މަލިކު
Minicoy
Maliku | |
---|---|
island | |
Country | India |
State | Lakshadweep |
District | Lakshadweep |
އާބާދީ (2011) | |
• Total | 10,447 |
ފަންވަތް:Pluralize from text | ފަންވަތް:Pluralize from text |
Languages | |
• Official | Mahl, Malayalam |
Time zone | UTC+5:30 (IST) |
PIN | 682559 |
ފަންވަތް:Pluralize from text | ފަންވަތް:Pluralize from text |
މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޖަޒީރާގެ ތެރޭގައި ހިމެނިފައިވާ 2 ވަނަ އަށް އެންމެ ބޮޑު ރަށެވެ. މި ރަށް އޮތީ ދިވެހިރާއްޖެ އަށް ވުރެ އުތުރުގައެވެ. އިނގިރޭސި ބަހުން މިރަށަށް ކިޔަނީ Minicoy އެވެ. މި ރަށާ އެންމެ ކައިރީގައި އޮތް ރަށަކީ ދިވެހިރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނެވެ. އިދާރީ ގޮތުން މަލިކަކީ ހިންދުސްތާނުގެ ލަކްޝަދްވީޕް ޓެރިޓަރީގެ ދަށުން ހިނގާ ރަށެކެވެ.
މަލިކު އަތޮޅު (Maliku Atoll) ނުވަތަ މިނިކޮއި އަތޮޅު (Minicoy Atoll) އަކީ، ދުނިޔޭގައިވާ މުރަކައިގެ ޖަޒީރާތަކުގެ ތެރެއިން ބޮޑު ޖަޒީރާއެކެވެ. އެ ޖަޒީރާ އޮންނަނީ، ލަކްޝަދުވީޕު އިއްތިޙާދު ޓެރިޓަރީ (Union Territory of Lakshadweep) ގެ ދެކުނުގަ އެވެ. ލަކްޝަދްވީޕަކީ އިންޑިއާގެ ބަޔެކެވެ. މަލިކު އޮންނަނީ، (Kalpeni) ގެ ހުޅަނގު ދެކުނުން 201 ކިލޯމީޓަރ ދުރުގަ އެވެ. އަދި ދިވެހިރާއްޖޭގެ ތުރާކުނު (Thuraakunu) ގެ އުތުރުން 125 ކިލޯމީޓަރު ދުރުގަ އެވެ. މަލިކު އަތޮޅުގެ ދިގުމިނަކީ، 10 ކިލޯމީޓަރެވެ. އެ އަތޮޅުގެ އެންމެ ފުޅާ ހިސާބުގައި ހުންނަނީ، 6 ކިލޯމީޓަރެވެ. ޖޯގްރަފީގެ ގޮތުން ބަލާއިރު، އެއީ، އިންވެސްޓިގޭޓަރ ބޭންކް (Investigator Bank) ފަދަ އަތޮޅެކެވެ.
ޖަޒީރާތައް
[އުނިއިތުރު ގެންނަވާ]މަލިކު އަތޮޅުގައި އޮންނަނީ އެންމެ ދެ ޖަޒީރާ އެވެ. އެއީ، މަލިކު ޖަޒީރާ އާއި، ވިރިނގިލި ޖަޒީރާ އެވެ.
މަލިކު (Maliku) ޖަޒީރާ އަށް މިނިކޮއި (Minicoy) ޖަޒީރާ ވެސް ކިޔެ އެވެ. މަލިކު އަތޮޅުގައި މީހުން ވަޒަންވެރިވެ، ރަށްވެހިވެގެން ދިރިއުޅެނީ އެ ރަށުގަ އެވެ. އެ ރަށް އޮންނަނީ، އަތޮޅުގެ އިރު ދެކުނު ފަރާތު ގެ ފަރާ އިންވެގެންނެވެ. މި ޖަޒީރާގެ އުތުރުކޮޅުން ދެކުނު ކޮޅަށް 10 ކިލޯމީޓަރ ހުރެ އެވެ. މި ޖަޒީރާގެ ދެކުނު ބައިގެ ފުޅާމިނުގައި ހުންނަނީ 1 ކިލޯމީޓަރެވެ. އުތުރު ކޮޅުގެ ފުޅާމިން ހުންނަނީ، އެކި ތަންތަނުގައި އެކިވަރަށެވެ. މައިގަނޑު ގޮތެއްގައި 100 މީޓަރަށްވުރެ ކުޑަ އެވެ.
މަލިކުގައި އެންމެ ގިނައިން ހެދެނީ، ދިވެހިރުކެވެ. އެ ޖަޒީރާގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ލޭންޑްމާކް (Landmarks) އަކީ، އުސް ލައިޓްހައުސް (Tall lighthouse) އެކެވެ. ވިހިވަނަ ޤަރުނުގެ މެދުތެރެއާ ހަމައަށް، މަލިކަށް ދަތުރުކުރުކޮށް އުޅުނު ހުވަދޫ މީހުން އެއަށް ކިޔާފައިވަނީ، "މަލިކު ބައްތިޔާ" އެވެ.
ލަކްޝަދީބު އިއްތިޙާދު ޓެރިޓަރީ (Union Territory of Lakshadweep) ގެ އަހުލުވެރިން ވާހަކަދައްކާ ބަހާ، މަލިކު މީހުން ވާހަކަދައްކާ ބަސް ތަފާތެވެ. އެހެނީ، މަލިކު މީހުން ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. މަލިކު މީހުން ދިވެހި ބަހަށް ކިޔަނީ، "މަހަލް" (Mahl) އެވެ. މަހަލް ގެ އަޞްލަކީ، ޢަރަބި ބަހުގެ މަޙައްލު (محل) ކަމަށް ބެލެވެ އެވެ. މަޙައްލު ގެ މާނައަކީ، ތަނެވެ. އެހެންވީމާ، އެއިން މާނަކުރެވެނީ، ތަނުގެ ބަސް ކަމަށް ބުނާފަދަ އެވެ. ދިވެހިރާއްޖެ އަށް ކުރިން ކިޔަނީ މަޙައްލު ދީބު (محل ديب) އެވެ. ދިވެހިން ކިޔައިއުޅުނީ، މަޙަލްދީބު އެވެ. މަލިކާ ދިވެހިރާއްޖެއާ ދެމެދުގައި ވަރަށްގިނަ ސަގާފީ ގުޅުންތައް ވެ އެވެ.
މަލިކު އަތޮޅުގައި ހިމެނޭ އަނެއް ޖަޒީރާއަކީ، ވިރިނގިލި (Viringili) އެވެ. އެރަށް އޮންނަނީ، އަތޮޅުގެ ފަރުގެ ހުޅަނގު ދެކުނު ފަރާ އިންވެގެންނެވެ. އެ ރަށުގެ ދިގުމިނުގައި 200 މީޓަރު ހަމަވަނީ ކިރިޔަކިރިޔާ އެވެ. ދިވެހި ރާއްޖޭގައި މިނަން (Viringili) ކިޔާ އެއްރަށަށްވުރެ ގިނަ ރަށް އޮންނަކަން ފާހަގަކޮށްލަން ޖެހެ އެވެ. ނަމަވެސް ނަމަށް ކުޑަ ބަދަލެއް ގެނެވިފައިވެ އެވެ. އެއީ، "ރ" ގެ ބަދަލުގައި "ލ" ބޭނުންކޮށްގެން ދިވެހިން ކިޔަނީ، ވިލިނގިލި (Villingili) އެވެ. ނަމަވެސް މި ނަމުގެ އަޞްލު ވަރަށް ފަހަކާ ޖެހެންދެން ވެސް، ދިވެހިރާއްޖޭގެ ހުވަދޫ ބަހުގައި އޮތެވެ. ހުވަދު އަތޮޅުގައި "ވިލިނގިލި" ނަމަކަށް ކިޔާ ރަށެއް ވެ އެވެ. އެއަތޮޅު ބައެއް ރަށްރަށު މީހުން، އެމީހުންގެ އަމިއްލަ ބަހުން އެރަށަށް "ވިރިގިއްލާ" އެވެ، ކިޔައިއުޅުނެވެ. ހުވަދޫ ބަހުން މިނަން ކިޔާއިރު، ލާމާއި ގާފާ ދެމެދުގައި ހުސްނޫނެއް ނޯވެ އެވެ. ބަސް ބަދަލުވާ ހަމަތަކުގެ މަތިން "ވިރިގިއްލާ" މާލޭ ބަހަށް ބަދަލުވާއިރު އޮންނާނީ، "ވިރިނގިލި"، މިހެންނެވެ. ކުރިން އިޝާރާތްކުރި ފަދައިން، މަލިކު އަތޮޅުގައި އޮންނަ ވިރިނގިލީ ގައި މީހުން ދިރިއެއް ނޫޅެ އެވެ. އެއީ ފަޅުރަށެކެވެ. ނަމަވެސް، ލެޕްރެސީ ބަލި ޖެހޭ މީހުން (Lepers) ކުރިން އެރަށަށް ފޮނުވާލެވެ އެވެ. އެރަށުގައި އެމީހުން ދިރިއުޅެފައިވަނީ، ވަރަށް ދަތި ޙާލުގަ އެވެ.
މަލިކު ކަނޑު
[އުނިއިތުރު ގެންނަވާ]މަލިކު ކަނޑެވެ، ކިޔަނީ، މަލިކާއި ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅާ ދެމެދުގައިވާ ކަނޑަށެވެ. ބައެއް ޗާޓްތަކުގައި އެކަނޑަށް ކިޔާފައިވަނީ، "އެއިޓް ޑިގްރީ ކެނަލް" (Eight Degree Channel) އެވެ. މިނޫން ނަންތައް ވެސް އެ ކަނޑަށް ކިޔާފައިވެ އެވެ. އެއިން އެއް ނަމަކީ، "އަޑިގިރި ކަނޑު" (Addigiri Kandu) އެވެ. އަނެއް ނަމަކީ، "މާމަލޭ ކަނޑު" (Mamale Kandu) އެވެ. ފަރަންސޭސި ޗާޓުތަކުގައި އެކަނޑަށް ކިޔާފައިވަނީ، (Courant de Malicut) އެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]މަލިކު އަތޮޅަކީ، ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. ނަމަވެސް ޖޯގްރަފީ އާއި އިޖުތިމާޢީ ޙާލަތު ނިޔާކުރި ގޮތުން އެ އަތޮޅު ވަނީ ދިވެހިރާއްޖެއިން ވަކިވެފަ އެވެ. މީލާދީ ސަނަތުން 16 ވަނަ ޤަރުނުގެ މެދުތެރެއަށްވުރެ ކުރީގައި މަލިކު އަތޮޅު ތަމްސީލުކުރަނީ، ދިވެހިރާއްޖޭގެ އެންމެ އުތުރު ކޮޅުގެ ސަރަޙައްދެވެ. މިހާރު މަލިކު އަތޮޅު އޮންނަނީ އިދާރީ ގޮތުން އިންޑިއާގެ ލަކްޝަދުވީޕުގެ ދަށުގަ އެވެ. ދިވެހިރާއްޖެއިން ވަކިވެގެން އިންޑިއާގެ ދަށަށް ދިޔައީ މަލިކު މީހުން އަމިއްލައަށެވެ. އެމީހުން އެގޮތް ބޭނުންވީ، ދިވެހިރާއްޖެއިން އެމީހުންނަށް ކުރިމަތިވަމުންދިޔަ ބައެއް ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެވެ އެވެ.
އިންޑިއާ އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރަސްމީ ގޮތުން ކަނޑައެޅި އެކަމުގެ މުޢާހަދާއަށް އެއްބަސްވެވުނީ، 1976 ވަނަ އަހަރުގެ ޑިސެމްބަރ މަހުގަ އެވެ. އެ މުޢާހަދާގައިވާ ގޮތުން މަލިކު ގޮސްފައިވަނީ، އިންޑިއާގެ ސަރަޙައްދަށެވެ. އެހެންކަމުން މިހާރު މަލިކު ހޯދަން ދިވެހިން ދަޢުވާކުރާނެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ކުރީގެ މިނިސްޓަރ އޮފް އެޓޯލްސް، ޢަބްދު ﷲ ޙަމީދު ވަނީ، މަލިކަކީ، ދިވެހިރާއްޖޭގެ ބައެއް ކަމަށް ބުނެފަ އެވެ. އޭނާ އެކަން އިޢުލާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، 26 ޖުލައި 1982 ވަނަ އަހަރު ވާހަކަދައްކަމުންނެވެ. އޭނާއަކީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ އެއްބަފާ އަޚެކެވެ.
ކޮންމެއަކަސް، ޙަމީދު ދެއްކި ވާހަކައިގެ ސަބަބުން އިންޑިއާ އާއި، ދިވެހިރާއްޖެއާ ދެމެދުގައި ސިޔާސީ މައްސަލައެއް އުފެދުނެވެ. އެމައްސަލަ ޙައްލުކުރުމަށްޓަކައި، ރައީސް މައުމޫނު، އޭނާގެ ކޮއްކޮ ޙަމީދުގެ ވާހަކަ ތަރުޖަމާކުރަން މަޖުބޫރުވި އެވެ. މައުމޫނު ތަރުޖަމާކުރި ގޮތުގައި، އޭނާގެ ކޮއްކޮ ޙަމީދުގެ މަޤުޞަދަކީ، "ދިވެހިރާއްޖެއާއި މަލިކާ ދެމެދުގައި، ބަހާއި، ސަގާފަތާއި، ދީނުގެ ގޮތުން ގުޅުންތަކެއް ވާކަމެވެ. މަލިކު ހޯދުމަށްޓަކައި ދަޢުވާއެއް އުފުލާކަށް ދިވެހިރާއްޖެއަކުން ނޫޅޭނެ އެވެ." ރައީސް މައުމޫނުގެ މި ތަރުޖަމާއިން އެ މައްސަލަ ނިމުމަކަށް އަޔެވެ.
ޚުލާޞާ
[އުނިއިތުރު ގެންނަވާ]އިދާރީ ނަން: މިނިކޮއި (Minicoy) އަތޮޅުގެ ނަން: މަލިކު އަތޮޅު (Maliku Atoll) އޮންނަ ތަން: އިންޑިއާ ކަނޑު އާބާދީ: 9495 ރަށްތަކުގެ ޢަދަދު: 2 މީހުން ދިރިއުޅޭ ރަށްތަކުގެ ޢަދަދު: 1 (މަލިކު - Maliku) ފަޅުރަށްތަކުގެ ޢަދަދު: 1 (ވިރިނގިލި Viringili ނުވަތަ ވިލިނގިލި Villingili)