ސިފައެއްނެތެވެ. އެ ޕާލަމެންޓުގައި އޮތް ނިޒާމަކީ ދެރަ މީހުންނަށް ތިރި ގޮނޑިއާއި މާތްމީހުންނަށް އުސް ގޮނޑި ހާއްސަވުމުގެ ނިޒާމެވެ. މިހާރުވެސް އާބާދީގެ ނިސްބަތުން ރައްޔިތުން ފުރިހަމަގޮތެއްގައި ރެފްރެޒެންޓް ކުރެވޭނެ ނިޒާމެއް ނެތެވެ. މާލޭގެ 70 ހާސް ރައްޔިތުން ރެފްރެޒެންޓް ކުރަން ދެ މެންބަރުން ތިބޭއިރު ވާވު އަތޮޅުގެ ދެތިން ހާހެއްހާ ރައްޔިތުން ރެފްރެޒެންޓް ކުރަން މިތިބެނީވެސް ހަމަ ދެ މެންބަރުންނެވެ. އާބާދީގެ ނިސްބަތުން މެންބަރުންގެ އަދަދު ކަނޑައަޅާނީތޯ ނުވަތަ ނޫންތޯ އޮތީ އަދި ކިރިޔާ ބަހުސްކުރުމުގެ މަރުހަލާގައެވެ. ދައުލަތުގެ ރިޔާސަތުގެ ފަރާތުން އައްޔަން ކުރައްވާ 8 މެންބަރުންގެ މައްސަލަ ބޮޑުވެ އެއީ ވަލު ދޮރާށިން ވެދެ ވަޑައިގަންނަވާ ބޭފުޅުންކަމުގެ ސިއްކަވެސް ވަނީ ޖެހިފައެވެ. އަދިވެސް މިތާގެ ޕާލަމެންޓުގެ ރައީސަކީ މެންބަރުންގެ ތެރެއިން އިންތިހާބު ކުރެވޭ ބޭފުޅެއްނޫނެވެ. ކިއެއްތަ އައްޔަން ކުރެވޭ ބޭފުޅެކެވެ.

ސުވާދީބު ސަރުކާރަކަށް ބޭނުންވާ ހުރިހާ އިންސްޓިޓިއުޝަންތަކެއް ހުއްޓެވެ. ވުޒާރާތަކައި ޕަބްލިކް ޔުޓިލިޓީޒްތައް ފުރިހަމައަށް ހުއްޓެވެ. އެކަންތައް ހުރިހާ ގޮތަކުންވެސް މާލެއަށްވުރެ ފުރިހަމަކަން ބޮޑު ވެގެންވެއެވެ. ސުވާދީބު ދައުލަތް އެކުލެވިގެންވަނީ ތިން އަތޮޅެއްގެ މައްޗަށް ކަމަށްވާއިރު އެ ދައުލަތް ހިގަމުން ދިޔައީ ފެޑެރަލް ނިޒާމަކަށެވެ. އެއީ ފެޑެރަލް ޑިމޮކްރެޓިކް، ޕްރެޒިޑެންޝަލް ނިޒާމެކެވެ. ކޮންމެ އަތޮޅަކަށްވެސް ވަކި ދިދައެއް ލިބިގެންވެއެވެ. އަދި މުޅި ދައުލަތަށް ވަކި ދިދައެއް ހަމަޖެހިގެންވެއެވެ. ކޮންމެ އަތޮޅެއްގައިވެސް ސަރަހައްދީ ޕާލަމެންޓެއްއޮތެވެ. އަދި މުޅި ސުވާދީބުގެ ފެޑެރަލް ޕާލަމެންޓެއްވެސްއޮތެވެ.

ދަންނައެވެ. މިހާރުވެސް މިފަދަ ޑިމޮކްރެޓިކް އަދި ލިބަރަލް ނިޒާމެއް ރާއްޖެއަކުނެތެވެ. މާލޭ ސަރުކާރުން އެއިރު އަމުރު މައުރޫފު ނެރުނީ ރަދުންގެ ނަންފުޅުގައި ބޮޑުވަޒީރުގެ އޮފީހުންނެވެ. އެއަށް ކިޔަނީ ވަޒީރުލް އައުޒަމްގެ އޮފީހެވެ. ސުވާދީބު ސަރުކާރުގެ އަމުރު މައުރޫފު ނެރުނީ ދަ ސެކްރެޓޭރިއަޓްގެ ނަމުގައި ރިޔާސީ މަރުކަޒުންނެވެ.

ސުވާދީބު ސަރުކާރު މިނިވަން ދައުލަތެއްގެ ގޮތުގައި އުފެދުނު އިރު ދިވެހިރާއްޖެ އަދި މިނިވަނެއްވެސް ނުވެއެވެ. ދިވެހިރާއްޖެ އޮތީ އިގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ. އެހެންކަމުން ސުވާދީބު ދައުލަތަކީ ދިވެހީންގެ ތެރޭގައި އުފެދުނު މިނިވަން ފުރަތަމަ ޖުމްހޫރިއްޔާއެވެ.

ދިވެހިރާއްޖެ މިނިވަންވެ ތިން އަހަރުވަންދެން ރަސްކަމެއް ހިގުމަށްފަހު ޖުމްހޫރިއްޔަތަކަށް ބަދަލުވާން ހިޔާލުތައް އެބުރިގަތުމުގެ މައިގަނޑު ސިއްރަކީވެސް ޖުމްހޫރިއްޔަތެއްގެ ގޮތުގައި ސުވާދީބު ދައުލަތަށް ނިސްބަތްވި ދެކުނުގެ އަތޮޅުތަކުން ކުރި ފާގަތި ތަޖުރިބާތަކެވެ.

ނިކަމެތިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި މާލެއައުމުގެކުރިން ސުވާދީބު ދައުލަތުގެ ނަން މީހަކު ކިޔާތީ އަޑެއް ނާހަމެވެ. ވަކިވެގަތް ވާހަކައެއްވެސް ނާހަމެވެ. އެކަމަކު މާލެ ފޭބުމާއެކު މަގޫދަޑި ސަރުކާރެއްގެ ވާހަކައާއި ނަމުން މީސްތަކުން ފޮށެން ފަށައިފިއެވެ. އޭގެ ސިއްރަކީ ނިކަމެތި އަޅާ އުފަންވެފައި ވަނީ އައްޑު އަތޮޅުގައި ކަމަށްވުމެވެ. މަގޫދަނޑި ސަރުކާރަކީ ކޮންއެއްޗެއްކަން އޮޅުން ފިލުވުމުގެ ޝައުގުވެރިކަން އުފެދުނީ އެ ހިސާބުންނެވެ.

މިހާރު ޒަމާން މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މަގޫގަސްވެސް މިއޮތީ މުހިންމު އެއްޗަކަށް ވެފައެވެ. ހޭޅިފަށް ގިރުމާއި ވޮޑުމުން ސަލާމަތްކޮށްދޭ އެއްޗަކަށް މަގޫގަސް ވާއިރު މަސްރަހުގައިވެސް މި މަންޒަރު ދަނީ މިގޮތަށް ސިފަވަމުންނެވެ. އާއެކެވެ. ރާއްޖޭގައި ކޮންމެބަޔަކު ކޮންމެ ނަމެއްގައި ސިޔާސީ ޕާޓީއެއް އުފެއްދިއަސް ތާއީދު ހޯދުމާއި ސޮއި އަތުލުމަށްޓަކައި އެންމެ އަވަހަށް އެބުރޭކަމަށް މިވަނީ މަގޫދަޑި ސަރުކާރަށް ނިސްބަތްވި އަތޮޅުތަކާ ދިމާއަށެވެ.

ނިންމާލުމުގެ ކުރިން ނިކަމެތި އަޅާގެ ވަސިއްޔަތެއް އެބައޮތެވެ. މި ލިޔުންކޮޅު ވިދާޅުވެ ދެއްވާފައި މަގޫދަޑި ސަރުކާރެއް އޮތީ ކޮން ކޮޅެއްގައިކަން ތިޔަބޭފުޅުން އިންސާފު ކޮށްދެއްވާށެވެ.